ހަބަރު

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފި

ޓެރަރިސްޓު ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެކުލަވާލައި އެ ލިސްޓު ހާމަ ކުރައްވައިފި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުން ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އެމަނިކުފާނު މިއަދު އެކުލަވާލާފައިވާ ކަމަށާއި އެ ލިސްޓު މިއަދު ހާމަ ކުރައްވާނެ ކަމަށެވެ. އެ ލިސްޓުގައި 17 ޖަމާއަތެއް ހިމެނޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

"މީގެ ސަބަބުން ރާއްޖޭގެ އެކިއެކި ފަރާތްތަކުން ބޭރުގެ އެކިއެކި ޖަމާއަތްތަކާ ގުޅިގެން ހިންގާ ޓެރަރިސްޓު އަމަލުތައް ހުއްޓުވުމަށް މުހިންމު ބާރަކަށް ވެގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ލިސްޓު

  • އިސްލާމިކް ސްޓޭޓް
  • އަލް ގައިދާ
  • ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ތައިބާ
  • އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް/ ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނޭޝަނަލް ތައުހީދް ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ

ރައީސް ވިދާޅުވީ ޓެރަރިޒަމްއާ ބެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިރު އެ ބަދަލުތަކާއެކީ ގާނޫނު އިސްލާހު ކުރުމުން ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް ޓެރަރިސްޓު ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތައް ހޯދައި ދެނެގަނެ އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.