ލައިފްސްޓައިލް

ވޭޕިންގެ މައްސަލަ އިތުރުވެ ގިނަ ބަޔަކު މަރުވަނީ

އެމެރިކާގައި އެކަނިވެސް މިހާތަނަށް ވޭޕިންގެ ސަބަބުން ނޭވާ ހިއްލުމުގެ ނިޒާމުގައި މައްސަލަތައް ޖެހި މަރުވާ މީހުން ދަނީ އިތުރު ވަމުންނެވެ. ނަމަވެސް މިކަން މިހެން ދިމާވާ ސަބަބު ނޭނގޭ ކަމަށް އެމެރިކާގެ ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވެ އެވެ.

ބުރާސްފަތި ދުވަހު މަރުވި މީހަކާއެކު ވޭޕިންގެ ސަބަބުން އެމެރިކާގައި މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ. އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މިހާތަނަށް ކުރި ތަހުގީގު ބޮޑަށް ބުރަވަނީ ބްލެކް މާކެޓްގައި ވިއްކާ ގަޑުބަޑުކޮށްފައިވާ ވޭޕިންގެ ބާވަތްތަކުން މި މައްސަލަ ދިމާވަނީ ކަމަށެވެ.

ވޭޕިންގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް މައްސަލަތައް ދިމާވެގެން އެމެރިކާގެ ސްޓޭޓްތަކުން މިހާތަނަށް 530 އަށް ވުރެ ގިނަ މީހުން ރިޕޯޓްކޮށްފި އެވެ.

ކެނެޑާގައި ވެސް ބުދަ ދުވަހު ވަނީ ވޭޕިންގެ ސަބަބުން ހައި ސްކޫލް ދަރިވަރަކު ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާ ދިފަ އެވެ.
ނޭވާލުމުގެ ނިޒާމަށް މައްސަލަ ދިމާވެގެން ރިޕޯޓް ކޮށްފައިވާ ހުރިހާ ބަލި މީހުންނަކީ ވެސް އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕިން ޑިވައިސް ބޭނުންކުރާ މީހުންނެވެ.

މި މީހުންނަށް ފަރުވާ ދެއްވި ޑޮކްޓަރުން ވިދާޅުވަނީ މި މީހުންގެ ހާލަތު ހުންނަނީ ކޮންމެވެސް ވިހަ މާއްދާއެއް ނޭވާލުމުގެ ނިޒާމުގެ ތެރެއިން ދިޔުމުން ފެންނަ ކަހަލަ ގޮތަކަށެވެ.

ވޭޕިން އަކީ ސިނގިރޭޓަށް ވުރެ ރައްކާތެރި އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް މިހާރު ވޭޕިން އާ ގުޅޭ ގިނަ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވޭޕިން ބޭނުންކުރުން ދަނި މަނާ ކުރަމުންނެވެ.