ހަބަރު

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެ އެވެ. މާލެއަށް ބޯކޮށް ވާރޭވެހެން ފެށީ ދަންވަރު އެވެ. ހުއްޓާ ނުލާ ގިނައިރު ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

މިއަދު ހަވީރުން ފަށައިގެން މާލެއަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރި އެވެ. މާލޭގެ ބައެއް ގެތަކަށްވެސް ފެން މިހާރު ވަނީ ފެންވަދެފަ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން މިހާރު ވަނީ މެދުރާއްޖެތެރެއަށް ޔެލޯ އެލަޓް ނެރެފަ އެވެ. އެ އޮތޯރިޓީން ވަނީ ފެންބޮޑުވުމުގެ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

"އަތޮޅުތެރޭ އާއި މާލޭގެ ރައްޔިތުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އަޅުއްވާ، ގެއަށް ފެން ވަންނާނެ ކަމަށް ލަފާކުރެވޭނަމަ ފެންނުވަންނާނެ ގޮތަށް ފިޔަވަޅު އަޅުއްވާ،" ޑިޒާސްޓާގެ ޓްވީޓުގައި ބުނެފައި ވެ އެވެ.

މާލެއަށް ބޯކޮށް ވާރެހެމުން މިދަނީ މިރޭ އިރާކޮޅު މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ގެއްލުންތަކެއްވެފައިވަނިކޮށެވެ. ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގައި ހާދިސާގައި ހަތް އިމާރާތެއް އަނދާފައިވެ އެވެ. ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ. ގުދަނުގައި ހިފި އަލިފާންގަނޑު ފެތުރުން ހުއްޓާލެވުނީ ފަސް ގަޑިއިރުވީ ފަހުންނެވެ.