ހަބަރު

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

Sep 19, 2019

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުއްވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެމަގާމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުން ލިބޭނެ އެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ އެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ޓެކްސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.

ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑު އެކުލަވާލަން ޖެހެ އެވެ.

މިހާރު ގާނޫނަށް ގެނައި އިސްލާހާއެކު މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންއާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ އިތުރުން ރައީސް އައްޔަން ކުރައްވާ ފަސް ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ބޭފުޅެކެވެ. ކުރިން ގާނޫނުގައި އޮތް ގޮތުން، މިރާގެ ބޯޑަށް ފިނޭންސް މިނިސްޓްރީން ބޭފުޅަކު ކަނޑައެޅެއް ނާޅަ އެވެ.