ދުސިތް ތާނީ މޯލްޑީވްސް

ދުސިތް ތާނީގެ އާ ޖީއެމް އަށް ޒިންމާ ހަވާލުކުރީ ކަނޑުއަޑީގައި!

Sep 22, 2019

މަގާމުގެ ޒިންމާ ހަވާލު ކުރުން އާންމުކޮށް އޮންނަނީ އޮފީހުގެ މީޓީން ރޫމްގަ އެވެ. ނޫނީ އެކަން އިއުލާނު ކުރާނީ މުވައްޒަފުންނާއެކު ބާއްވާ ހަފުލާއެއްގަ އެވެ. މި ފަަހަރު އެކަން ކޮށްފައި މިވަނީ ތަފާތު ތަނެއްގަ އެވެ. ތަފާތު މާހައުލެއްގަ އެވެ. މަ މަގާމު ބަދަލުވެ، ޒިންމާ ހަވާލު ކުރުން މި ފަހަރު ބާއްވާފައި ވަނީ ކަނޑު އަޑީގަ އެވެ. މި ހަފުލާ ބާއްވައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ރާއްޖޭގެ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުންނެވެ.

ދުސިތް ތާނީ މޯލްޑިވްސް ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް އަލަށް ހަވާލުވެވަޑައިގަތް ކޫން ތޯމަސް ވެބާ އަށް މަގާމުގެ ޒިންމާ ހަވާލު ކޮށްފައި ވަނީ ކަނޑު އަޑީގައި ހާއްސަ ހަފުލާއެއްގަ އެވެ. މަގާމުގެ ޒިންމާ ހަވާލު ކުރުމުގެ ގޮތުން ރަމްޒީ ތަޅުދަނޑި ހަވާލު ކޮށް ދެއްވީ މިހާރު މިހާރުގެ ޖެނެރަލް މެނޭޖަރު ކޫން ރެއިންހޯލްޑް ޖޯން އެވެ.

މި ހާއްސަ ހަފުލާގައި ޖޯން އާއި ތޯމަސް ސަލާމް ކުރާ ވީޑިއޯއެއް ދުސިތު ތާނީ މޯލްޑިވްސް ވަނީ ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކަނޑު އަޑީގައި ބޭއްވި ރަސްމިއްޔާތުގައި ދެ ޖީއެމްގެ އިތުރުން ހާއްސަ ޑައިވަރުންގެ ޓީމެއް ބައިވެރިވެ އެެވެ. އެ ރިސޯޓުން ވަނީ މި ހަފުލާ އިންތިޒާމު ކުރި އޯޝަން މޯލްޑިވްސްގެ މި ޑައިވިން ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. މި ވީޑިއޯ އިން ފެންނަ ގޮތުގައި މި ހަފުލާއަށް ކަނޑު އަޑީގައި ގޮނޑި އާއި މޭޒު ވެސް ބަހައްޓާފައިވެ އެވެ. އަދި މޭޒުމަތީގައި ފޮތިގަނޑެއް އަޅާފައި އޮތްތަން ވެސް ފެނެ އެވެ.

ރާއްޖޭގެ މޫދު ނޫނީ ކަނޑުއަޑީގައި ތަފާތު ހަފުލާތައް ބޭއްވުމަކީ އާ ކަމެއް ނޫނެވެ. މިގޮތުން ކަނޑުއަޑީގެ ކައިވެނީގެ ހަފުލާތައް ބައެއް ރިސޯޓު ތަކުން ބާއްވަ އެވެ. ނަމަވެސް މި ފަދަ ހަފުލާއެއް ބޭއްވި މިއީ ފުރަތަމަ ފަހަތެވެ. މީގެ ކުރިން ރާއްޖޭގައި ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމެއް ބާއްވައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވެ އެވެ.