ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީ ހާޒިރު ނުވުމުން މެޗު ގުރީން ސްޓްރީޓަށް

ދިވެހި ޕްރިމިއާ ލީގްގައި، މިރޭ ގުރީން ސްޓްރީޓާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ވިކްޓަރީގެ ޓީމު ހާޒިރު ނުވުމުން، ގުރީން ސްޓްރީޓް މެޗުން މޮޅުވި ކަމަށް ނިންމައިފި އެވެ.

މެޗުގެ ކުރިންވެސް ވިކްޓަރީގެ ކުޅުންތެރިން މެޗަށް ހަމަވާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެ ޓީމުގެ އެސިސްޓެންޓް ކޯޗް އާދަމް އަބްދު ލަތީފް (ލައްޗޭ) ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަނީ ހަ ކުޅުންތެރިން ކަމަށެވެ.

މެޗުގެ ކުރިން އޮތް ވޯމްއަޕަށް ނުކުމެފައި ވަނީ ވިކްޓަރީގެ ތިން ކުޅުންތެރިންނެވެ. މެޗުގެ ކުރިން ވިކްޓަރީގެ ޗެއާޕާސަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ދަނޑަށް ވަޑައިގެންނެވި އެވެ.

ގުރީންގެ ޓީމު މެޗަށް ދަނޑަށް ނުކުމެ ވޯމްއަޕަށް ފަހު މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަށް ނުކުމެ ތިއްބެވެ. ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗު ފެށުމުގެ ސުންސިކުންތާ ހަމަށް އަށް ބެލުމަށް ފަހު މެޗު ކޮމިޝަނާ މުހައްމަދު ހާޝިމު ވަނީ، ވިކްޓަރީ ހާޒިރު ނުވުމުން މެޗުން ގުރީން ސްޓްރީޓް މޮޅުވި ކަމަށް ނިންމާފަ އެވެ.

މޮޅާއެކު ތިން ޕޮއިންޓާ ފައިދާ ދެގޯލް ގުރީން ސްޓްރީޓަށް ލިބޭނެ އެވެ. އަދި ވިކްޓަރީއަށް 25،000 ރުފިޔާ ޖޫރިމަނާއެއް އަންނާނެ އެވެ. މާލީ މައްސަލަތަކާހުރެ ގަވާއިދުން މުސާރަ ނުދޭތީ ވިކްޓަރީގެ ބައެއް ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލާފަ އެވެ. އަދި އެ ޓީމުގެ ހަ ކުޅުންތެރިޔަކު ނޭޕާލްގައި މާދަމާ ފަށާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ގައުމީ ޓީމުގައި ހިމެނެ އެވެ.

ނަވާރަ އަހަރުން ދަށުގެ ޓީމު މުބާރާތް ނިންމާފައި އަންނަން ދެން ވިކްޓަރީ ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސް ކޮށްދިނުމަށް ވިކްޓަރީން އެދުނެވެ. ވިކްޓަރީގެ ސިޓީއަށް އެފްއޭއެމުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައި ވަނީ، ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގައިވެސް 19 އަހަރުން ދަށުގެ ޓީމަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ވިކްޓަރީގެ މެޗުގެ ޝެޑިއުލްއަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

މެނޭޖުމެންޓުން އެހީތެރިކަން ނުލިބުމުން ކޯޗުގެ މަގާމުގައި ހުރި މުހައްމަދު އާދަމް ވަނީ މިހަފުތާގައި ވިކްޓަރީގެ ކޯޗު ކަމުން އިސްތިއުފާ ދީފަ އެވެ.