ލައިފްސްޓައިލް

ރިކޯޑް ހެދި މަންމަ ފަރުވާ ހޯދީ އުމުރު އޮޅުވާލައިގެން!

އުމުރުން 74 އަހަރުގައި އެއްމާބަނޑު ދެ ދަރިން ވިހައިގެން އެންމެ ދޮށީ އުމުރުގައި މަންމައަކަށްވުމުގެ ރެކޯޑް ހެދި އިންޑިޔާ މީހާ އައިވިއެފްގެ ފަރުވާ ހޯދީ އުމުރު އޮޅުވާލައިގެން ކަމަށް އޭނާއަށް އެހީތެރިވީ ޑޮކްޓަރު ބުނެފި އެވެ.

ފަރުވާ ހޯދަން ގޮސް އަންހެންމީހާ އޭނާގެ އުމުރު ބުނެފައިވަނީ 10 އަހަރު ހަގު ކޮށެވެ. ނަމަވެސް އޭނާ ބަލިވެ އިނދެ ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ދުވަހަކު އަންހެންމީހާގެ ފިރިމީހާއަށް އޮޅިގެން ނަރުހެއް ކައިރީގައި އަންހެންމީހާގެ އަސްލު އުމުރު ބުނެވުނީ އެވެ. އެކަން އެނގުމުން އަންހެންމީހާއަށް ފަރުވާ ދެމުންދިޔަ ޑޮކްޓަރު ބިރުން ގޮސް ހަލާކުނުވީ ކިރިޔާ ކަމަށް އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޑޮކްޓަރު ވިދާޅުވި އެވެ.

އޮޅުވާލައިގެން ދަރިން ހޯދި ނަމަވެސް ދަރިންނަށް ހިދުމަތްކޮށް އެކުދިން ބެލުމުގެ ފުރުސަތު މި ދެމަފިރިންނަކަށް އަދިވެސް ނުލިބެ އެވެ. ސަބަބަކީ އުމުރުން ދުވަސްވެފައިވާ މި ދެ މަފިރިންނަށް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދެމުންދާތީ އެވެ.

މުޅިން އަލަށް ބައްޕައަކަށްވީ ރާޖާ ރާއޯ، 78، އަށް ހާޓް އެޓޭކެއް ޖެހިގެން ވެއްޓުނީ އޭނާގެ އަންހެނުން ސިޒޭރިއަން ހަދައި އެމީހުންނަށް އެއްމާބަނޑު ދެ އަންހެންކުދިން ލިބުނުތާ އެއް ދުވަސް ވީތަނާ އެވެ.

ސިޒޭރިއަން އޮޕަރޭޝަން ކާމިޔާބު ކަމަށާއި ދެ ކުދިންނާއި މަންމަގެ ހާލު ރަނގަޅު ކަމަށް ސިޒޭރިއަން ހެދި ޑޮކްޓަރު ބުނި ނަމަވެސް އޮޕަރޭޝަނަށްފަހު އަންހެންމީހާ އައިސީޔޫއަށް ލާންޖެހުނީ ސާޖަރީގެ އެންމެފަހު މަރުހަލާގައި އޭނާގެ ހަށިގަނޑަށް ލިބުނު ސްޓްރެސް ފިލުވަން ކަމަށް ޑޮކްޓަރު ވަނީ ބުނެ އެވެ. ނަމަވެސް ސެޕްޓެމްބަރު 5 ގައި ދެ ކުދިން އުފަންވީއްސުރެ އެކުދިންގެ މަންމަ އާއި ބައްޕަ އަދިވެސް ތިބީ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ.

ދަ ޓައިމްސް ނޫހުން ބުނެފައިވަނީ އަންހެންމީހާގެ އައިވީއެފް ހަދަން ނިންމިއިރު އޭނާއަށް ދަރިން ލިބުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ސަބަބަކީ އޭނާ އިއްދައިން ކެނޑުނުތާ 25 ވަރަކަށް އަހަރުވެ އޭނާގެ ހަށިގަނޑުން ބިސް އުފެދުން މުޅިން ހުއްޓިފައި ވާތީ އެވެ. އަންހެންމީހާގެ އައިވީއެފް ހަދާފައިވަނީ އެހެން މީހަކު ހަދިޔާކުރި ބިހަކުންނެވެ.

އަންހެންމީހާގެ އައިވީއެފް ހަދައިދިން ޑރ. އުމާޝަންކަރް ވިދާޅުވީ ފުރަތަމަ ބުރުން އަންހެންމީހާ ބަލިވެއިން ކަމަށެވެ.
މި ދެމަފިރިން ކައިވެނި ކުރީ 1962 ވަނަ އަހަރު އެވެ. ކައިވެންޏަށް 57 އަހަރު ވީއިރުވެސް މި މީހުންނަށް ދަރިއަކު ލިބުމުގެ ނަސީބު އޮތީ ނުލިބި އެވެ.