އިދިކޮޅު ފަރާތްތައް

ކާރިސާ މެނޭޖްކުރުމުގެ ގާބިލުކަން މި ސަރުކާރަކު ނެތް: އިދިކޮޅު

މި ސަރުކާރުގައި ކާރިސާއެއް މެނޭޖްކުރުމުގެ ގާބިލުކަން ނެތްކަމަށް އިިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް / ކޮންގްރެސް އިން މިއަދު ހަވިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުން އެންމެ އަވަސް ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކޮންގްރެސްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ހުކުރު ދުވަހުގެ އެ ހާދިސާއަށް ހަފުތާއެއް ފާއިތުވެގެން ދާއިރު، ހާލުގައި ޖެހުނު މީހުން އަދިވެސް ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. ގެދޮރު އަނދައިގެން ދިއުމުން ދާއިމީ ބޯހިޔާވަހިކަން ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ލިބުން ލަސްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ވަރަށް ގިނަ ބަޔަކަށް ނަފްސާނީ ގެއްލުން ލިބިފައިވާ ކަމަށާ ޚާއްސަކޮށް އަލިފާންގަނޑުގެ ސަބަބުން އިމާރާތްތަކުގައި ތާށިވި މީހުނަށް ލިބިފައިވާ ނަފްސާނީ ގެއްލުންތައް ވެސް ބޮޑު ކަމަށެވެ.

"އެފަދަ މީހުންނަށް މާބޮޑު ސަޕޯޓެއް ދެވޭނެ އިންތިޒާމެއް އަދިވެސް ވަނީ ހަމަނުޖެހި." ޝަރީފު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ވަރަށް ގިނަ މުދާ އަނދައިގެން ދިޔައިރު، އޭގެ ހައްގު ބަދަލު ހޯދަން ކުރަންޖެހޭ މަސައްކަތް ވެސް އާންމު އުސޫލުން ކުރަން ޖެހުމަކީ ދެރަ ކަމެއްކަން ފާހަގަ ކުރައްވާ ޝަރީފު ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުން ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައިކަމަށާ އެހެންކަމުން ޚާއްސަ އުސޫލެއްގެ ދަށުން ކަންކަން އިންތިޒާމު ކުރެވެން ވާނެ ކަމަށެވެ.

"ބައެއް ވިޔަފާރިވެރިން މި ތިބީ އިންޝުއަރެންސް ކޮށްގެން ނަމަވެސް ގެއްލިގެންދިޔަ މުދަލަށް ހައްގު ބަދަލު ހޯދަން ހުށައަޅާއިރު ޕޮލިސް ރިޕޯޓެއް އެބަ ބޭނުންވޭ. ނަމަވެސް އެ ރިޕޯޓް ހޯދަން ފުލުހުންގެ އިދާރާއަށް ގޮސް އެތައް އިރަކު އެތަނުގައި އެބަ ތިބެންޖެހޭ. މިއީ އެމީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް." ޝަރީފް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ކޮންމެ ދުވަހަކު ދެމުން ގެންދަނީ 200 ރުފިޔާކަން ފާހަގަކުރައްވާ އެއީ ކުޑަ މިންވަރެއް ކަަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ބައެއް ގޭގެއަށް މީހުންނަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް އަދިވެސް އެ ގޭގެއަށް ކަރަންޓް ލިބޭނެ އިންތިޒާމެއް ނެތް ކަމަށެވެ.

"ކޮންމެ ކަމެއްވެސް އާންމު އުސޫލުން ކުރަންޖެހޭ ތަން މި ފެންނަނީ. އެއީ މިފަދަ ހާލަތެއްގައި ކަންކަން އޮންނަންވާނެ ގޮތެއް ނޫން. އެހެންވީމަ މިކަންކަމުން މި ހާމަވާކަމަކީ ކްރައިސިސްއެއް މެނޭޖް ކުރުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތްކަން." ޝަރީފު ވިދާޅު ވިއެވެ.

ކޮންމެ ކަމެއްވެސް އާންމު އުސޫލުން ކުރަންޖެހޭ ތަން މި ފެންނަނީ.. އެއީ މިފަދަ ހާލަތެއްގައި ކަންކަން އޮންނަންވާނެ ގޮތެއް ނޫން... އެހެންވީމަ މިކަންކަމުން މި ހާމަވާ ކަމަކީ ކްރައިސިސްއެއް މެނޭޖް ކުރުމުގެ ގާބިލްކަން މި ސަރުކާރުގައި ނެތްކަން.
އާދަމް ޝަރީފް އުމަރު | ކުރީގެ ޑިފެންސް މިނިސްޓަރު

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނެ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވެސް ވަނީ މަރުވި އިރު ހާލުގައި ޖެހުނު 400 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާ ވަހިކަން ދީފަ އެވެ.

މި ހާދިސާއާއި ގުޅިގެން އާންމުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދު ސާފުކޮށް، ހަލާކުވެފައިވާ އިމާރާތްތައް ތަޅާލުމުގެ މަސައްކަތުގައި ސިފައިން ގެންދަނީ 24 ގަޑިއިރު ހަރަކާތްތެރިވަމުންނެވެ. އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.