ވިޔަފާރި

ޖޭ ޑަބްލިއު މެރިއަޓްގެ ވަގަރު ރިސޯޓު ހުޅުވުން ނޮވެމްބަރު މަހު

ވައިސްރޯއީ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގި، ށ. ވަގަރު ޖޭ ޑަބްލިއު މެރިއަޓް އަށް ރީބްރޭންޑްކޮށް، ނޮވެމްބަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ޖޭ ޑަބްލިއު މެރިއަޓްގެ ވަގަރު ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ އެެމެރިކާގެ މެރިއަޓް އިންޓަނޭޝަނަލްގެ އެންމެ ލަގްޒަރީ މަރުކާ ކަމަށްވާ ޖޭ ޑަބްލިއު މެރިއަޓް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ރިސޯޓު ހުޅުވުމުގެ ގޮތުން ކުރިން ގިނަ ތާރީހު ތަކެއް ދީފައިވާ ވަގަރު ހުޅުވާއިރު މިތަނުގައި 68 ވޯޓާ ވިލާ ހުންނާނެ އެވެ.

މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާކް ގުސިން ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓުގައި ހަދާފައިވާ 60 ވިލާ ހުންނާނީ އިހުޒަމާނުގައި ދިވެހިން ބޭނުން ކުރި ދޯންޏެއްގެ ސިފައިގަ އެވެ. އަދި މީގެ ކޮންމެ ވިލާއެއްގައި 2،600 އަކަފޫޓު ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭ ޑަބްލިއު މެރިއަޓްގެ ވަގަރު ރިސޯޓުގައި ތަފާތު ރެސްޓޯރެންޓުތައް ވެސް ހުންނާނެ އެވެ. މީގެތޭގައި ޖަޕަނީޒް އާއި ތައި އަދި ދިވެހި ކެއުން ތަކަށް ހާއްސަ ރެސްޓޯރެންޓުތައް ވެސް ހިމެނެ އެވެ.

ވަގަރު ތަރައްގީ ކޮށްފައިވާ ސަރަހައްދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 55 މިނެޓުން ސީޕްލޭންގައި ދެވޭނެ އެވެ. ފަސް ދޮޅަސް ގައުމުގައި 422 ހޮޓާ ހިންގާ މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް ކުންފުނި 2016 ވަނަ އަހަރު އެއްކޮށްލުމުގެ ކުރިން ސްޓާވުޑް ކުންފުނިން ރާއްޖޭގައި ތިން ރިސޯޓު ހިންގި އެވެ.