ހަބަރު

ވިއްސާރާގައި ގެއްލުންވި ތިނަދޫގެ ގެތަކަށް ފައިސާގެ އެހީ ދީފި

މިދިޔަ ޖެނުއަރީ މަހު ގދ. ތިނަދޫއަށް ކުރި ވިއްސާރާގައި ގެއްލުންވި ގެތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފައިސާގެ އެހީ ދީފައިވާ ކަމަށް ތިނަދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަމްޖަދު އަލީ ވިދާޅުވީ ޖެނުއަރީ މަހު ކުރި ވިއްސާރާގައި ގެއްލުން ލިބި ގެތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން 83،000 ރުފިޔާ ދިނުމަށް ނިންމައި މިދިޔަ ހަފުތާގައި އެ ހުރިހާ ގެއަަކަށް އެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ފައިސާ ދީފައި ވަނީ 31 ގެއަކަށެވެ.

"83،000 ރުފިޔާ މިހާރު އެ ހުރިހާ ގެއަކަށް ވަނީ ހަވާލުކޮށްފައި، އެ ގެއެއްގެ ވެރިފަރާތުގެ ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާ ކޮށްފައި ވާނީ،" އަމްޖަދު އަލީ ވިދާޅުވި އެވެ.

ވިއްސާރަ މޫސުމުގައި އެންމެ ބޮޑަށް ފެން ބޮޑުވާ ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނެ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ތިނަދޫގައި ހަތް ޕަމްޕު ސްޓޭޝަނެއް ބެހެއްޓުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން މީގެ ކުރިން ބުނެފައިވެ އެވެ.