އެމެރިކާގެ ރައީސްކަމުގެ މަގާމު ދެ ބުޝްއެއް މިހާތަނަށް ފުރުއްވައިފި އެވެ. މިއީ ދިވެހިން ނިކަން ރުޅިއަރާ ނަމަކަށް ވެސް ވަނީ ވެފަ އެވެ. އެއީ އެމެރިކާގައި މީގެ ކުރިން ވެރިކަން ކުރި ދެ ބުޝް އަކީ ވެސް އިސްލާމީ ގައުމުތަކާ ދެކޮޅު ހަނގުރާމަތައް ފެށި ވެރިންނަށް ވާތީ އެވެ. އެކަމަކު އެމެރިކާގެ ވެރިކަމާ ދިމާލަށް އަނެއްކާވެސް ބުޝްއެއް އަމާޒު ހިފައިފި އެވެ.
ޖޯޖް އެޗް ޑަބްލިޔު ބުޝް 1989 އިން 1993 އަށް ވެރިކަން ކުރެއްވި އިރު އޭނާގެ ދަރިކަލުން ޖޯޖް ޑަބްލިޔު ބުޝް 2001 އިން 2009 އަށް ވެރިކަން ކުރެއްވި އެވެ. އަނެއްކާ ވެސް އެޗް ޑަބްލިޔު ބުޝްގެ ދަރިކަލަކު ފައި ނަންގަވައިފި އެވެ. އެއީ ފްލޮރިޑާގެ ކުރީގެ ގަވަރުނަރު ޖޯން އެލިސް ބުޝް ނުވަތަ ޖެބް ބުޝް އެވެ. އޭނާ އަކީ އެޗް ޑަބްލިޔު ބުޝްގެ ދެ ވަނަ ދަރިކަލުންނެވެ.
ޖެބް ބުޝް އަންނަ އަހަރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވަރަށް ގަދަޔަށް އަޑުއަރާފައި ވަނިކޮށް އޭނާ މި އަހަރު ފެއްޓެވީ މި އަޑުތަކަށް އިތުރު ބާރެއް ލިބޭ ކަމަކުންނެވެ. ބުޝް އިއްޔެ ވަނީ ވިޔަފާރީގެ އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ވަރަށް ގިނަ ވަޒީފާތަކުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެހެން ބައެއް ވިޔަފާރިތަކުގައި ހިމެނޭ މަސްލަހަތު ދޫކޮށްލެއްވުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށް ބުޝްގެ އަރިސް ބޭފުޅަކު ވަނީ މީޑިއާ އަށް ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމުގެ މަސައްކަތް އިންތިޒާމްކުރައްވަމުން ގެންދަވާ ކަމަށެވެ.
ބުޝް 1999 އިން 2007 އަށް ގަވަރުނަރުކަން ކުރެއްވުމަށް ފަހު ވިޔަފާރީގެ އެކި ކަންކަމުގެ ތެރޭގައި ވަނީ އުޅުއްވަން ފައްޓަވައިފަ އެވެ. ނަމަވެސް އޭނާ ގައުމުގެ ވެރިކަމާ ދިމާލަށް މިސްރާބު ޖައްސަވައިފި ކަމުގެ އަޑުތަކާ އެކު އިވެމުން ދިޔައީ ވިޔަފާރީގެ މަސްލަހަތުތައް ކުޑަކުރައްވަމުން ގެންދަވާ ކަމުގެ އަޑެވެ. ވިޔަފާރީގެ މަސްލަހަތު ހުރި މީހަކު ވެރިކަމަށް ޝަރުތު ހަމަ ނުވާނެތީ ބުޝްގެ މި ނިންމެވުންތަކުން މިހާރު ވަނީ ވެރިކަމުގެ ވިސްނުން ނޫން އެހެން ކަމެއް މިހާރު ސިކުނޑީގައި ނެތް ކަމަށް ނިންމޭ ހިސާބަށް ގޮސްފަ އެވެ.
އުމުރުން 61 އަހަރު ވެފައިވާ ޖެބް ބުޝް އަކީ ކުރިން ވެސް ބުނިހެން އެމެރިކާގެ 41 ވަނަ ރައީސްގެ ދަރިކަލުން އަދި 43 ވަނަ ރައީސްގެ ކޮއްކޮ އެވެ. ބައެއް މީހުން ބުނަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް "ބުޝް" އަކަށް ހުރަހެއް ނެތް ކަމަށެވެ. އެއީ ސިޔާސީ ކަންކަމުގައި އެމެރިކާ މީހުން ވެރިކަމުގެ ދަރިފަސްކޮޅަށް ވަރަށް ބޮޑަށް ޝައުގުވެރިވާތީ އެވެ. އެހެންވެ ޕްރައިމަރީ ކާމިޔާބުކޮށް އެންމެފަހުން ރިޔާސީ އިންތިހާބު ވެސް ފަސޭހަކަމާ އެކު ޖެބް ބުޝް ކާމިޔާބުކުރައްވާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.