ހަބަރު

ފެންބޮޑުވާ މައްސަލަ ހައްލު ކުރަން މަގުތައް އަލުން ހަދަނީ

ވިއްސާރަ މޫސުންތަކުގައި މާލޭގެ މަގުތައް ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މަގު ހެދުމުގެ ޕްރޮޖެކްޓެއް ރާވަމުންދާ ކަމަށާއި މި އަހަރު މަސައްކަތް ފެށޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިއްސާރަ މޫސުންތަކުގައި މާލޭގެ މަގުތައް ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ހިނގި ފެންބޮޑުވުމުގެ ހާދިސާއަށްފަހުގައި ވިއްސާރަ މޫސުންތަކަށް ވަރަށް ބޮޑަށް ތައްޔާރުގައި ސިޓީ ކައުންސިލުން ތައްޔާރީ ހާލުގައި އަބަދުވެސް ތިބޭ ކަން ޝަމާއު ފާހަގަ ކުރެއްވި އެވެ. އެ ގޮތުން އެމްޑަބްލިއުއެސްސީއާއެކު ސްޓޯ ވޯޓާ ޕަމްޕުތައް އަބަދުވެސް ޗެކް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތައް ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ޕްރޮޖެކްޓެއް ރޭވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ އޮކްޓޯބަރު މަހަށް އެ މަސައްކަތް ނިންމާލައި އާންމުންގެ ހިޔާލަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން އާންމު ކުރާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ މާލޭގެ މަގުތައް ރަނގަޅު ކުރުމަށްޓަކައި ޕްރޮޖެކްޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން. އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އާންމުންގެ ހިޔާލަށް މަޝްރޫއު ހުޅުވާލެވޭނެ. ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގެ ފެންބޮޑުވީމަ އެންމެން ހޭލައި ތިބެގެން ޕަމްޕު ޖަހައިގެން ފެން ހިންދައި ތިބުމަކީ ކުރަން ދަތި ކަމެއް،" ޝަމާއު ވިދާޅުވި އެވެ.

ރޭ ދަންވަރު ވެސް މާލެއަށް ކުރި ވިއްސާރަގައި ވެސް މަގުތައް ފެންބޮޑުވެ ގޭގެއަށް ފެން ވަދެފައިވެ އެވެ. އެ ގޮތުން، ސިމާއު ވިދާޅުވި ގޮތުގައި 111 ގެއަށް ފެންވަދެފައިވެ އެވެ. ގޭގެއަށް ފެން ވަނުން ހުއްޓުވަމަށް ރޭ ކުރި މަސައްކަތުގައި ވެސް 50،000 އަށްވުރެ ގިނަ ވެލި ބަސްތާ ގޭގޭގައި ޖަހާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ

ޝަމާއު ވިދާޅުވި ގޮތުގައި ރޭކުރި ވިއްސާރާގައި އެއްވެސް ގެއަކަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުގައި ފާހަގަ ކުރެވިފައެއް ނުވެ އެވެ.