ހަބަރު

ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އިޓަލީގެ ޓީމެއް

Sep 18, 2019
1

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކޮށް އިސްތިހާރު ކުރުމަށް އިޓަލީގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ. އެ ޓީމް ރާއްޖެ ގެނެސްފައިވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

އެ އެސޯސިއޭޝަނުން ބުނި ގޮތުގައި އިޓަލީގެ ޓީމްގައި ޓޫރިޒަމް އެކްސްޕާޓުންނާއި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ. މި ޓީމު މި މަހުގެ 23އާ ހަމައަށް ރާއްޖޭގައި މަޑުކޮށް އެކިއެކި ރަށްރަށަށް ދަތުރު ކުރާނެ އެވެ.

އެ ޓީމާއި ގެސްޓް ހައުސް އެސޯސިއޭޝަނުންގެ ބޭފުޅުން މިއަދު ވަނީ އއ. ރަސްދޫއަށް ޒިޔާރަތްކޮށް އެ ރަށުގެ ކައުންސިލާއާއި ގެސްޓްހައުސްތަކާއެކު ވަނީ ކާމިޔާބު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ޓީމަށް ހާއްސަ ސަގާފީ ފަރިއްކޮޅެއް ވެސް ރަސްދޫގައި ތައްޔާރުކުރި އެވެ.

ރަސްދޫއަށްފަހު އިޓަލީ ޓީމު އއ. އަތޮޅުގެ އުކުޅަހަށް މިއަދު ވަނީ ދަތުރުކޮށްފަ އެވެ. ދެން މިސްރާބު ޖަހާނީ ބ. އަތޮޅަށް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން މައުލޫމާތު ދިނެވެ.