ދުނިޔެ

ލަންކާ ސަރުކާރާ ދޫކޮށްލި މެންބަރުންގެ އަދަދު 52 އަށް އަރައިފި

Jan 2, 2015

އަންނަ ބުރާސްފަތި ދުވަހު ސްރީ ލަންކާގައި ރިޔާސީ އިންތިހާބު ބާއްވަން ތައްޔާރުވަމުން ދާއިރު ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރު ދޫކޮށް ދިޔަ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު 25 އަށް އަރައިފި އެވެ.

އެންމެ ފަހުން ކޮޅު ބަދަލުކުރައްވާފައި ވަނީ ޑެޕިއުޓީ މިނިސްޓަ އޮފް ހަޔަ އެޑިއުކޭޝަން ނަންދިމިތާ އެކަނަޔަކަ އެވެ. އޭނާ އަކީ ބައި ގިނަ ބުޑިސްޓުންނަށް ނިސްބަތްވާ މެންބަރެކެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މައިތިރިޕަލަ ސިރިސޭނާ އަށް ތާއީދުކުރައްވަން ނިންމަވައިފަ އެވެ.

"އަޅުގަނޑު ސަރުކާރު މި ދޫކޮށްލަނީ ގައުމަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމަށް،" ރާޖަޕަކްސަގެ ފްރީޑަމް ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އެކަނަޔަކަ ރާޖަޕަކްސަ އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރިޔާސީ ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން ރާޖަޕަކްސަ އިންތިހާބު ބާއްވަން ނިންމެވި ފަހުން ސަރުކާރު ދޫކޮށްލި މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. ރައީސަށް ލިބިދޭ ބާރުގެ ދަށުން އިންތިހާބު އަވަސްކުރައްވާފައި ވަނީ ކައުންސިލް އިންތިހާބުތަކުގައި ރާޖަޕަކްސަގެ ޕާޓީ އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވެފައި ވަނިކޮށެވެ. އެހެންވެ އަވަސް އިންތިހާބެއް ބާއްވަނީ މިހާރު އޮތް ތާއީދު ވެސް ގެއްލި ނުދަނީސް އިތުރު ފަސް އަހަރުގެ ދައުރެއް ކަށަވަރު ކުރަން ކަމަށް ވަނީ ބެލެވިފަ އެވެ.

ބުދަ ދުވަހު ވަނީ ރައީސްގެ ކައުންސެލް އަދި ޑެޕިއުޓީ މިނިސްޓަ އޮފް އިންވެސްޓްމަންޓް ފައިޒާ މުސްތަފާ ވެސް ސަރުކާރުން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. އޭނާ އަކީ ލަންކާގައި ހެދުމަށް ނިންމާފައިވާ ކެސިނޯ ރިސޯޓްތަކުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ އަކީ ރާޖަޕަކްސަގެ މައްސަލަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ދިފާއުގައި، ގާނޫނު ހަދާ މަޖިލީހާއި އެހެން ފޯރަމްތަކުގައި ވެސް އެންމެ ބޮޑަށް ވާހަކަ ދައްކަވާ މެންބަރެވެ. އަނެއްކޮޅުން ސިރިސޭނާ އަކީ ކެސިނޯ ރިސޯޓްތަކުގައި އިންވެސްޓްކުރާ ބިދޭސީންނަށް ރާޖަޕަކްސަގެ ސަރުކާރުން ދީފައިވާ ޓެކްސްގެ ލުއި ގޮތްތައް އުވާލައްވާނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ.

ރާޖަޕަކްސައާ ދެކޮޅަށް ނިކުންނަކާ ސިރިސޭނާ އަކީ ކުރީގެ ހެލްތު މިނިސްޓަރެވެ. އޭނާ ވަނީ ގައުމަށް ޑިމޮކްރަޓިކް ހެޔޮ ބަދަލުތައް ގެނައުމަށް ވައުދުވެ ވަޑައިގެންފަ އެވެ.