އޮފްބީޓް

އަންހެނުން ނިންދަވާފައި ހަ ގަޑިއިރު ފްލައިޓް ތެރޭ މީހަކު ކޮޅަށް!

އޭނާ އިށީންނަންވީ ގޮނޑީގައި އަންހެނުން ނިންދަވައިގެން ހަ ގަޑިއިރު ވަންދެން ފްލައިޓެއް ތެރޭ ކޮޅަށް ހުރި މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބަޔެއްގެ ލޮލުގައި މި ފޮޓޯ މިހާރު ވަނީ އަޅައިގެންފަ އެވެ.

މި ފޮޓޯއަށް ބަހުސް ކުރުމުގައި އިންޓަނެޓްގައި ކޮމެންޓްކުރާ މީހުން ވަނީ ދެބައި ވެފަ އެވެ. އެއްބަޔަކު ބުނަނީ މިއީ އެ ފިރިހެންމީހާ އޭނަގެ އަންހެނުން ދެކެ ވާ ލޯބި އަންގައިދޭ ކަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ މިއީ ފިރިހެންމީހާގެ ގަމާރުކަމުން ކުރި ކަމެއް ކަމަށެވެ.

ކޯޓްނީ ލީ ޖޯންސަން ނަމަކަށް ކިޔާ މީހަކު ޓުވިޓާގައި ޝެއާކުރި މި ފޮޓޯގެ ތިރީގައިވާ ކެޕްޝަންގައި ވަނީ ފޮޓޯގައިވާ ފިރިހެންމީހާ އޭނަގެ ގޮނޑީގައި އަންހެނުން ނިދަން ބާއްވާފައި ހަ ގަޑިއިރު ވަންދެން ފްލައިޓެއް ތެރޭ ކޮޅަށް ހުރި ކަމަށެވެ.

ވައިރަލްވީ މި ފޮޓޯގައި ފިރިހެންމީހާ ވަރަށް ލޯބިން އޭނާގެ އަންހެނުންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ފެނެ އެވެ. އަންހެންމީހާ އޮންނަނީ ފްލައިޓްގެ ތިން ސީޓް އެއްކޮށްލައިގެން ރަނގަޅަށް އަރާމުގައި ނިދާށެވެ.

ނަމަވެސް ސޯޝަލް މީޑިއާއިން މި ފޮޓޯ ފެނުނު އެއްބަޔެއްގެ ރުޅި އަމާޒުވީ އަންހެންމީހާ އަށެވެ. މިއީ އަންހެންމީހާގެ އަމިއްލަ އެދުން ބޮޑުކަން ހާމަވާ ފޮޓޯއެއް ކަމަށް އެފަދަ މީހުން ބުންޏެވެ. އަންހެންމީހާ ބޭނުންނަމަ ފިރިހެންމީހާގެ އުނގުގައި ބޯ އަޅާލައިގެން ވެސް އޮވެވުނީސް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އަދި ފިރިހެންމީހާ ލޯބިވިޔަސް އަންހެންމީހާ ލޯބިވާނަމަ އެ ގޮތަށް ކަންތައް ނުކުރީސް ކަމަށް އެހެން ބައެއް ކޮމެންޓްތަކުގައި ވެއެވެ.

މި ފޮޓޯއާ މެދު އެތައް ހާސް ބަޔަކު ބަހުސް ކުރިއިރު ހަގީގަތުގައި މި ފޮޓޯގައި ވަނީ ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގުނެވެ.