ހަބަރު

އާބިޓްރޭޝަނާބެހޭ މުއާހަދާގައި ރާއްޖޭން ސޮއިކޮށްފި

ކޮންވެންޝަން އޮން ރިކޮގިނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވާޑްސް (ނިއުޔޯކް ކޮންވެންޝަން)ގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މި ކޮންވެންޝަންގައި ސޮއިކުރިކަން ހާމަކޮށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވީ، ރާއްޖެއިން ނިއުޔޯކް ކޮންވެންޝަންއާ ގުޅުމުގެ ސަބަބުން، ސަރުކާރުން ރާއްޖޭގައި ފުރިހަމަ އާބިޓްރޭޝަން ނިޒާމެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަށް މުޅިންހެން ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޮންވެންޝަންގައި ބައިވެރިވުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ފޮރިން އިންވެސްޓަރުންނަށް ދޭން ބޭނުންވާ އިތުބާރު ދެވުމުގެ އިތުރުން، ރާއްޖޭގައި ފޮރިން އިންވެސްޓްމެންޓުތަށް ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށް ވެސް، ރިފްއަތު ވިދާޅުވި އެވެ.

މި ކޮންވެންޝަންގަ ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ރިފްއަތު އިތުރަށް ވިދާޅުވީ، ކޮންވެންޝަންގައި ސޮއިކުރުމުގެ ސަބަބުން ބައިނަލްއަގްވާމީ އެގްރީމެންޓުތަކާއި ގުޅުން ހުރި މައްސަލަތަކުގައި ގޮތް ނިންމުމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ކޮންވެންޝަންގު ސަބަބުން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓުތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރުމަށް ރާއްޖޭގެ ކޯޓުތަކަށް ލާޒިމު ވެގެންދާނެ އެވެ. ރާއްޖެއަކީ ނިއުޔޯކް ކޮންވެންޝަންގައި ސޮއިކުރި 161 ވަނަ ގައުމެވެ. ނިއުޔޯކް ކޮންވެންޝަންއަކީ 1965 ވަނަ އަހަރުން ފެށިގެން އާބިޓްރޭޝަން މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކޮންވެންޝަން އެކެވެ.