ދިރާގު

ދިރާގު ރޯޑްރޭހަށް ދުވުންތެރިން ތައްޔާރުވެއްޖެ

މި ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ދިރާގު ރޯޑްރޭހަށް ޕްރޮފެޝަނަލް ދުވުންތެރިން ތައްޔާރުވެއްޖެ އެވެ.

މިއަދު ދިރާގުގައި ބޭއްވި ހަފްލާއެއްގައި ރޯޑްރޭސްގައި ބައިވެރިވާ ޕްރޮފެޝަނަލް ދުވުންތެރިން ވަނީ މި ރޭހަށް އެމީހުން ވެފައިވާ ތައްޔާރީތައް ހިއްސާކޮށްފަ އެވެ.

ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ރޯޑު ރޭހުގެ ގޮތުގައި މަޝްހޫރުވެފައިވާ ރޭހުގައި، ފަސް ކީލޯ މީޓަރާއި 10 ކިލޯމީޓަރުގެ ކެޓަގަރީން ދުވާނެ އެވެ. ފަސް ކީލޯ މީޓަރުގެ ބައިވެރި ވެވޭނީ ހަތް އަހަރުން މަތީގެ ފަރާތްކަށެވެ. ދިހަ ކީލޯމީޓަރުގައި ބައިވެރި ވެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ. މި ދެ ކެޓަގަރީވެސް މިފަހަރު ދުވަނީ ވަކި ވަކިން ދެ ގަޑިއެއްގަ އެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ރޯޑްރޭސް ފަސް އަހަރު ކާމިޔާބުކުރި ދުވުންތެރިޔާ ޝިފާޒް މުހައްމަދު ބުނީ، ރޭހުގެ ދެ ކެޓަގަރީ ވަކި ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ އަހަރުތަކާ ހިލާފަށް މިހާރު ނެޝަނަލް ރެކޯޑު ހެދީމާ ބަލައިގަންނަ ކަމަށާއި މިހާރު ދިރާގު ރޯޑް ރޭހަކީ އެސޯސިއޭޝަން އިން ވެސް އެޕްރޫވްކޮށްފައިވާ އެއްޗެއް ކަމުން އެއީ ދުވުންތެރިންނަށްވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

" އެކުއްޖަކަށް ދުވުނު އެންމެ ބާރަކަށް ދުވެ ނެޝަނަލް ރެކޯޑެއް ހެދިޔަސް މިހާރު ބަލައިގަންނާނެ. ޓައިމިން ރަނގަޅު ކުރަންވެސް ހަމަ ދުވެވިދާނެ. މިއީ ވަރަށް ރަނގަޅު ފުރުސަތެއް"

ރާއްޖޭގެ ޓޮޕް އެތުލީޓުގެ ގޮތުގައި ފާހަގަވެފައިވާ ޝިފާޒް ބުނިގޮތުގައި މިކަހަލަ ރޭހެއްގައި ވިޔަސް އެހެން ރޭހެއްް ޖަހަން ވިޔަސް ޓްރެއިނިން ހެދުމުގެ މުހިއްމު ކަމަށެވެ. އަދި އަދި ހާއްސަކޮށް ހަވީރު އޮންނަ ފަސްކިލޯމީޓަރު ދުވުމުގައި އާއިލާތައް ގޮވައިގެން ބައިވެރިވާއިރު ރަނގަޅަށް ތައްޔާރުވެ ދުވަން އެރުމަކީ މުހިއްމު ކަމެއް ކަމަށް ބުންޏެވެ. ހާއްސަކޮށް މޫސުމާއި ވަގުތަށް ހޭނި އެ މޫސުމުގައި ދުވަންވެސް ދުރާލާ ތައްޔާރުވާން ޖެހޭނެ ކަން ފާހަގަކުރި އެވެ.

ހަފްލާގައި ބައިވެރިވި ރާއްޖޭގެ އެންމެ ޓޮޕް އަންހެން އެތުލީޓް މަރިޔަމް އަބްދުލް ކަަރީމް ބުނީ، މި ރޭހަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ތައްޔާރުވެ ހަށިގަނޑު ފިޓް ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ހަމައެކަނި ރޭހެއް ޖަހަން ދުވާ ދުވުމަކަށް ނަހަދައި އާދައަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޭހަށްވެސް ދިރާގުން ނުކުންނަނީ ހާއްސަ ޝިއާރެއް ކަނޑައަޅައިގެންނެވެ. މި އަހަރަށްވެސް ޝިއާރު ކަނޑައަޅާފައިވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށެވެ. މި ރޭހަށް ރަޖިސްޓްރީ ކުރުމަށް ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ބައިނަލްއަގުވާމީ މި ރޭހަކީ، ދިރާގުގެ 13 ވަނަ ރޯޑްރޭހެވެ.