މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުށްވެރި ކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ޕީޕީއެމްއާއި، ޕީއެންސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މާލޭގެ ހާލަތު މިހާރު އޮތް ގޮތުން މިއަދާ ހަމަޔަށް އައި އިރު ކުއްލި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން ދޭންޖެހޭ އަހައްމިއްޔަތުކަން ކަށަވަރު ކުރުމަކީ، ކުރަން ޖެހޭނެ ކަމެއް ކަމަށާއި، އެކަން ކުރުމަށްޓަކައި، ސަރުކާރުގައި މިވަގުތު އެންމެ އިސްކޮށް ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ މިއަދު އެމަނިކުފާނު ފުރާ ވަޑައިގަންނަވައިފި ކަމަށް. މިއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި މިފަދަ ކަމެއްގައި ސަރުކާރުން ދޭންވީ އެންމެ މުހިންމު ސަމާލުކަން ނުދޭކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭކަން. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމެއް، މި ވަގުތު ރައީސް ފުރާވަޑައިގަތުން" އާދަމް ޝަރީފު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އެކަން ކުށްވެރި ކުރާ ސަބަބަކީ އެފަދަ މުހިންމުކަމެއް ދިމާވުމުން، ރައްޔިތުންނަށް މުހިންމު ވާނީ އދ. ގައި ތަގުރީރު ކުރުން ނޫން ކަމަށާއި، އެކަން ފަސް ކުރުމަށްފަހުވެސް، އަލިފާނުގެ ހާދިސާއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ހުންނެވުމަކީ، ރައްޔިތުންނަށްޓަކައި، ރައްޔިތުންނަށް ވެރިކަމެއް ކުރާނަމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށް، ރަނަގަޅަށް ބަލަން ޖެހޭ ކަމަށާއި، އެކަމުގައި ބައެއްގެ އިހުމާލު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އެނާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މައުލޫމަތު ސާފު ކުރަންޖެހޭ ވަރަށް ސާފުނުކޮށް، މީޑިއާތަކަށް މައުލޫމާތު ދިނުމަކީވެސް އިހުމާލެއް ކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.