ހަބަރު

ގުދަންތައް ބަދަލުކުރުން އަވަސްކުރަން ރައީސް އަންގަވައިފި

Sep 21, 2019
4

މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފިއެވެ. އެމަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.

މުލީއާގޭގައި މިއަދު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ރައީސް ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މަޢުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ. މިގޮތުން މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން އެމްއެންޑީއެފްގެ ހުށައެޅުއްވުމުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ގަވާއިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވާއިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުހަލާގައި ވާކަންވެސް އެމްއެންޑީއެފުން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. މި ގަވައިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް އަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް މަޝްވަރާ ދެއްވާފައި ވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ރައީސް ވަނީ ރޭގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުން ފިލުއްވައި އެމީހުންގެ ނިދުމާއި ކެއިންބުއިމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާގޮތުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. މިގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައިވެއެވެ.

ރޭގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިން އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށްވެސް އެސެންޓަރުން ހާމަކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޭ ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް އިއްޔެ ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ.