އިންޑިއާގެ ގުޖްރާތުގެ ޓްރެފިކް ޕޮލިހުން މިހާރު ދަނީ މުޅިން އަލަށް އަމަލު ކުރަން ފެށި ވެހިކަލްތަކާބެހޭ ގާނޫނަށް އަމަލު ނުކުރާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންނެވެ. މި ގާނޫނު ބުނާ ގޮތުން ހެލްމެޓް ނާޅާ މޮޓޯ ސައިކަލް ދުއްވާ މީހުން ވެސް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ.
ނަމަވެސް ދާދިފަހުން ހެލްމެޓް ނާޅާ ސައިކަލް ދުއްވި މީހަކު ޖޫރިމަނާ ކުރާނެ ގޮތެއް ނޭނގި ފުލުހުންނަށް ވެސް ހަދާނެ ގޮތް ހުސްވެއްޖެ އެވެ.
ޒާކިރް މެމޮން ހެލްމެޓް ނާޅާ ސައިކަލް ދުއްވަނިކޮށް ޓްރެފިކް ޕޮލިހުން އޭނާ ހުއްޓުވި އެވެ. އަދި އޭނާ ޖޫރިމަނާ ކުރަން ތައްޔާރުވި އެވެ. ނަމަވެސް މި މީހާ ދެއްކީ މާ ވަރުގަދަ ބަހަނާ އެކެވެ. އެމީހާ ފުލުހުން ކައިރީ ބުނީ އޭނާގެ ބޯ ބޮޑު ކަމުން ބޮލަށް ހެޔޮވަރު ހެލްމެޓެއް ނުލިބުނު ކަމަށެވެ. ބާޒާރުގެ އެއްވެސް ފިހާރައަކުން އޭނާއަށް ހެޔޮވަރު ހެލްމެޓެއް ގަންނަން ނުލިބުނު ކަމަށް އެ މީހާ ބުންޏެވެ.
ޒާކިރް ބުނި ގޮތުގައި އޭނާއަކީ ވެސް ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ މީހެކެވެ. އެހެންވެ ހެލްމެޓް ހޯދަން އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ބޮލަށް ހެޔޮވަރު އެއްޗެއް ނުލިބުނީ އެވެ. އޭނާ ދެއްކި ވާހަކަތައް އަޑުއަހާފައި ފުލުހުން ވެސް އޭނާއަށް ހަމްދަރުދީވެ ޖޫރިމަނާ ނުކޮށް ދޫކޮށްލީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.