މާލީ ގޮތުން އުނދަގޫ ހާލަތެއްގައި އޮތް ކުރީގެ ގަދަބާރު ވިކްޓަރީ ސްޕޯޓްސް ކުލަބު މިރޭ ގުރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗަށް ޓީމު ހަމަވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗް އާދަމް އަބްދު ލަތީފު (ލައްޗޭ) ބުނެފި އެވެ.
މެނޭޖުމެންޓުން އެހީތެރިކަން ނުލިބުމުން މަގާމުން އިސްތިއުފާދިން އެ ޓީމުގެ ކޯޗް މުހައްމަދު އާދަމްގެ ބަދަލުގައި މިވަގުތު ޓީމުގެ ކޯޗިން ޓީމުގައި އިސްކޮށް ހުރީ ލައްޗޭ އެވެ.
އޭނާ ބުނީ، ޓީމުގެ ޕްރެކްޓިހަށް ހާޒިރު ވަނީ ދެތިން ކުޅުންތެރިން ކަމަށާއި އެހެންނަމަވެސް ޓީމު ލިސްޓުގައި ޖަހާފައިވާ ކުޅުންތެރިން މާލެ ސަރަހައްދުގައި ތިބުމުން އެ ކުޅުންތެރިންނަށް ގުޅައިގެން މެޗަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ލައްޗޭ ބުނީ ޒުވާން ޓީމެއް ނަމަވެސް ވިކްޓަރީގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި އެހެންނަމަވެސް ޓީމަށް ކުރިމަތިވި މައްސަލަތަކާއެކު ކުޅުންތެރިންވެސް ޕްރެކްޓިހަށް ހާޒިރުވުން މަޑު ޖެހުނީ ކަމަށެވެ. އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވިކްޓަރީގެ ހަ ކުޅުންތެރިން ތިބުމުން 19 އަހަރުން ދަށުގެ ޓީމު އަންނަންދެން ވިކްޓަރީގެ މެޗުތައް ފަސް ކޮށްދިނުމަށް އެފްއޭއެމްގެ ކިބައިން އެދުނު ކަމަށެވެ.
ވިކްޓަރީގެ ސިޓީއަށް އެފްއޭއެމުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައި ވަނީ، ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގައިވެސް 19 އަހަރުން ދަށުގެ ޓީމަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ވިކްޓަރީގެ މެޗުގެ ޝެޑިއުލްއަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.
"ޓީމު ހަމަކުރެވޭތޯ މެނޭޖުމެންޓުން ބަލަމުން ދަނީ،" މެޗަށް ޓީމު ހަމަވާނެތޯ ސުވާލު ކުރުމުން ލައްޗޭ ވާހަކަ ދެއްކި އެވެ. "އިއްޔެ ވެސް [އަންގާރަ ދުވަހު] ޕްރެކްޓިހަށް ހާޒިރުވެ ތިބީ ހަ ކުޅުންތެރިން، އެހެންނަމަވެސް މާލޭ ކޮޅުގައި އެބައުޅޭ ޓީމު ލިސްޓުގައި ޖަހާފައިވާ ކުޅުންތެރިން، ދެން އެ ކުޅުންތެރިން މެޗަށް ގެނެވޭތޯ މެނޭޖުމެންޓުން ދަނީ ގުޅަމުން، އެ ކުޅުންތެރިން އައުމާ ނައުން އެނގޭނީ މެނޭޖުމެންޓަށް."
ޕްރެކްޓިހަށް އަންނަ ވިކްޓަރީގެ ކުޅުންތެރިންގެ އަދަދު މަދު ކަމުން ގުރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ވަނީ ވިކްޓަރީގެ ޓީމު ގެ ކުޅުންތެރިން ގުރީންގެ ޕްރެކްޓިހުގައި ބައިވެރިކޮށް ޕްރެކްޓިސް ސެޝަންތައްވެސް މިދިޔަ ބުރޭކު ތެރޭގައި ކުރިއަށް ގެންގޮސްފަ އެވެ.