ވިޔަފާރި

މިދިޔަ އަހަރު ސްޓެލްކޯގެ ދަރަނި ބޮޑުތަން އިތުރުވި: އެމްޑީ

Sep 22, 2019
1

މިދިޔަ އަހަރު ސްޓެލްކޯގެ ދަރަނި ބޮޑުތަން އިތުރު ވެގެން ދިޔަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާގައި ދެއްވި ޕްރެޒެންޓޭޝަންގައި އެމްޑީ މުޣުނީ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނިން ބިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރެވިފައިވާ ކަމަށެވެ. މި އިންވެސްޓްމަންޓްތަކުގެ 90 ޕަސެންޓަކީ ހުޅުމާލޭގައި ހިންގާ ފިފްލްޕަވާ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު 10 ޕަސެންޓްވަނީ ކެޕިޓަލް އިންވެސްޓްމަންޓް ތަކަށް ހޭދަކުރެވިފައި،" މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނީގެ އިކުއިޓީ އާއި ދަރަނި އަޅާ ދަރަނި، ބޮޑުތަން އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެންގެ ލައިބިލިޓީ ވަނީ 39 ޕަސެންޓް އިތުރުވެފައި. މި ފަދަ ކުންފުންޏެއްގެ ދަރަނި އިތުރު ވެގެން ނުދާ މިންވަރަށް ވަނީ އިތުރު ވެގެން ގޮސްފައި. ދަރަނި އިތުރުވި ސަބަބަކީ ސަރުކާރުން ދިން ލޯނެއްގައި ފިފްތް ޕަވާ މަޝްރޫއު ހިންގުން. އެނގިވަޑައިގަންނަވާނެ މި ފަދަ މަޝްރޫއު ތަކަކީ ސެލްފް ފައިނޭންސްކޮށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން،" މުޣުނީ ވިދާޅުވި އެވެ.

މިދިޔަ އަހަރު އާމްދަނީ އިތުރުވި

އެމްޑީ މުޣުނީ ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވީ 2017 އަހަރާއި 2018 ވަނަ އަހަރު އެ ކުންފުނީގެ ހަރަދަށް ވުރެ އާމްދަނީ އިތުރު ވެފައިވާ ކަމަށެވެ.

"ދެހާސް ސަތާރަ އަދި ދެހާސް އަށާރަ ވަނަ އަހަރު މިވަނީ ތިން ޕަސެންޓް އިތުރުވެފަ. ޓެކްސްގެ އެޖެސްޓްމަންޓަކާއެކު ފައިދާ 100 މިލިއަން ވަނީ އިތުރުވެފައި،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ތަފާސް ހިސާބުތަކެއް ދައްކާ ގޮތުން އެ ކުންފުނިން އުފެދިގެން އައިއިރު ދެމުން ގެންދިޔައީ 14 ކިލޯ ވޯޓުގެ ކަރަންޓެވެ. ނަމަވެސް މިހާރު މި އަދަދު 129،776 ކިލޯ ވޮޓް އަށް ވަނީ އިތުރުވެފަ އެވެ. އަދި މިހާރު ކަސްޓަމަރުންގެ އަދަދު ވަނީ 61،455 އަށް އިތުރުވެފަ އެވެ.