ބޮލީވުޑް

"ޗިޗޯރޭ" އާއި "ޑްރީމް ގާލް" ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ

ސެޕްޓެމްބަރު މަސް ވެފައިވަނީ ބޮލީވުޑް ބޮކްސް އޮފީހަށް ވަރަށް ވެސް ކާމިޔާބު މަހަކަށެވެ. އަޔުޝްމާން ކުރާނާ އާއި ނުޝްރަތު ބަރޫޗާގެ "ޑްރީމް ގާލް" އާއި ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރުގެ "ޗިޗޯޜޭ" އަށް ލިބެމުންދާ ބޮޑު ތަރުހީބުންނެވެ.

މުޅިން އަލަށް ފިލްމެއް ޑައިރެކްޓްކުރި ރާޖް ޝަންޑިލިޔާގެ "ޑްރީމް ގާލް" ރިލީޒް ކުރިތާ އެންމެ ފަސް ދުވަސް ތެރޭ 590 މިލިއަން ރުޕީސް އަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ. ހަފުތާ ނިމޭއިރު 700 މިލިއަން ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާ ކުރެ އެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ "ޗިޗޯރޭ" ވަނީ 100 ކްރޯޑު (1000 މިލިއަން ރުޕީސް) ހޯދާ 100 ކްރޯޑު ކްލަބަށް ވަދެފަ އެވެ. މިހާތަނަށް 102 ކްރޯޑު (1020 މިލިއަން ރުޕީސް) މި ފިލްމަށް ލިބިފައިވާއިރު އަދިވެސް ފިލްމުގެ ވިޔަފާރި މަޑުޖެހުމުގެ ނިޝާނެއް ނުފެނެ އެވެ.

"ޑްރީމް ގާލް" އާއި "ޗިޗޯރޭ" އަށް އިންޓަނޭޝަނަލް މާކެޓްގައި ވެސް ރަނގަޅު ވިޔަފާރިއެއް ދަނީ ވަމުންނެވެ.

ޓްރޭޑް އެނަލިސްޓް ތަރަން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި 100 ކްރޯޑު (1000 މިލިއަން) އަކީ މިހާރު ފިލްމެއްގެ ކާމިޔާބު މިނިވަން ބަލާ މިންގަނޑަކަށް ނުވިޔަސް "ޑްރީމް ގާލް" ފަދަ މެދުމިނުގެ ބަޖެޓުން އުފައްދާ ފިލްމުތަކަށް މިވަރު ލިބުމަކީ ފާހަގަ ކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބެއް ކަމަށެވެ.

މެދުމިނެއްގެ ބަޖެޓަކުން އުފެއްދި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑު އެންމެ އަވަހަށް ހޯދި ފިލްމުތައް ތަރަންގެ ޓުވީޓްގައި ފާހަގަކޮށްފައި ވެއެވެ. މިގޮތުން މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ފަސް ދުވަސް ތެރޭ 100 ކްރޯޑު ހޯދި "ކަބީރް ސިންގް" އެވެ. ދެ ވަނައިގައި އުޅެނީ "ޔުރި" އެވެ. އެ ފިލްމަށް 100 ކްރޯޑު ލިބިފައިވަނީ 10 ދުވަހުންނެވެ. "ތަނޫ ވެޑްސް މަނޫ ރިޓާންސް" އަށް 11 ދުވަހުން 100 ކްރޯޑު ލިބުނުއިރު "ޗިޗޯރޭ" އަށް މި ވަރު ލިބިފައިވަނީ 12 ދުވަހުންނެވެ. "ސްތްރީ" އަށް 16 ދުވަހު، "ރާޒީ" އަށް 17 ދުވަހުން، "ބަދާއީ ހޯ" އަށް 17 ދުވަހުން 100 ކްރޯޑު ލިބިފައި ވެއެވެ.

އަންނަ ހުކުރު ދުވަހު ތިން ފިލްމެއް ރިލީޒް ކުރާނެ އެވެ. ސޯނަމް ކަޕޫރާއި ދަލްގީރް ސަލްމާންގެ "ދަ ޒޯޔާ ފެކްޓާ" އާއި ދަރްމެންދުރަގެ ކާފަ ދަރިފުޅު އަދި ސަނީ ޑެއޯލްގެ ދަރިފުޅު ކަރަން ޑެއޯލްގެ ފުރަތަމަ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އާއި ސަންޖޭ ދަތުގެ "ޕްރަސްތަނަމް" އެވެ.

މި ފިލްމުތަކުގެ ސަބަބުން ފިލްމީ ވިޔަފާރިއަށް އިތުރު ދިރުން ލިބިގެން ހިނގައިދާނެކަމަށް ވެސް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާ ކޮށްފަ އެވެ.