ހަބަރު

ކޯލިޝަން ލީޑަރުންގެ ބައްދަލުވުމަށް އަނެއްކާވެސް ތާރީހެއް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ހޮޓެލް ޖެންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި މުހިންމު ނިންމުމެއް ނިންމެވި އެވެ. އެއީ ސަރުކާރަށް ލަފާ އެރުވުމާއި ގުޅިގެން ކުރިއަށް ދިޔުމަށް ކޮންމެ މަހަކު އެއް ފަހަރު ހުރިހާ ލީޑަރުން އެކުގައި ބައްދަލުވުމެއް ބާއްވަން ނިންމެވި އެވެ.

އެކަމަކު، އެ ނިންމުމާ އެއްގޮތަށް ބޭއްވުނީ އެންމެ ބައްދަލުވުމެކެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި ލީޑަރުންގެ ބައްދަލުވުމުގައި ރައީސް ސޯލިހަށް ބައިވެރިވެވަޑައިނުގެންނެވެ އެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތައް ބަހާނެ ގޮތުގެ ބަހުސް އޮތީ ބޮޑުވެފަ އެވެ. އެ ބަހުސް ބޮޑުވެ ލީޑަރުން ވެސް ހިޔާލު ތަފާތުވެ އެއް މޭޒަށް ވަޑައިގެންނެވުން ހުއްޓާލެއްވީ އެވެ.

ރައީސް ސޯލިހު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެކަމަށް އިޝާރަތް ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. ރައީސް ސޯލިހު ވިދާޅުވީ އޭރުގެ މަޝްރަހު އޮތް ގޮތުން ލީޑަރުންގެ ބައްދަލުވުމެއް ބޭއްވިޔަސް އޭގެން ނަތީޖާއެއް ނުނުކުންނާނެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި ފައިދާއެއް ނެތް ކަމެއް ކުރައްވަން އޭރު ބޭނުންފުޅުނުވީ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ރައީސް ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީޑަރުންނާއެކު ދެން ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ބައްދަލުވުން އަވަހަށް އޮންނާނެ ކަމަށް ވިދާޅުވެ ތާރީހެއް ވެސް ދެއްވި އެވެ. އެކަމަކު އެ ބައްދަލުވުން އެގޮތަށް ކުރިއަށް ނުދިޔަ އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބު ބޯމަތިވަމުން އަންނައިރު އެ އިންތިހާބުގައި ކޯލިޝަން އޮންނާނެ ގޮތަކާމެދު ސުވާލު އުފެދިފައިވާއިރު ލީޑަރުންގެ ބައްދަލުވުމުގެ ވާހަކަ އަނެއްކާވެސް މި ވަނީ ފެށިފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އދ.ގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ކުރައްވާ ދަތުރުފުޅުން އެނބުރި ވަޑައިގެން ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ އެވެ.


"މި އަންނަ މަހުގެ ކުރީކޮޅު އަޅުގަނޑު އޭގެ ބައްދަލުވުމެއް އިންތިޒާމް ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް ވެސް ކޯލިޝަން ލީޑަރުންނަށް ބައްދަލު ނުކުރެވިގެން އުޅެނީ ހުރިހާ ބޭފުޅުން މާލޭގައި އެއް ވަގުތެއްގައި ނޫޅެވޭތީ ކަމަށެވެ. އެހެންނަމަވެސް މިފަހަރު ކުރިއާލާ ވަގުތު ދިނުމަށްފަހު އެ ބައްދަލުވުން އިންތިޒާމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ކުރިމަގާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ކޯލިޝަން ދެމި ނޯންނަންވީ ސަބަބެއް ނެތް ކަމަށާއި ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އެހެންކަމުން ހުރިހާ ޕާޓީތަކުންނާއި ޕާޓީތަކުގެ ލީޑަރުންނާއި އެމަނިކުފާނު ވެސް އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ.