މިދިޔަ ހަފުތާގައި ބޭއްވި ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ހަފުލާ ކަމަށްވާ އައިފާ އެވޯޑުގައި ފިލްމު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއަށް ވަނީ ވަރަށް ފަޚުރުވެރި އެވޯޑެއް ދީފަ އެވެ.
ހިރާނީއަށް ދީފައިވަނީ ފާއިތުވީ 20 އަހަރު ތެރޭގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑެވެ. މި އެވޯޑު އޭނާއަށް ދިނީ "ތުރީ އިޑިއަޓްސް" ޑައިރެކްޓް ކޮށްގެންނެވެ.
މި އެވޯޑު ލިބުމުން އުފަލުން ހިރާނީ ބުނީ އޭނާގެ ފިލްމުތަކުން ގިނަ ބަޔަކު މުނިފޫހި ފިލާ ހިތްހަމަޖެހުނުކަން އެނގުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
"ތުރީ އިޑިއަޓްސް" އަކީ ވަރަށް ގިނަ ބައެއްގެ ހިތްތަކާ ކުޅެލި އަދި މޫނަށް ހިނިތުންވުން ގެނުވި ފިލްމެކެވެ. މި ފިލްމު ނޫނަސް ހިރާނީ އުފެއްދި ހަމަ ކޮންމެ ފިލްމަކީ ވެސް ވަރަށް މޮޅު އަދި ރީތި ފިލްމެކެވެ.
ހިރާނީއަކީ މޮޅު ޑައިރެކްޓަރެއް ކަން އޭނާ އުފެއްދި ފުރަތަމަ ފިލްމު "މުންނާބާއީ އެމްބީބީއެސް" ބެލި މީހުން އެއްބަސްވާނެ އެވެ. އޭގެ ފަހުން އޭނާ ވަނީ މި ސިލްސިލާގެ ދެ ވަނަ ފިލްމެއް ވެސް އުފައްދާފަ އެވެ. އަދި "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" ގެ ޑައިރެކްޓަރަކީ ވެސް ހިރާނީ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި "ސަންޖޫ" އަކީ ވެސް އާދަޔާޚިލާފު މޮޅު ފިލްމެކެވެ.
މިފަހަރުގެ އައިފާ އެވޯޑުގައި އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބުނީ "ޕަދުމާވަތު" އިން ރަންވީރު ސިންގް އަށެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑު "ރާޒީ" އިން އަލިއާ ބަޓަށް ލިބުނުއިރު އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ އަޔުޝްމާން ކުރާނާ ބަތަލުގެ ބައި ކުޅެފައިވާ "އަންދާދުން" އެވެ.
އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ޝްރީރާމް ރާގަވަން އެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް "ސަންޖޫ" ކުޅެގެން ވިކީ ކައުޝަލް ހޮވުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަކަށް ހޮވިފައިވަނީ "ޕަދުމާވަތު" އިން އަދިތީ ރާއޯ ހައިދްރީ އެވެ.