ފެން ބޮޑުވުން

ފެންބޮޑުވާ މައްސަލަ އަންނަ އަހަރު ހައްލުވާނެ: މޭޔަރު

ވިއްސާރަ ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް އަންނަ އަހަރު ލިބޭނެ ކަމަށާ އެކަމަށް ބޭނުންވާ ބަޖެޓާ ޕްލެއިންތައް ކުރެވިފައިވާ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލެއަށް މިއަދު ހެނދުނު ބޯކޮށް ވާރޭވެހި ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް މަގުތަކުގައި ވަރަށް އުސްކޮށް ފެންގަނޑު ބޮޑުވެފައިވާއިރު އެކަމުގެ ސަބަބުން އާންމުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސިޓީ ކައުންސިލާއި، ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.

އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކާއި ގުޅިގެން މޭޔަރު ޝިފާ ވިދާޅުވީ ނިމިިދިޔަ ހަތް އަހަރުގެ ތެރޭގައިވެސް މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދިފައިނުވާ ކަމަށެވެ. ޝިފާ ވަނީ އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒުއަށް ފާޑު ވިދާޅުވެފައެވެ.

"މި ކައުންސިލްގެ އެއް އަހަރު. ރައީސް ޔާމީން ދިޔައީ އެމްއާރުޑީސީ [މަގު ހަދާ ކުންފުނި] އުވާލާފައި." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި މާލޭގެ މަގުތަކަށް 79 މިލިއަން ރުފިޔާ ހިިމަނާފައިވާ ކަމަށެވެ.

"އެއް އަހަރު ތެރޭގައި ޕްރޮޖެކްޓް ކޮންޕްލީޓްކޮށް ޖުމްލަ ހައްލާއެކު އެ އޮތީ ރެޑީވެފައި." ސަރުކާރަށް ޝުކުރު އަދާކޮށް މޭޔަރު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް "މާލޭގެ ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" އެއް އެކުލަވާލާ އެ ޕްލޭން ތަންފީޒުކުރުމަށް ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމާފައެވެ.

ލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

މި މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށާއި، އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ހިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެ ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ހިދުމަތް އަލުން ތައާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރާ، ހައުސިން މިނިސްޓަރަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް އައު ސަރުކާރަށް އަހަރު ދުވަސްވެގެންދިޔައިރު އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.