ލައިފްސްޓައިލް

ކިނބިދޫ ސްކޫލުން ސާދާ ދިވެހިން ދައްކާލަނީ!

ސްކޫލްތަކުގެ ކޮންސެޓާއި ޝޯ ތަކުގައި ވަރަށް ގިނަ ފަހަރަށް އިނގިރޭސި ލަވައާއި ނެށުން އަދި އުމުރުފުރާ އާއި ނުގުޅޭ ލަވަތަކަށް ކުދިން ނަށާ މަންޒަރު ވަރަށް އާންމެވެ. ތަމްސީލުތައް ވެސް ޒަމާނުއްސުރެ ފެންނަމުން އައީ ސްޓޭޖްމަތިންނެވެ. ތ. ކިނބިދޫ ސްކޫލުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ސްކޫލްގެ ޑްރާމާ ފެސްޓިވަލް މުޅިން ތަފާތެވެ.

ކިނބިދޫ ސްކޫލުގެ ޑްރާމާތަކުގެ ޓްރެއިލާތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާއިރު، އެ ޓްރެއިލާތަކުން މުޅިންވެސް ފެންނަނީ ދިވެހި ސަގާފީ ދިވެހިންގެ ސާދާ ދިރިއުޅުމެވެ.

އެއް ޓްރެއިލާ އަކީ ފަސް ވަނަ ގްރޭޑްގެ ކުދިން އުފައްދާފައިވާ "ވިނަދޫ" ގެ ޓްރައިލާ އެވެ. މިއީ ދިވެހިންގެ ކެއިން ބުއިމުގެ ވައްޓަފާޅި ދައްކުވައި ދޭން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޑްރާމާ އެވެ. އެ ގޮތުން ދިވެހި ކެއުން މީރު ކުރަން ދިވެހި ރަހަތައް ލެއްވުމަށް ގެންގުޅޭ ތަކެއްޗާއި އުކުޅުތައް ދައްކުވައި ދެއެވެ. މި ޓްރެއިލާ އިން ފެންނަނީ ކާށި އެޅުމަށް ފަހު، ފޭރާ ބޭނުން ކޮށްގެން ކާށި ބޮނބިން ވަކިކޮށް ހުނި ގާނައި ދިވެހި ހަވާދު ދަވަން ކުދިން މަސައްކަތް ކުރާ މަންޒަރެވެ. އެ ކުދިން ފުރިހަމަ ދިވެހި ކެއުމެއް ތައްޔާރުކޮށްލާ މަންޒަރު ރީއްޗަށް ފެނެ އެވެ.

ކިނބިދޫ ސްކޫލް ޑްރާމާއެއްގެ ޓްރެއިލާ

އިތުރު އެހެން ޑްރާމާއެކެވެ. އެއީ "ބޭސްވެރި އާދަމްބެ" އެވެ. އެ ޑްރާމާގައި ދައްކުވައި ދެނީ ބަލި ކުއްޖަކަށް ދިވެހި ބޭސްވެރިކަމުގެ ފަރުވާ ދޭ މަންޒަރެވެ. ދިވެހި ބޭސްވެރިކަމަކީ މުހިއްމު ރޯލެއް އަދާކޮށްފައިވާ އެއްޗެއްކަން ބުނެދިނުމުގެ ގޮތުން ގެނެސްދޭ އެ ޑްރާމާގައި ދިވެހިބޭސް ހަދަން ބޭނުންކުރާ އެކި އެކި ތަކެއްޗާއި ބޭސް ފުޅިފުޅީގައި ލޭބަލްކޮށް ބަހައްޓާފައިވާ މަންޒަރު ޓްރެއިލާއިން ފެނެ އެވެ. އަދި އީދު ފާހަގަ ކުރާ ޑްރާމާއަށް "އަސްތާ އައިމީ އީދެކޭ" ނަމުން ނަންދީ ކިނބިދޫގައި އީދު ފާހަގަ ކުރަން ކުޅޭ ކުޅިވަރުތައް ފުރިހަމައަށް ދައްކުވައި ދެއެވެ.

"ބޭސްވެރި އާދަންބެ" ޑްރާމާގެ ޓްރެއިލަރ

އެ ސްކޫލުން ދެން ދޫކޮށްލާފައި ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ގެ "ގަސްރަކުން މަލަ ފެވޭ" މި ލަވައަށް ހަދާފައިވާ ދިވެހި ސާދާ ދިރިއުޅުން ދައްކުވާދޭ ކުޑަ ވީޑިއޯކޮޅެކެވެ. އެއީ "މުހައްމަދުބޭގެ ދަތުރެ" ވެ. އެ ޑްރާމާގެ ޓްރެއިލާއަކަށް ދައްކުވާދޭ މި ވީޑިއޯއިން ވަރަށް ދިވެހިވަންތަ ވައިބެއް ގެނެސް ދެއެވެ.

ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި މިއީ އެ ސްކޫލުގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް 2016 ވަނަ އަހަރުން ފެށިގެން ގެނެސްފައިވާ ބަދަލާ ގުޅިގެން އައި ކަމެކެވެ.

"އަޅުގަނޑުމެންގެ އުނގަންނާދިނުން ބައްޓައްކުރެވިފައިވާނީ ކަރިކުލަމްގައި ހިމެނޭ ހުރިހާ އައުޓުކަމްތަކެއް ދަރިވަރުން އަމިއްލައަށް ކުރާ ކަންތައްތަކެއްގެ މައްޗަށް އެކުލެވިފައިވާ ތަފާތު 16 އިވެންޓުގެ މައްޗަށް. މި ޑުރާމާ ފެސްޓިވަލަކީ މީގެ ތެރެއިން އެއް އިވެންޓް."

މި އިވެންޓުގެ ތެރެއިން ދަރިވަރުން ހާސިލް ކުރާނީ ކަރިކިއުލަމުގައި ހިމެނޭ "ކަލްޗާ އެންޑް އައިޑެންޓިޓީ" އެވެ. މިއިވެންޓް ތައްޔާރު ކޮށްފައި ވަނީ ޓީޗަރުންގެ އެހީތެރިކަމާއެކު ދަރިވަރުން އަމިއްލައަށް ޕްލޮޓްކޮށް ޑައެލޮގް ލިޔެގެނެވެ. ސްކޫލްގެ 10 ވަނަ ގްރޭޑް ފިޔަވައި ކޮންމެ ގްރޭޑްއަކުން އެއް ޑްރާމާ ނެރޭނެ އެވެ.

މި ފެސްޓިވަލްގައި ދެން ހިމެނެނީ ދިވެހި ތޯތޯ ވާހަކަ އާއި ދިވެހި މަސައްކަތްތެރި ކަމާއި އިހުޒަމާނުގެ ތައުލީމާއި ރަށްފުށު ސާދާ ދިރިއުޅުމެވެ. އެ ސްކޫލްން ބުނާ ގޮތުގައި އެ އުފެއްދުންތަކުގެ ތެރެއިން ދިވެހި އާދަކާދަ އާއި ސަގާފާތަށް ކުދިންގެ ލޯހުޅުވި ފޮތާއި ދެލިގަނޑުގެ ބޭރުން ކަންކަން ދަސްކުރަން ފުރުސަތު ލިބޭނެ އެވެ.

އަންނަ ހޮނިހިރު ދުވަހު ފެސްޓިވަލް ނިމުމާއެކު ޑްރާމާތައް އާއްމުކުރާނެ އެވެ މިހާރު މިފެންނަ ޓްރެއިލާ ބެލުމަށްފަހު ކޮންމެ އެންމެންވެސް ތަފާތު މި ނުވަ ޑްރާމާ ބަލައިލަން ބޭނުންވާނެ އެވެ.