ހަބަރު

ކައުންސިލްތަކަށް ނަތީޖާ ހާސިލް ކުރެވޭނީ ހައިބްރިޑް ނިޒާމަކަށް ބަދަލުވެގެން: އުމަރު

Aug 6, 2015

ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް ވެސް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވޭނީ، ވީހާ ވެސް މަދު މުވައްޒަފުންތަކެއް ބޭނުންކޮށްގެން މަސައްކަތްތައް ކުރެވޭނެ ނިޒާމެއް އެކުލަވާލެވިގެން ކަމަށް ހޯމް މިނިސްޓަރު އުމަތު ނަސީރު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތައް، "ހައިބްރިޑް ނިޒާމަކަށް" ބަދަލު ކުރުމަށް މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު އުމަރު ވިދާޅުވީ ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ކާމިޔާބު ނިޒާމަކީ ވީހާ ވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތްތައް ރާވާލުމެވެ. އެފަދަ ނިޒާމެއްގެ ސަބަބުން ހަރަދު ކުޑަވެ، މަސައްކަތުގެ ފެންވަރާއި ހިދުމަތް ވެސް ރަނގަޅު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ނިޒާމް ކައުންސިލްތަކަށް ވެސް ގެނެވިއްޖެ ނަމަ ކައުންސިލްތަކުން ދޭ ހިދުމަތްތައް ވެސް ވަރަށް ބޮޑު ތަނުން ރަނގަޅު ކުރެވޭނެ. މިޒަމާނުގައި ގިނަ މީހުން ތަކެށް ލާގެން މަސައްކަތް ކުރުމުގެ ބަދަލުގައި މަދުމީހުން ބޭނުން ކޮށްގެން ރަނގަޅު ނަތީޖާ އެއް ނެރުން،" އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވާ އުމަރު ވިދާޅުވި އެވެ.

ހައިބްރިޑް މޮޑެލްއަކީ އެތައް މަސައްކަތެއް ކުރެވޭ މަދު މުވައްޒަފުންތަކެއް ލައިގެން އޮފީސް ހިންގުމުގެ މޮޑެލްއެކެވެ.

އެ ބައްދަލުވުމުގައި ކޮމިޝަންގެ ޑިރެކްޓަރު ޖެނަރަލް މުސްތަފާ ލުތުފީ ވިދާޅުވީ ހައިބްރިޑް މޮޑެލް އަށް ކައުންސިލް އިދާރާ ތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ތަމްރީން ކުރުމުގެ ބޭނުމަކީ އެ އިދާރާ ތަކުން ދޭ ހިދުމަތް ރަނގަޅު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ އަވަހަށް ހިދުމަތްދޭ ބޭނުން ތަކަށް ފަރިތަ ގާބިލް މަލްޓި ޓާސްކިން މުވައްޒިފުން އުފަށްދާ އެކަހަލަ އޮނިގަނޑަކަށް ބަދަލު ކުރުން،" މުސްތަފާ ވިދާޅުވި އެވެ.

މި މަޝްވަރާ ބައްދަލު ވުމުގައި ހޯމް މިނިސްޓަރު ގެ އިތުރުން ސިވިލް ސާވިސް ގެ ނައިބު ރައީސް ވެސް ބައިވެރި ވިއެވެ.