ވިޔަފާރި

މިދިޔަ އަހަރު ކުންފުންޏަށް ވަރަށް ކާމިޔާބު: ސްޓެލްކޯ ޗެއާމަން

Sep 22, 2019
2

މިދިޔަ އަހަރު ކުންފުނީގެ ހިންގުން ހަރުދަނާވެ، އެ ކުންފުންޏަށް ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޗެއާމަން މުހައްމަދު ރަޝީދު ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބުވި މައިގަނޑު ސަބަބަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، މާލީ ގޮތުން ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

"މިދިޔަ އަހަރު މާލީ ގާބިލްކަން ވަނީ އިތުރުވެފަ. ސްޓެލްކޯ އިން ވަނީ ތަރައްގީގެ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފައި. މިގޮތުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ސާފު ބޯފެނުގެ ހިދުމަތްތައް ވަނީ ތައާރަފު ކުރެވިފައި،" ރަޝީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުގެ ދަށުން، އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތް ތަކެއް ކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުން ނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް. ޑިރެކްޓަރުންގެ ބޯޑުން ގިނަ ޕްރޮޖެކްޓް ތަކެއް ވަނީ ވިލަރެސް ކުރެވިފައި،" ރަޝީދު ވިދާޅުވި އެވެ.

މާލެ އަށް ކަރަންޓު ދިނުމަށް ސަރުކާރު ކުންފުންޏެއް އުފައްދާފައިވަނީ 1949 ވަނަ އަހަރު އެވެ. މިގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް އުފެދިފައިވަނީ 1997 ވަނަ އަހަރު އެވެ.