ދީނީ އިލްމުވެރިން

ހެދުން އެޅުމުގައި ހުސައިން ރަޝީދުގެ ފަތުވާ ދެގޮތަށް!

Sep 18, 2019
18

ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުުރައްވާ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެމަނިކުފާނުގެ ދިފާއު ކުރައްވާ ދީނީ އިލްމުވެރިޔާ ޝައިހު ހުސައިން ރަޝީދު އަހުމަދު ދެއްކެވި ވާހަކަފުޅު މީގެ ކުރިން ދައްކަވާފައިވ ވާހަކަފުޅާ ތަފާުތުވެއްޖެ އެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދިވެހިންގެ ތެރެއަށް ބުރުގާ އެޅުން ތައާރަފުވުމުގެ ކުރިން ދިވެހިން ލައި އުޅުނު ހެދުން ދޫކޮށްލުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި އެ ރަސްމިއްޔާތުގައި ވިދާޅުވީ ގޮތް ބަދަލު ނުކޮށް އެ ގޮތުގައި ތިބުމަށް ގޮވާލައްވާ ކަމަށެވެ.

އެ ވާހަކަފުޅާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ކަން އޮތް ގޮތް އޮޅުން ފިލުވައި ދޭން މަސައްކަތް ކުރައްވާފަ އެވެ.

އެ މައްސަލަ ބޮޑު ބަހުސަކަށް ވެފައި ވަނިކޮށް ރައީސް ނަޝީދު ދިފާއު ކުރައްވާ ހުސައިން ރަޝީދު ވިދާޅުވީ ވަކި ހެދުމެއް، އަދި ވަކި ކަހަލަ ގޮތަކަށް ހެދުން އަޅަން އިސްލާމްދީނުގައި އަންގަވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ "ކޮންމެ ބަޔަކުވެސް އަޅާނީ އެބައެއްގެ ސަގާފީ ހެދުމެއް." ކަމަށެވެ.

ހުސައިން ރަޝީދު އެހެން ވިދާޅުވުމުން ބައެއް އިލްމުވެރިން ވަނީ ހަމަ މައްސަލާގައި ހުސައިން ރަޝީދު ފަތުވާ ބަދަލުވެފައިވާ ކަމަށް ވިދާޅުވެ، ކުރިން އޭނާ ދައްކަވާފައިވާ ވާހަކަތަކެއް އާންމު ކޮށްފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތަކާއި ދެކޮޅަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވަނީ މައުމޫންގެ ވެރިކަމުގެ އެ ދުވަސްވަރު މޫނު ބުރުގާ އެޅުން ހުއްޓުވުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް އޭޖީ އޮފީހުން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މޫނު ބުރުގާ އަޅާ އަންހެނުންގެ މައްސަލަ ޝަރީއަތަށް ފޮނުވާ އަދަބު ދިނުމަށް ރާވަމުންދާކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ވަކި ކަހަލަ ހެދުމެއް، އަދި ވަކި ގޮތަކަށް ހެދުން އަޅާކަށް އިސްލާމްދީނުގައި އަންގަވާފަ ނެތް. ކޮންމެ ބަޔަކުވެސް އަޅާނީ އެބައެއްގެ ސަގާފީ ހެދުމެއް
ހުސައިން ރަޝީދު އަހުމަދު | ދީނީ އިލްމުވެރިއެއް



އެ ޖަލްސާގައި ހުސައިން ރަޝީދު ވަނީ މޫނު ބުރުގާގެ ހުކުމް ވެސް ބަޔާން ކޮށްދެއްވާފަ އެވެ. ނަމަވެސް އެފަހަރު ދިވެހިން އަޅަންވާނީ ދިވެހިންގެ ސަގާފީ ހެދުމެކޭ ވިދާޅުވެފައެއް ނުވެއެވެ. އޭރު ވިދާޅުވެފައި ވަނީ ދީނުގެ ގިނަ އިލްމުވެރިންގެ ނަޒަރުގައި މޫނު ބުރުގާ އެޅުމަކީ ވާޖިބެއް ކަމަށެވެ. އަދި މަދު އިލްމުވެރިއަކު އެއީ ސުންނަތެއް ކަމަށް ވިދާޅުވާ ކަމަށާ "ބުރުގާގެ މައްސަލައަކީ ކަނޑައެޅިގެން ގުރުއާނާ ސުންނަތުން ސާބިތުވާ ކަމެއް" ކަމަށެވެ.

"ދީނުގެ އިލްމުވެރިންގެ ތެރެއިން ގިނަ އިލްމުވެރިން ވިދާޅުވަނީ މޫނު ބުރުގާ އެޅުމަކީ ވާޖިބޭ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ ވާޖިބެއް ނޫނޭ ސުންނަތެކޭ.. ދީނުގެ މައްސަލައެއް މިއީ އިނގޭތޯ؟ ކަނޑައެޅިގެން ގުރުއާނާ ސުންނަތުން ސާބިތުވާ މައްސަލައެއް އިނގޭތޯ؟" ހުސައިން ރަޝީދު ވިދާޅުވިއެވެ.

އެ ޖަލްސާގައި ހުސައިން ރަޝީދު ވަނީ، ބުރުގާއަކީ އިސްލާމްދީނުގެ ޝިއާރެއް ކަމަށް ސިފަ ކުރައްވާ އެކަން ފާޅު ކުރުން މަނާ ކުރަން ރައީސް މައުމޫން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ނުބައިވެގެންވާ މަކަރުވެރި ރޭވުމެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.

ހުސައިން ރަޝީދު ކުރިން ދެއްކެވި ވާހަކަފުޅު

ރައީސް ނަޝީދުގެ ވާހަކަފުޅު ދިފާއު ކުރައްވަން، ދީނީ އިލްމުވެރިއަކު ތަފާތު ގޮތަކަށް ވާހަކަ ދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ހުސައިން ރަޝީދަށް ވަނީ އަމާޒުވެފަ އެވެ. އަދި ބަޔަކު ވަނީ ދީނުގައި ކަން އޮތްގޮތް ސާފު ކޮށްދެއްވި ކަމަށްޓަކައި ހުސައިން ރަޝީދަށް ޝުކުރު އަދާކޮށްފަ އެވެ.

މިދިއަ ހަފުތާގައި ޣިޔާސުއްދީން ސްކޫލް ދަރިވަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މާޒީ ފުހެވި ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލު ކުރުމަށް އެތައް ގޮތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ.

ދީނުގެ އިލްމުވެރިންގެ ތެރެއިން ގިނަ އިލްމުވެރިން ވިދާޅުވަނީ މޫނު ބުރުގާ އެޅުމަކީ ވާޖިބޭ. އަނެއްބައި އިލްމުވެރިން ވިދާޅުވަނީ ވާޖިބެއް ނޫނޭ ސުންނަތެކޭ... ދީނުގެ މައްސަލައެއް މިއީ އިނގޭތޯ؟ ކަނޑައެޅިގެން ގުރުއާނާ ސުންނަތުން ސާބިތުވާ މައްސަލައެއް އިނގޭތޯ؟
ހުސައިން ރަޝީދު އަހުމަދު | އިލްމުވެރިއެއް

"އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަންފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރުވީ ފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ... އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލުކުރޭ... އެހެންނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަކީ އިސްލާމީ އުސޫލުތަކާއި ބީރައްޓެހި، އަދި ދީނުގެ ކަންކަމާ ދިވެހިން ދުރުކުރުވުމުގެ ބޭނުމުގައި ދައްކަވާ ވާހަކަތަކެއް ކަމަށް ބައެއް އިލްމުވެރިންނާއި، އާންމުން ދަނީ ބުނަމުންނެވެ. ނަމަވެސް އެފަދަ ކޮންމެ ހާލަތެއްގައި ރައީސް ނަޝީދުގެ ދިފާއުގައި ނިކުންނަވާ އެއް ބޭފުޅަކީ ހުސައިން ރަޝީދެވެ.

އަދާލަތު ޕާޓީގެ ކުރީގެ ރައީސްކަން ކުރެއްވި ހުސައިން ރަޝީދަށް މިދިއަ މަހު ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމު މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި ދީފަ އެވެ. އޭނާއަކީ ކުރީން ރައީސް ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަދި މިހާރު އަމިއްލަ ހައްޖު އުމުރާ ގްރާޕަކާއެކު ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.