ޕޮންޑްސް ލޭބަލް ޖަހާފައިވާ ކްރީމެއް އުނގުޅައިގެން އެމެރިކާގެ ކެލިފޯނިއާގެ 47 އަހަރުގެ އަންހެނަކު ކޯމާއަށް ހިނގައްޖެ އެވެ. މި ކްރީމަށް ހުރީ މެތަލްމާކަރީ އެއްކޮށްފަ އެވެ. މިއީ މެތަލްމާކަރީން ވިހަ ވެގެން ރިޕޯޓްކުރި ފުރަތަމަ ކޭސް ކަމަށް ވެއެވެ.
އެ އަންހެންމީހާގެ ފިރިހެންދަރިފުޅު އެމެރިކާގެ ނޫހަކާ ވާޙަކަ ދައްކަމުން ބުނެފައިވަނީ ޖުލައި މަހުން ފެށިގެން އޭނާގެ މަންމައަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ކުރަމުންދާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ދިޔައީ މޫނާއި އަތް އައްސިވެ އަނގައިގައި ވެސް ވަރު ނެތި ހިނގުމަށް ވެސް ދަތި ވެގެންނެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ ފުރަތަމަ ކޮޅު އެ އަންހެންމީހާއަށް މީހުން ގޮވީމަ އެނގުނު ނަމަވެސް ފަހުން ކޯމާއަށް ދިޔައީ އެވެ.
އިންސާނެއްގެ ހަށިގަނޑުގައި މާކަރީ ހުރުން އެކަށީގެންވާ މިންވަރަށް ވުރެ 500 ގުނަ އިތުރަށް އެ އަންހެންމީހާގެ ހަށިގަނޑުގައި މާކަރީ ހުރި ކަމަށް އޭނާއަށް ފަރުވާދޭ ސިއްހީ މާހިރުން ވިދާޅުވެފައި ވެއެވެ.
އެ އަންހެންމީހާ މިހާ ބޮޑަށް ވިހަވި ސަބަބެއް ދެނެގަތުމަށް އޭނާ ބޭނުންކުރަމުންދިޔަ ކޮސްމެޓިކްސް ޑޮކްޓަރުން ވަނީ ޓެސްޓް ކޮށްފަ އެވެ. އެ މީހާ އުނގުޅަމުންދިޔަ ފޭސް ކްރީމް އެއްގައި ވަރަށް މަތީ މިންވަރަކަށް މާކަރީ ހުރިކަން އެނގުނީ މި ޓެސްޓްތަކުންނެވެ. މެތަލްމާކަރީ އަކީ މާކަރީގެ ވަރަށް ވިހަ ވައްތަރެކެވެ.
އެ އަންހެންމީހާ މި ކްރީމް ހޯދާފައިވަނީ މެކްސިކޯއިން މި ތަކެތި ގަވާއިދާ ޚިލާފަށް އިމްޕޯޓްކުރާ ބައެއްގެ އަތުން ކަމަށް ހެލްތް އޮފިޝަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މި ކްރީމް ބޭނުންކުރަނީ ހަންގަނޑުގެ ކުލަ އަލިކުރުމަށާއި ހަމުގައި ހުންނަ ރޫތަކާއި ލައްތައް ފިލުވުމަށެވެ.
މި ސްޓޭޓްމަންޓްގައި ބުނެފައިވާ ގޮތުގައި ޕޮންޑްސް ރަސްމީކޮށް އުފައްދާ ފަރާތުން އެއަށް މާކަރީ އަޅާފައެއް ނެތެވެ.
ނަމަވެސް އެ ގަނެގެން ގަޑުބަޑުކޮށްގެން އެހެން ބަޔަކު އެ ވިއްކާއިރު އެއަށް މާކަރީ މާގިނައިން އަޅާފައި ހުންނަނީ އެވެ.
އެންބީސީ ނިއުސް އަށް ޕޮންޑްސް އިން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތުގެ އުފެއްދުންތަކުގައި އެއްގޮތަކަށް ވެސް މާކަރީ ބޭނުން ނުކުރާ ކަމަށެވެ. އަދި މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ އެފަރާތުގެ ހުއްދައާއެކު ޕޮންޑްސްގެ އުފެއްދުންތަކުގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިކަމާ ގުޅޭ މަޝްވަރާތައް ކޮށް ޕޮންޑްސް އުފެއްދުންތަކަކީ ރައްކާތެރިކަމާއެކު ފިހާރަތަކުން ގަންނަން ލިބޭ އެއްޗެތިކަން ޔަގީންކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ޒީނަތްތެރިވުމަށް ބޭނުންކުރާ އެކި ސާމާނު ގަނެ އެ ގަޑުބަޑު ކޮށްގެން ވިއްކުމަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ މައްސަލަ އެކެވެ.
މާކަރީ އަޅައިގެން ސްކިން ކްރީމް ގަޑުބަޑު ކުރަނީ އޭގެ ސަބަބުން މެލަނިން އުފެއްދުން ހުއްޓޭތީ އެވެ. ހަމުގެ ކުލަ އަނދިރިކޮށް ތިބޭ މީހުންނަކީ ހަށިގަނޑުގައި މެލަނިން ގިނައިން ހުންނަ މީހުންނެވެ. އެހެންކަމުން މެލަނިން ނޫފެދޭނަމަ ހަންގަނޑުގެ ކުލަ އަލިވެ އެވެ.
ނަމަވެސް މާކަރީ އަކީ އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުން ދޭ އެއްޗެކެވެ. އިންސާނުންގެ ނާވަސް ސިސްޓަމަށް މާކަރީ ވަދެ ބޮޑެތި ގެއްލުންތައް ދެ އެވެ. އަދި ސިކުނޑިއާ ހަމައަށް މާކަރީ ވާސިލުވެއްޖެނަމަ ހޮސްޕިޓަލުން ފަރުވާ ކުރިޔަސް އެ ތަކެތި ހަށިގަނޑުން ބޭރުކުރަން އުނދަގޫވާނެ އެވެ.
ސިއްހީ މާހިރުން މިހާރު އިންޒާރު ދެނީ ގަޑުބަޑުކޮށްފައި ހުންނަ ކްރީމްތައް ނޫގުޅުމަށެވެ. އެ ތަކެއްޗަކީ އަސްލު އުފައްދާ ފަރާތުގެ އެއްޗެއްކަން ޔަގީން ނުވާ އެއްޗެހި ބޭނުން ނުކުރުމަށެވެ.