ކުޅިވަރު

ރާއްޖެއިން ޗެމްޕިއަން، ނޭޕާލް ހުއްޓުވައިފި

ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލް އާ 1-1 ން ރާއްޖެއިން އެއްވަރު ކޮށްފި އެވެ.

އެ މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީވެސް ނޭޕާލް އެވެ. މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ރާއްޖެއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ރާއްޖެއަށް ލީޑް ނަގައިދިނީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އެވެ.

ލަނޑަށް ފަހުވެސް ރާއްޖެއިން ވަނީ ދޭތެރެދޭތެރެއިން ނުރައްކާތެރި ފުރުސަތުތައް ލިބިފަ އެވެ. ދެ ވަނަ ހާފުގައި ނޭޕާލުން މުޅިން ކަހަލަ ގޮތަށް ކުޅެމުން ދިޔައީ ރާއްޖޭގެ ހާފުގެ ތެރޭގަ އެވެ. ރާއްޖެއިން ޑިފެންސް ކުރަމުން ދިޔައީ ވަރަށް ޑީޕް ކޮށެވެ. ނޭޕާލުން ފުލުފުލުގައި ފޮނުވާލި ހަމަލާތައް އުފައދަމުން ދިޔައިރު ރާއްޖޭގެ ޑިފެންސާއި ގޯލް ކީޕަރު ހަސަން އަލީފް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

ރާއްޖޭގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، ދިވެހި ޓީމުން ވަަރަށް ރަނގަޅަށް ޑިފެންސް ކުރި ކަމަށާ އެކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ކީޕަރު ހަސަން އަލީފް ދެއްކި ކުޅުމަށް ޝާޒް ހާއްސަކޮށް ތައުރީފު ކުރި އެވެ.

ނޭޕާލްގެ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަނީޝް ޑަންގީ އެވެ. މެޗުގެ ފަހު ކޮޅަށް ދިޔަ ވަރަކަށް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެން ދިޔަ އެވެ.

ޝާޒް ބުނީ، ނާޕާލްއަކީ މިދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން ވަރުގަދަ ޓީމެއް ކަމަށާއި އެހެންވެ އޭނާ މެޗަށް ނުކުތީ ބަލި ނުވުމުގެ އަޒުމުގައި ކަމަށެވެ. ރާއްޖެއަށް ދެން އޮންނާނީ ބޫޓާން އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެ މެޗަށް ރާއްޖެ ނުކުންނާނީ އެއްދުވަހުގެ ރެސްޓަށް ފަހު އެވެ. ޝާޒް ބުނީ އެއްދުވަހަކީ ކުޅުންތެރިންގެ ރިކަވާއަށް އެންމެ އެކަށީގެންވާ ވަރުގެ ވަގުތެއް ނޫން ކަމަށެވެ.