ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންނަށް ފިޔަވަޅު ނޭޅެނީ ގާނޫނު ތަންފީޒުކުރަން ދަތިތަކެއް ހުރުމުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު ހޯދަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފަ އެވެ. ނައިބް ރައީސް ފައިސަލް ނަސީމް ވަނީ އެކޮމެޓީގެ މެންބަރުންނާއި އިއްޔެ ރައީސް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ.
އެބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމް އަދި ތަހައްމަލުކުރާ މުޖުތަމައެއް ގާއިމުކުރުމަށް ހުރި ހުރަސްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ބައްދަލުވުމުގައި ކޮމެޓީގައި ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން އެ އިދާރާތަކާއި ވުޒާރާތަކުން މިހާރު އެކަންކަމާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާއި ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
މިބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅުކުރުމާއި ތަހައްމަލުކުރަން ދަންނަ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖްތަމައެއް ދެމިއޮތުން މުހިންމު ކަމަށެވެ.
"ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު ދަތިތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް،" ނައިބް ރައީސް ވިދާޅުވި އެވެ.
ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭކަމަށްވެސް ނަައިބް ރައީސް ވިދާޅުވި އެވެ.