ބޮލީވުޑް

އައިފާ އެވޯޑުގައި ސާރާގެ ޚާއްސަ ސަޕްރައިޒް އައިޓަމެއް

ސާރާ އަލީ ޚާން އަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ. މި ފަހަރުގެ އައިފާ އެވޯޑު ހަފުލާގައި ސާރާ ފުރަތަމަ ފަހަރަށް ޕާފޯމް ކުރަން ވަނީ ހަމަޖެހިފަ އެވެ. ސާރާގެ ޕާފޯމަންސްގައި ވަރަށް ޚާއްސަ ސަޕްރައިޒެއް ވެސް އޮންނާނެ ކަމަށް އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ސާރާ ބުންޏެވެ.

"އަހަރެން ޕާފޯމް ކުރާނީ އަހަރެންގެ ފިލްމުގެ ލަވަތަކަށް. އެއާއެކު ވަރަށް ޚާއްސަ އިތުރު ކަމެއް އޮންނާނެ. އެއީ މަންމަ އާއި ބައްޕަގެ މަޝްހޫރު ލަވަތަކަކަށް ނެށުން،" ސާރާ ބުންޏެވެ.

ސާރާ ބުނީ އިންޑަސްޓްރީން އޭނާ ބަލައިގަތުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އައިފާ އެވޯޑުގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބުމަކީ ފިލްމު އިންޑަސްޓްރީން އޭނާ އަށް މަރުހަބާކިޔާފައިވާ ކަމުގެ ހެއްކެއް ކަމަށް ސާރާ ގަބޫލު ކުރެ އެވެ.

އައިފާ އާއި ސާރާގެ ގުޅުމުގެ ދިގު މާޒީއެއް އެބައޮތެވެ. ވަރަށް ކުޑައިރުއްސުރެ ސާރާ އައިފާ އެވޯޑު ހަފުލާ ބަލައެވެ. އަދި އެވޯޑު އޮންނަ އެކި ގައުމުތަކަށް ސާރާ ވަނީ ބައްޕަ ސައިފް އަލީ ޚާން އާއެކު ދަތުރު ކޮށްފަ އެވެ. މިދިޔަ އަހަރު ވެސް އޭނާ ބައްޕައާއެކު އައިފާ އެވޯޑު ހަފުލާ އަށް ނިއު ޖާސީ އަށް ދިޔަ އެވެ. ނަމަވެސް އޭނާއަށް ދައުވަތު ނުލިބޭ ކަމަށް ބުނެ ބައްޕަ އޭނާ އެ ރަސްމިއްޔާތަށް ނުގެންދިޔަ އެވެ.

"ކެދާރްނާތު" އިން ފިލްމީ ދުނިޔެއަށް ނުކުތް ސާރާގެ ޝެޑިއުލް މިހާރު އޮތީ ވަރަށް ފުލް ކޮށެވެ. ނަމަވެސް ވަގުތު ހޯދައިގެން އޭނާ ދަނީ އައިފާގެ ޕާފޯމަންސަށް ޕްރެކްޓިސް ކުރަމުންނެވެ.

ސާރާ ބުނީ ވަރުން ދަވަން އާއެކު ކުޅޭ "ކޫލީ ނަންބަރު 1"ގެ ޝޫޓިންގްގައި ބިޒީކޮށް އުޅޭތީ ނެށުން ޕްރެކްޓިސް ކުރާނެ ވަގުތު ވަރަށް ނުވާ ކަމަށެވެ.