ހދ. ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކުރުމަށް އެ ރަށުގެ ޒުވާނުން މިއަދު އަޑު އުފުލައިފި އެވެ. ކުޅުދުއްފުށީ ޒުވާނުން މި އަޑު އުފުލީ ދުނިޔޭގައި މިއަދު ކުރި ގްލޯބަލް ކްލައިމެޓް ސްޓްރައިކްގައި ބައިވެރިވުމުގެ ގޮތުންނެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ކުޅީގެ ބޮޑު ބައެއް ހިއްކާފައިވީ ނަމަވެސް އަދިވެސް ކުޅީގެ ހިތްގައިމު ސަރަހައްދެއް ސަލާމަތުން އެބަ އޮތެވެ. ރަށު ތެރެއަށް އޮތް ބައެވެ. އެ ތަނަކީ ގިނަ އަދަދެއްގެ ދޫނިތައް ޒިޔާރަތް ކުރާ ސަރަހައްދެކެވެ. އެއާޕޯޓް ހެދުމުގައި ވެސް އެތަނަށް އެއްވެސް ސަމާލު ކަމެއް ދީފައިނެތުމުން ވެއްޔާއި ޗަކަ ކުޅީގެ ތެރެއަށް ފައިބާ، ސަރަހައްދުގެ ދިރުން ވަރަށް ބޮޑަށް ދަނީ ގެއްލެމުންނެވެ.
އެހެންވެ އެތަން ހިމާޔަތް ކުރުމަށް އެކި ފަހަރު މަތިން ދަނީ ގޮވާލަމުންނެވެ. ބޭރުގެ އެކްސްޕާޓުންތަކެއް އެ ކުޅިއަށް ޒިޔާރަތްކޮށް ދިރާސާއެއް ވެސް މިހާރު ވަނީ ހަދާފަ އެވެ. އަދި ކުޅި ހިމާޔަތް ކުރުމާ ބެހޭ ލަފާތައް ސަރުކާރުން އެ އެކްސްޕާޓުން ވަނީ ދީފަ އެވެ. ނަމަވެސް މިހާތަނަށް ކުޅި ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ނުކުރެވެ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ހެނދުނު ކުޅި ސަރަހައްދުގައި އަޑު އުފުލީ އެ ރަށުގައި ތިމާވެއްޓަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބިލީފްގެ މެންބަރުންނެވެ. ޖަމިއްޔާގެ މެންބަރުން ވަނީ ކުޅީގެ ހިތްގައިމު މަންޒަރުތައް ދައްކާލަމުން އެ ތަން ހިމާޔަތްކޮށް ދިނުމަށް އެދިފަ އެވެ.
ކުޅުދުއްފުށީގެ އިތުރުން ވެސް އެހެން ބައެއް ރަށްރަށުގައި މިއަދު ވަނީ ގްލޯބަލް ކްލައިމެޓް ސްޓްރައިކްގައި ބައިވެރިވުމުގެ ގޮތުން އަޑު އުފުލާފަ އެވެ. މި ހަރަކާތަކީ ނިއު ޔޯކުގައި ބާއްވާ އދ.ގެ މޫސުމާ ބެހޭ ސަމިޓާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް މީޑިއާގެ ބޮޑު ސަމާލު ކަމެއް ވެސް މިހާރު ވަނީ ލިބިގެން ގޮސްފަ އެވެ.