ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ނެރުނު އެންމެ ކާމިޔާބު ކޮމެޑީ ކަމަށްވާ "ފްރްންޑްސް" ގައި ރޭޗަލްގެ ބައި އަދާކޮށްގެން ދުނިޔެއަށް ވިދާލި ތަރި ޖެނިފާ އެނިސްޓަން އޭނާގެ ހަތަރު އަހަރުގެ ލޯބިވެރިޔާ ޖަސްޓިން ތެރޮކްސްއާއި ކައިވެނި ކޮށްފިއެވެ.
ހޯމަ ދުވަހު ސިއްރުން ކައިވެނި ކޮށްފައިވާ ޖެނިފާ އާއި ޖަސްޓިން ވަނީ 2012 ވަނަ އަހަރު އެންގޭޖްވެފަ އެވެ.
ހަފްލާއަށް ދިޔުމުގެ ކުރިން ދެމީހުންގެ އެކުވެރިޔަކަށްވެސް މި ދެވެނީ ކައިވެންޏަކަށް ކަމަށް ނޭނގެއެވެ. ހަބަރު ލިބިފައިވާ ގޮތުގައި ހަފްލާއަށް ބޭނުންވާ ކެއުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާންތަކެއް ދެމީހުންގެ މެންޝަން އާއި ހަމައަށް ނަން ނެތް ޓްރަކް ތަކުގައި ގެންގޮސް ހުރިހާ އެއްޗެހި ޖެހިގެން ހުރި މެންޝަންއަށް ބަދަލުކުރިއެވެ. ދެ މެންޝަން ދޭތެރޭ ހެދިފައިވާ ބޯގަސްތަކުގެ ސަބަބުން މަތިން ހެލިކޮޕްޓަރެއް ދިޔަކަމުގައިވިޔަސް ކުރަމުން ދާ ކަމެއް ނުފެންނާނެ އެވެ. އެހާވެސް ސިއްރުންނެވެ.
އެހާވެސް މަޝްހޫރު ދެތަރިން ކައިވެނިކުރާ ހަބަރެއް ލިބިއްޖެނަމަ އެތަކެއް މީޑިޔާ ތަކުން އެމީހުންގެ ހަފްލާ ކަވަރު ކޮށްދޭން ގުޅާ، އިންޓަވިޔުއަށް އެދި ބޮޑު ހާސަރަކަށް ވެގެންދާނެތީ ސިއްރު ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.
އެހެންކަމުން ހަފްލާގައި ބައިވެރިވާން ފުރުސަތު ލިބުނީ ވެސް އެންމެ ގާތް އެކުވެރިންނަށެވެ. އެންމެ ކުޑަމިނުން ޖެނިފާގެ މަންމައަށްވެސް ނާންގަ އެވެ. ނަމަވެސް "ފްރެންޑްސް" ގައި އޭނާއާއި އެއްކޮށް ބައިވެރިވި މޮނިކާ، (ކޯޓްނީ ކޮކްސް) އަދި ފީބީ (ލީސާ ކުޑްރޯ) ހަފްލާގައި ތިއްބެވެ.
ސާޅީސް ހަ އަހަރުފުރިފައިވާ ޖެނިފާގެ މިއީ ދެވަނަ ކައިވެނި ކަމަށްވީނަމަވެސް މިއީ ޖަސްޓިންގެ ފުރަތަމަ ކައިވެންޏެވެ. ކުރީގައި ޖެނިފާ އިނދެފައިވަނީ ހޮލީވުޑްގެ އެންމެ ރީތި ފިރިހެނާކަމުގައިވާ ބްރެޑް ޕިޓްއާއެވެ. ފަސް އަހަރު ވަންދެން ކައިވެނިކޮށްގެން ތިބި ބްރެޑް އާއި ޖެނިފާގެ ކައިވެނި ނިމުމަކަށް 2005 އައީ ރީތީގެ ރާނީ އެންޖެލީނާ ޖޯލީ "މިސްޓާ އެންޑް މިސް އިޒް ސްމިތް" އިން ބްރެޑްއާއި ދިމާވެ އެ ދެމީހުން ދޭތެރޭ ލޯބީގެ ގުޅުމެއް ފެށުނު ފަހުންނެވެ. ޖެނިފާއާއި ބްރެޑް ކައިވެނި ވަގުތުން "ތެޅި" ފައިވީ ނަމަވެސް ބްރެޑް އާއި އެންޖެލީނާ އޭރުއްސުރެ ރައްޓެހިވެގެން ތިބެ އެންމެ ފަހުން މިދިޔަ އަހަރު ވަނީ ކައިވެނި ކޮށްފައެވެ.
ޖެނިފާ އަށް ބްރެޑް ދޯކާ ދިނުމުން އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެތައް ދުވަހަކަށް މާޔޫސްވެގެން އުޅެފައި ޖަސްޓިންއާއި ދިމާވީ 2011 ވަނަ އަހަރު ދެމީހުން އެކީގައި ކުޅުނު "ވެންޑާލަސްޓް" އިނެވެ.
ހޮލީވުޑްގައި ކައިވެންޏަކީ މާގިނަ ދުވަހަކަށް ދެމިގެންދާ ކަމެއް ނޫނެވެ. މިކައިވެނި ރޫޅިގެންދާނެ ކަމަށް އިންތިޒާރު ކޮށްގެން މިހާރުވެސް މީހުންތިބޭނެ ކަން ކަށަވަރެވެ.