ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(19 ސެޕްޓެމްބަރ 2019 އާ ގުޅޭ)

"އަހަރެންގެ ހަޒްބަންޑް ލިއަމްހާ ސްމާޓެއްނުވާނެ، އޭނާ ގިނައިން އުޅެނީ ކަނޑުމަތީ... ކަންނެލި ދޯންޏެއްގަ، އަހަރެން ވެސް އިންނަންވީ ލިއަމްއާ ދޯ... އޭރުން ޒެއްލުހާ ނަސީބު ގަދަވާނެ" އަލްމާ ހިނިއައިސްފަ އިނދެ ބުންޏެވެ.

"އޭނާ މަހަށް ގޮސްފަ އައިސް ހުންނަނީ ފެންނުވަރާތަ؟" ހޭޒަލް އަހާލިއެވެ.

"ނޫން!... އެކަމަކުވެސް މަށަށް ހަމަ މަސް ވަސް ދުވަނީ" މޫނު ކުނިކޮށްލަމުން ހޭޒަލްއަށް އަލްމާ ބަލާލިއެވެ.

"އެހެންވީރު އަލްމާއަށް މަސްވެރިއެއް ކަމަކުނުދަނީނު، އަހަރެންގެ ފިރިމީހާ ގައިން ނުބައި ވަސް ދުވަންޏާ އެކަން ރަނގަޅުކުރާނީ އަހަރެން، މިހާރު ސެންޓާ، އަތަރާ، ލޯޝަންއާ އެއްޗެހި ހުރޭ ދޯ... ލިއަމްއަށް އެ ހުރިހާ އެއްޗެއް ގަނެދެނީ އަހަރެން، އަނބިންގެ ލޯތްބާއި އަޅާލުން ލިބޭވަރަކަށް ފިރިން ރީތިވާނެ، އެމީހުން ރީތި ހެދުން އަޅައިގެން މީރު ވަސް ދުވާ ސެންޓު ޖަހައިގެން ނުކުމެ ތިބޭއިރު އެ ހުރިހާކަމެއްގަ އަނބިމީހާގެ ޚިއްޞާ ވަރަށް ބޮޑު" ހޭޒަލް އެހެންބުނީ އަލްމާއަށް އެއްޗެއް ވިސްނޭތޯއެވެ.

"އަހަރެން ރައްޒާގު ކައިރީ ބުނެފީމޭ ރަށުގައި ހުރެގެން ކުރާ ކަހަލަ މަސައްކަތެއް ކޮށްބަލާށޭ، އެ ނޫން މަސައްކަތެއް ކުރަން އެނގޭ ކަމަކަށްނުވޭ" ހޭޒަލްގެ ވާހަކައިން ބަސްހުއްޓުނު ނަމަވެސް ގިނައިރެއްނުވެ އަލްމާ އެއްޗެކޭ ބުނެލައިފިއެވެ.

"އަލްމާގެ މެރިއޭޖްގަ މައްސަލައެއް އުޅެނީތަ؟ އެއްޗެކޭ ހީނުކުރައްޗޭ... އަލްމާ ދައްކާ ވާހަކައިން އަހަންނަށް އެހެން ހީވާތީ މި ސުވާލުކޮށްލީ... ދެމީހުން ކައިވެނި ކުރާނީ އެކަކުއަނެކަކު ކޮންމެވެސް ވަރަކަށް އެނގިގެން ދޯ... ކުރާ މަސައްކަތާއި އުޅުން ހުންނަ ގޮތް ފެނި އެނގިފަ ކަންނޭނގެ އޮންނާނީ، އަހަރެން ކައިވެނި ކުރަން ނިންމީ މުޅި އުމުރަށް އެކުގައި އެމީހަކާ އުޅެވޭނެކަމުގެ ޔަގީންކަން އަހަރެންނަށް އޮތީމަ، އަހަރެން ލިއަމްއާ އިންއިރު އޭނާއަކީ ކީއްކުރާ ކާކުކަން އެނގޭ، އަލްމާގެ މިހާރު ބޭބީއެއް ވެސް އެބައޮތް، އެހެންވީމަ ތި ދެމެދުގައި ލޯބި ވެސް އިތުރުވާނެހެން ހީވަނީ... އެހެންމީހެއްގެ އަނތްބަކަށްވީނަމައޭ ހިތަށް އެރުވުމުގެ ބަދަލުގައި އަހަންނަށް ހީވަނީ އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ލައިފްގަ ހުރި ހުރަސްތަކާމެދު ވިސްނާ އެކަން ހައްލުކުރަން ވިސްނުންހެން" ހޭޒަލްއަށް އަލްމާގެ މަޤުޞަދަކީ ކޮބައިކަން ނޭނގި އަމިއްލަ ނަފްސާ ކުރެވޭ ސުވާލުތައް ގިނަވިއެވެ. އޭނާ ދައްކާ ވާހަކަ ހޭޒަލްއަށްވީ ވަރަށް ފީކަޅާ ދެކޮޅު ނުޖެހޭ ވާހަކަތަކަކަށެވެ. ދެބަސް ބުނެލާފައި އެ ދެމެދަށް ލިއަމް އެބަ ވައްދައެވެ. ޔަގީންވާވަރަށް މިހާރު ހޭޒަލްއަށް އެނގެނީ އަލްމާ އެ އުޅެނީ ފިރިމީހާ ކަމުނުގޮސްގެން ކަމެވެ. އެހެންވެ ފިރިމީހާއާ މެދު ދެކޮޅު ވާނޭ ފަދަ ވާހަކަދައްކައިގެން އެހެންމީހުންގެ ކުރިމަތީ ފިރިމީހާ ބަދުނާމުކުރަން އަލްމާ ބޭނުންވަނީ ކަމަށް ވެސް ވެދާނެއެވެ. އެއަށްވުރެ ހޭޒަލް ފޫހިވީ އަލްމާގެ ޝައުގުވެރިކަން ލިއަމްއަށް ހުރީއޭ ހީވާތީއެވެ.

"ޒެއްލު އަދި ޅައީ ކަންކަމަށް، އަހަރެން ކައިވެނިކުރީ މާބޮޑު ލޯބިތަކެއް ވެގެންނެއްނޫން، ރައްޒާގު އަހަންނަށްވުރެ އެތައްގުނައެއް ދޮށީވާނެ، އޭނާގެ މިޒާޖު ވެސް ތަފާތުވާނެ... މަޖާކޮށްލާކަށް ނޭނގޭނެ، އަހަރެމެން ދެ މީހުންގެ ދެމެދުގައި މާބޮޑު ވާހަކައެއް ނޯވޭ ދައްކާކަށް، އެހެން އުޅެނިކޮށް ދަރިއަކު ލިބުނީ، އަރްޝަމްއަށް އަދިމިވީ އެންމެ އަހަރެއް... އަހަރެން މިހާ ފަލަވީ ވެސް އެހެންވެ، ކުރިން އަހަރެން އެހާ ފަލައެއްނުވާނެ، ޒެއްލުމެންހާ އިސްކޮޅުން ދިގު ނޫނަސް ހަށިގަނޑު ވަރަށް ހިމަވާނެ" އަލްމާ ބުންޏެވެ.

"އެހެންތަ!..." މިފަހަރު ބޭކާރު ވާހަކަތަކެއް އަލްމާއާ ދައްކާކަށް ހޭޒަލް ގަސްދެއް ނުކުރިއެވެ. އޭނާ ކިޔާ އެއްޗެއް އަޑު އަހަން އިންނަން ހޭޒަލް ނިންމީއެވެ. އޭނާގެ ވާހަކަތަކުން އެ ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން އެނގިދާނޭ ހޭޒަލްއަށް ހީވާތީއެވެ.

އެކި ވާހަކަތަކުން ކުރި ފަޅަމުން ގޮސް ލިއަމްއަކީ މާލޭ މީހެއްކަމާއި އަދި މާލޭގައި ލިއަމްގެ ޢާއިލާގެ ބޮޑު ގެއެއް ހުންނަކަމުގައި އަލްމާއަށް ބުނެވުނެވެ. އެކަން އޭނާއަށް އެނގުނީ ކިހިނެއްބާއޭ ހޭޒަލްގެ ހިތަށް އެރިއެއް ކަމަކު އަނގައިން ނުބުނެ އޭނާ ދެން ވެސް އިނީއެވެ. ވާހަކަދައްކަން އަލްމާއަށް ފުރުޞަތު ދީގެންނެވެ. މާލޭގަ ދިރިއުޅުމަށް އަލްމާ ޝައުގުވެރިވެއެވެ. ލިއަމްގެ ޢާއިލާ މީހުންނާ ބެހޭ ގޮތުން އަލްމާއަށް އެއްވެސް އެއްޗެއް އެނގިފައެއްނެތެވެ. އެހެންވެ އޭނާ ހޭޒަލް ގާތުން އެކަންކަން އޮޅުންފިލުވަން އުޅުނެވެ. ނަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކައި ވާހަކައިގެ މިސްރާބު ހޭޒަލް ބަދަލުކޮށްލައެވެ. ދެން އަލްމާ ފެށީ ރަށުގައި ޒުވާނުން މަދު ވާހަކައެވެ. އަދި ރަށުގެ ގިނަ އަންހެންކުދީން މާލެއިން އަންނަ ޒުވާނުންނާ ގުޅޭ ވާހަކައެވެ. ނިކަން ވިޔާނުދާކޮށް އުޅޭ ވާހަކައެވެ. އެވާހަކަތަކުން ހޭޒަލްއަށް ހީނނުގަނެވުނީ ކިރިޔާއެވެ. އޭނާ މޫނުގައި ދެއަތްތިލައިން ފިރުމާލައި އަނގަމަތި ނިވާކޮށްލިއެވެ. އަލްމާއާއި އޭނާ އެބުނާ އަންހެނުންނާ ހޭޒަލްއަށް އަޅާކިޔާލެވުނީއެވެ. ހޭޒަލްއާ އަލްމާ ބައްދަލުވީސުރެން އަލްމާގެ ފުށުން ރިވެތި އުޅުންހުރި އަންހެނެއްގެ ފަރާތުން ފެންނާނޭ އެއްވެސް ސިފައެއް ނުފެނެއެވެ. ވީއިރު އޭނާއަކީ ރަނގަޅު އަންހެނެކޭ ހީކުރެވޭނީ ކިހިނެއް ހެއްޔެވެ. އޭނާ އެބުނާ ވިޔާނުދާ އަންހެނުންނެކޭ ޚުދު އަލްމާއެކޭ ހުރީ ކޮންތަފާތެއް ބާއެވެ. ތިމާގެ ހުންނަ އުނިސިފަ ތިމާއަށް ނުފެންނާނޭ މީހުން ބުނަނީ ރަނގަޅަށެވެ. އަލްމާއަށް ވެސް އެވަނީ އެހެންނޭ ހޭޒަލްގެ ޟަމީރު ބުންޏެވެ.

ޔުސްރާއަށް އާދެވުނުއިރު ވެސް ހޭޒަލްއާއި އަލްމާ ތިބީ ޖޯލިފަތީގައެވެ. އަލްމާގެ ހަރަކާތްތަކަށް ފާރަވެރިވެ އިން ހޭޒަލްއަށް ކަމެއް ފާހަގަވިއެވެ. ޔުސްރާއައުމުން އަލްމާގެ ސުވާލުތައް މަދުވެއެވެ. އޭނާގެ ދުލުން ލިއަމްގެ ނަން އިވުނަސް އިވެނީ ހޭޒަލްގެ ނަމާ ގުޅިގެންނެވެ. މިބަދަލުތަކުން ވެސް ހޭޒަލްގެ ހިތުގައި އޮތް ވަހުމްތައް އިތުރުވާން ފުރުޞަތު ފަހިވެއްޖެއެވެ. ޔުސްރާއަށް އޭނާގެ އެހާ ގާތް އެކުވެރިއެއްގެ ގޮތް ނޭނގިއެއް ނޯންނޭކަން ވެސް ހޭޒަލްގެ ޟަމީރު އެއްބަސްވިއެވެ. ނަމަވެސް ދައްކަން އޮތީ ކޮންމެ މީހަކަށް ވިޔަސް ސިހުންގެނުވާ ފަދަ ވާހަކައެކެވެ. ބީރައްޓެހި ބައެއްގެ ތެރެއަށް އައިސް ހުރެ ހަޤީޤަތެއްނެތް ވާހަކަތަކެއް ދައްކާނޭ ގޮތެއް ހޭޒަލްއަކަށް ނުވިސްނެއެވެ. އެއްވެސް ކަމެއް ލޮލަށް ފެނުނީކީނޫނެވެ. ކުރެވެނީ ހަމައެކަނި ވަހުމްތަކެކެވެ. އަމިއްލަ ފިރިމީހާގެ ނަމަށް ކުޑަ ވެސް އުނިކަމެއް އަތުވެދާނޭ އެއްޗެއް ޔަގީންނުވެ ހުރެ ބުނުމަކީ ފާފައެކެވެ. އެހާ ވަރަށް ހޭޒަލް ވިސްނާ ފިކުރުކުރަން ޖެހިފައިވަނީ އެހެންވެއެވެ. ކޮންމެ އެއްޗެއް ދުލުން ބޭރުކޮށްލުމަކުން ހަޤީޤަތް އަދި ސާފެއްނުވާނޭކަން އޭނާގެ ޟަމީރު ހަނދާންކޮށްދެއެވެ.

ޝިޔާނާއެކު ލިއަމް އައިއިރު މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. ޝިޔާނުގެ އަތުގައި އޮތް މަސްކޮތަޅު ޖޯލިން ތެދުވި ޔުސްރާއަށް ދިއްކޮށްލިއެވެ.

"ވަރަށް ލަސްވެއްޖެ ދޯ..." ޝިޔާނު ބުނެލީ ހޭޒަލްއަށެވެ. އޭނާ ދެފަރާތަށް ބޯހޫރާލިއެވެ.

"މިގެއަށް ބައިއަޅާހާ މަސް އެބަހުރިތަ؟" މަސްކޮތަޅުގައި ހިފާލިއިރު އެ ބަރުކަމުން ލަފާކޮށްލާފައި ޔުސްރާ ބުންޏެވެ.

"ޒެއްލުއަށް ބާބެކިއުއެއް ދޭންވާނެއެއްނު... މިރޭ މަސްވެރިކަން ވަރަށް ތިޔާގި، ތީ އަހަންނާ ލިއަމްއަށް އެޅިބައި" ޝިޔާނު ބުންޏެވެ.

"ދެން ތިދަނީތަ؟" ގޭކައިރީ ބެހެއްޓި ސައިކަލާ ދިމާއަށް ލިއަމް ދާން ފެށުމުން އަލްމާ އަހާލިއެވެ.

"އަލްމާއަށް މަސް ވަސް ދުވީމަ ކަމަކުނުދެއެއްނު" ހޭޒަލް މިހެން ބުނެ ހިނިގަނޑެއް ޖަހާލިއެވެ. އެ ހުނުމުގައި ޝިޔާނާއި ޔުސްރާ ވެސް ބައިވެރިވިއެވެ.

"އަހަރެމެން މިތިބީ މަހާ ތަތްތެޅިފަ، ޔުސް... އަހަރެން ވެސް މި މީހުން ގޭދޮށަށް ލާފައި ގެއަށް މިދަނީ، ފަހުން ގުޅާނަން" ޝިޔާނު ބުންޏެވެ. ޔުސްރާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެފައި މަޑުކޮށްލީ ޝިޔާނާއި ލިއަމްމެން ސައިކަލަށް އަރާ ނައްޓާލަންދެނެވެ. އެމީހުން ދިއުމުން އަލްމާއަށް ގޮވާލާފައި މަސްކޮތަޅު ހިފައިގެން ޔުސްރާ ގޭތެރެއަށް ވަދެއްޖެއެވެ.

* * * * *

ފެންވަރައިގެން ނުކުމެ ރީތިވާން ހުރި ލިއަމްއަށް ހޭޒަލް ފަރުވާތެރިކަމާއެކު ބަލަން އެނދުގައި އިނެވެ. ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އެރޭ މަސްވެރިކަން ދިޔަ ގޮތުގެ ވާހަކަ ލިއަމް ކިޔައިދެމުންދިޔައެވެ. އޭނާ ހުރީ ނިކަން ހިތްހަމަޖެހިފައިކަން ހޭޒަލްއަށް ދެނެގަންނަން އުނދަގުލެއްނުވިއެވެ. ގަޔަށް ބޮޑީސްޕްރޭ ޖަހާލުމަށްފަހު ލިއަމް އައިސް އެނދަށް އަރައި ހޭޒަލްގެ އުނގުގައި ބޯއަޅާލިއެވެ. ހޭޒަލް ކައިގެންތޯ ހުރީއާއި ކެއީ ކޯއްޗެއްތޯ ލިއަމް އަހާލިއެވެ. އެއާއެކު ހޭޒަލްއަށް ހީވީ ރަނުގެ ފުރުޞަތެއް ލިބުނުހެނެވެ. އޭނާ އަލްމާގެ ވާހަކަފެށިއެވެ. ޔުސްރާ ދަރިފުޅުގެ ކަމެއް ޖެހިގެން ގެއަށް ދިޔަ މީހާ އައީ ތަންކޮޅެއް ލަހުންކަން ބުނަމުންނެވެ.

"ލިއަމްއަކީ މާލޭ މީހެއްކަމާ ބޮޑުގެއެއް މާލޭގައި އޮންނަވާހަކަ އަލްމާ ގާތު ދެއްކިންތަ؟ އަހަރެން ނުދެނަ ހުރިން ލިއަމްގެ ގެ ބޮޑު ކަމެއް، އަދި ތީ ބިޒްނެސް ޓައިކޫނެއްކަމެއް" ހޭޒަލް ބުނެލިއެވެ. ލިއަމްގެ ނަޒަރު ވަގުތުން ހޭޒަލްއާ ބައްދަލުވިއެވެ.

"ނުބުނަން، އެވާނީ ޝިޔާނު ދެއްކީކަމަށް... އެމީހުން ހީކުރާ ގޮތަކަށް ހީކުރުން އެއީ އަހަރެންގެ މައްސަލައެއްނޫން ދޯ" ލިއަމް ބުންޏެވެ.

"ހީވަނީ އަލްމާއަށް ލިއަމް ވަރަށް ކަމުގޮސްފިހެން" ހޭޒަލް ވެސް ވާހަކަދެއްކީ ލިއަމްއަށް ބަލަން އިނދެއެވެ.

"އޭނާ އެހެން ބުނީތަ؟... ކީކޭ އޭނާ ކީ؟" ލިއަމްގެ މިޒާޖަށް ބަދަލުތަކެއް އައިހެން ހީވިއެވެ. އޭނާގެ އަޑުގެ ރާގު ވެސް ބަދަލުވެއްޖެއެވެ. އަދި ހޭޒަލްގެ އުނގުން ތެދުވެ އޭނާއާ ކުރިމަތިވާނޭހެން އިށީނދެ އިނީ ސީރިއަސް ވެފައެވެ.

"އޭނާ މާވަރަކަށް ލިއަމްގެ ވާހަކަދައްކާތީ، ލިއަމްގެ ފޭވަރިޓްސްއާއި ޑިސްލައިކްސް ތަކަކީ ކޮބާތޯ، އަނެއްކާ އަހަރެމެން އެގެއަށް ދިޔަޔަސް އަލްމާގެ ސަމާލުކަން ލިއަމްނޫން މީހަކަށް ނުހުރޭ، އޭނާގެ ހަޒްބަންޑާ މައްސަލަޖެހިގެންތަ އުޅެނީ... މަށަށް ހީވަނީ ލިއަމް އަބަދު އެގެއަށް ދާތީ އޭނާ ލިއަމްއާ އަޅައިގަތީހެން" ހޭޒަލް ބުންޏެވެ.

"ނޭނގެ މަށަކަށް!..." ފޫހި ގޮތަކަށް ލިއަމް ބުނެލިއެވެ.

"ލިއަމްއަށް އޭނާ އުޅޭގޮތް ފާހަގައެއްނުވޭތަ؟" ހޭޒަލް އަހާލިއެވެ.

"ތަނެއްގަ އަންހެނަކު ގޮތަކަށް އުޅުނޭ ކިޔާފަ އަހަންނަށް ފާހަގަވާން ޖެހޭތަ؟... އަހަންނަށް އަހަރެންގެ އަންހެނުން ދޯ މުހިންމު ވާނީ" ލިއަމްގެ ޠަބީޢަތް މުޅިން ބަދަލުވެއްޖެކަން އޭނާ ވާހަކަދައްކާ ގޮތުން ހޭޒަލްއަށް ނަގައިގަނެވުނެވެ.

"އޭނާ އަދި ބުންޏޭ... ލިއަމް ނުވެސް ބުނެއޯ އަހަރެން މިކޮޅަށް ގެންނަން އުޅޭކަމެއް" ހޭޒަލް ބުންޏެވެ.

"އަހަރެންގެ އަނތްބަކު ހުރިކަން އެންމެންނަށް ވެސް އެނގޭނެ، އެހެންނޫނަސް ނުޖެހޭ ކޮންމެ މީހެއް ކައިރީ އަނބިމީހާ ގެންނަން އުޅޭ ވާހަކަ ބުނާކަށް... ޒެއްލު!... މީހަކު ކިޔާހާ އެއްޗަކަށް އަޅާލާނޭކަމެއްނެތް، ނޯވަން އިޒް އިމްޕޯޓެންޓް ދެން ޔޫ، ޒެއްލު ތިއިން މަޤާމަށް ދުވަހަކުވެސް އެއްވެސް އަންހެނެކަށް ނާދެވޭނެ... ސޯ ފޮގެޓް އިޓް... ބޭކާރު މީހުންގެ ވާހަކަނުދައްކަމާ" ހޭޒަލްގެ ދެއަތްތިލަ ލިއަމްގެ ދެއަތުގެ ތެރެއަށްލާ ހިފަހައްޓާލިއެވެ. އަދި ލުއި ހިނިތުންވުމެއް އޭނާ ބަދަލުކޮށްލިއެވެ.

ހަށިގަނޑު ވަރުބަލިވިއެއް ކަމަކު ލިއަމްގެ ސިކުނޑީގެ މަސައްކަތްތައް މަޑުޖެހުމެއް ނެތެވެ. ކޮޓަރީގައި ހުރި ފަނޑު އަލިކަމުގެ ތެރެއިން އޭނާގެ ނަޒަރު ވައަތްފަރާތުގައި ނިދިފައި އޮތް އަނބިމީހާއަށް ހުއްޓުނެވެ. ހޭޒަލްގެ ގައިމަތީގަ އޮތް ރަޖާ ކަނާއަތުން ލިއަމް ރަނގަޅުކޮށްލިއެވެ. އަދި އެ އަތް ގެނެސް ނިތްކުރީގައި އޭނާ ބާއްވާލިއެވެ. ހީވަނީ ބޮޑު ފިކުރެއްގައި އޭނާ އޮތީހެނެވެ. ދޭތެރެއަކުން ނިތުން އަތްނަގައި ތުނބުޅީގައި ފިރުމާލައެވެ. އޭނާ ކުޅުދުށްފުއްޓަށް އައިފަހުން އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ވެސް އިހު ހުންނަ ވަރަށްވުރެ ހުރީ ދިގުކޮށްފައެވެ. ބޯކޮށާނީ މާލެ ދެވުނީމަ ކަމަށް ލިއަމްވަނީ ހޭޒަލް ގާތު ބުނެފައެވެ. އިރުގަނޑެއް ވަންދެން ލިއަމް އެހެން އޮވެފައި ތެދުވިއެވެ. ހޭޒަލްއަށް އިރުކޮޅަކު ބަލަން އިނދެފައި ފޯނު ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ.

* * * * *

ބާބެކިއުއެއް ބާއްވަން ގަސްދުކުރި ނަމަވެސް މޫސުމް ތަނެއް ނުދިނެވެ. ދޭތެރެއަކުން ހުއްޓާލާފައި އޮވެފައި ބޯކޮށް ވާރޭ ވެހިގަނެއެވެ. ބޭރަށް ނުކުންނާނޭ ފުރުޞަތެއް ލިއަމްއާއި ހޭޒަލްއަކަށް ނުލިބުނެވެ. އެހެންވެ ޝިޔާނު ގުޅީމާ ވެސް ލިއަމް ބުނީ ގޭގައި "ވައިފް"އާއެކު މަޑުކޮށްލާނީ އެވެ.

ލިއަމް އިނީ ކާމޭޒު ދޮށުން ގޮނޑިއެއް ނެރިގެން ބެލްކަނީގެ ފާރުބުރި މައްޗަށް ދެފައި އަރުވައިގެންނެވެ. އިމާރާތް ހިޔާކޮށްފައި ހުރި ގޮތުން އެ އެޕާޓްމެންޓުގެ އެއްވެސް ބެލްކަންޏަކަށް ވާރޭއެއް ނުވިއްސައެވެ. ނޫޑުލިސް ހަދައިގެން ތަށްޓަކަށް އަޅައިގެން ހޭޒަލް ބެލްކަންޏަށް އައެވެ. ލިއަމްގެ އަތަށް އެއްތަށި ދިށްކޮށްލުމާއެކު އަނެއްތަށި ހިފައިގެން ދެން ހުރި ގޮނޑީގައި ހޭޒަލް އިށީނދެއްޖެއެވެ.

"ކޯކު އެބަހުރި... ގެނެސްދެންތަ؟" ހޭޒަލް އަހާލިއެވެ.

"ފެން އޯކޭ" ގޮނޑި ކައިރީ ހުރި ފެންފުޅިއަށް ބަލާލާފައި ލިއަމް ބުނެލިއެވެ.

ކާން ތިބިއިރު ލިއަމް ދެއްކީ ސްޓޭޝަނުން ދިމާވި ރަޙުމަތްތެރިއެއްގެ ވާހަކައެވެ. އަންހެނުން ގެނައިކަން އެނގޭތީވެ އެގެއަށް ދަޢުވަތު ދީފައި އޮތްކަން ލިއަމް ބުންޏެވެ. އަދި އެ މީހުން އެ ތިބި ގެއާ އިނާޒުމެންގެ ގެއާ އެހާ ދުރެއްނުވާނޭ ބުންޏެވެ. އިނާޒުއަކީ ވަރަށް "ނައިސް" މީހެއްކަމުގައި ލިއަމް ސިފަކުރިއެވެ. އިނާޒު އުޅެނީ މީހަކާ އިނދެގެން ކަމާއި އޭނާގެ އަންހެނުން ލިއުޝާއަކީ ރަށު ހޮސްޕިޓަލްގެ ނަރުހެއްކަން ބުންޏެވެ. އިނާޒު ރަށުން ގޯއްޗެއް ނަގައި އެތަނުގައި ދިރިއުޅެނީ އެ ދެމަފިރިން އެކަނި ކަމުގައި ވެސް ހޭޒަލްއަށް އެނގުނެވެ.

* * * * *

ޖެހިގެން އައި ދުވަހެވެ. އަސުރު ނަމާދަށް ހުރި ހޭޒަލްއަށް ލިއަމްގެ ފޯނު ރިންގުވާ އަޑު އިވުނެވެ. ހޭޒަލް ނަމާދަށް އަރަން އުޅުނުއިރު ލިއަމް ފާޚާނާއަށް ފޯނު ހިފައިގެން ވަންތަން އޭނާ ދުށްޓެވެ. ހޭޒަލް ނަމާދުން ފައިބައި މުސައްލަ ތެރެއަށް ނަމާދު ދޮޅިއާއި އިސްޓާކީނު ލާ އޮޅާލާފައި ނަގާ އަލަމާރި ކައިރީ ހުރި ގޮނޑިމަތީ ބެހެއްޓިއެވެ. އަދި ފާޚާނާއަށް ސަމާލުވެލިއެވެ. ލިއަމް ވާހަކަދައްކާ އަޑެއް ނީވެއެވެ. ހޭޒަލް އައިސް ދޮރުގައި ޓަކި ދިނެވެ. އެއާއެކު މި ނިކުންނަނީއޭ ލިއަމް ބުނެލިއެވެ. ހޭޒަލް ދެން އައިސް ހުއްޓުނީ ކޮޓަރީގައި ފަރުދާ ކަހާލެވިފައި ހުރި ކުޑަދޮރުގެ ކައިރީއެވެ. ބިއްލޫރި ދޮރުފަތް ކަހާލައި ފަޒާއަށް ނަޒަރު ހިންގާލިއެވެ. ވިއްސާރަ އަލިކުރިއެއް ކަމަކު އުޑުމަތި އޮތީ އަދިވެސް ބަނަކޮށެވެ. ފަޒާގައިވަނީ ފިނި ހިފާފައެވެ. އެތަނުގައި ހުއްޓާ ފާޚާނާގެ ދޮރު ހުޅުނުވުނު އަޑުއިވުމުން ހޭޒަލް ކުޑަދޮރު ލައްޕާލިއެވެ. އަދި ފަރުދާ ދަމާލައި އެނބުރިލިއެވެ.

"އިނާޒު ގުޅީ... ބަލާ އަންނަންވީހޯ، އޭނަ ނަޔަސް އަހަރެމެން ދާނީ އެއްނު ދޯ" ލިއަމް ބުންޏެވެ.

"ލިއަމްއަށް ދާން އެނގެންޏާ އޯކޭ" ހޭޒަލް ބުންޏެވެ.

"ޒެއްލު ރެޑީވެލާ... އަހަރެން ލާނެ އެއްޗެއް ވެސް ނަގައިދެއްޗޭ" ލިއަމް ބުންޏެވެ.

މަޑު ފެހިކުލައަކަށްދާ "ޗަންކީ ސްވެޓާ"އާއި ޑެނިމްގަ ހޭޒަލް ޚިޔާރުކުރީ ފައިވާނެވެ. ލިއަމް ހުރީ ނޫ ޓީޝަޓަކާއި ކާކި ސޯޓެއްގައި އޭނާ ޢާއްމުކޮށް އަރާ ފައިވާނުގައެވެ. ބައެއް މަގުގައި ހެދިފައި ހުރި ފެންގަނޑުތައް ބޮޑުކަމުން ފައިނުތެމި ދެވޭ ގޮތެއް ނުވިއެވެ. ލިއަމްއަށް ރަށުގެ މަގުތައް ފަރިތަކަމާއެކު އެނގޭ ކަހަލައެވެ. އޭނާ އައިސް މަޑުކޮށްލީ އެޅިގަލުން ވަށާފާރު އުސްކޮށް ރާނާފައި ހުރި ގެއެއްގެ ދޮރުމަތީގައެވެ. ދޮރޯށީގެ މަތީގަ ނޫރާނީވިލާ ޖެހި ނަންބޯޑެއް ހުއްޓެވެ. ދޮރޯށި ދޮށުގައި ހުރެ އިނާޒަށް ލިއަމް ގުޅިއެވެ. އޭނާއަށް ފޯނު ނުބޭއްވިގެން އުޅެނިކޮށް ކުއްލިއަކަށް ދޮރޯށި ހުޅުވިއްޖެއެވެ. އިސްކޮޅުން ލިއަމްއާ އެއްވަރު ވިޔަސް ލިއަމްއަށްވުރެ އެ ޒުވާނާގެ ހަށިގަނޑު ބިޔައެވެ. "އާމީކަޓް"އަށް އިސްތަށި ގަނޑު ކޮށާފައި ހުރިއިރު ހަމުގެ ކުލަ އަނދިރިއެވެ. ޚާއްޞަކޮށް މޫނާއި ދެއަތުގެ މުލައްދަނޑި ހެކިދެނީ އޭނާއަކީ ގިނައިރު އަވީގައި އުޅޭ ޒުވާނެއްކަމެވެ. އެއީ އިނާޒުކަން ލިއަމް ނުބުންޏަސް ހޭޒަލްއަށް އެނގިއްޖެއެވެ. ދޮރޯށިން އެތެރެއަށް ވަންއިރު އެއްދިމާއެއްގައި ބޮޑު ވެލިފުންޏެއް ހުއްޓެވެ. އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ އެތައް ހެއްކެއް އެގޭތެރެއިން ފެންނަން ހުއްޓެވެ. ލިއަމް ބުނިހެން އެ ގޭގައި އިތުރު ބަޔަކު އުޅޭކަމުގެ އިޝާރާތެއް ނުވެއެވެ.

"ވައިފް ދޯ" އެ ޒުވާނާ ހިނިއައިސްފައި ލޮލުން އިޝާރާތްކޮށްލީ ހޭޒަލްއަށެވެ.

"ހޭޒަލް..." ލިއަމް ބުންޏެވެ.

"އިނާޒު އިނގޭ... ތީ ދޯ ލިއަމް ގޮވާ ޒެއްލުއަކީ، ބެރެކްސްތެރޭ މީނަ ފޯނުގަ އޮވެގެން ޒެއްލުއަށް ގޮވާވަރުން އެންމެންނަށް އޮތީ އެކަން ފާހަގަވެފަ" އިނާޒު ހީނގަތެވެ. އެ ހުނުމުގައި ބައިވެރިވަމުން ހޭޒަލްގެ އުނަގަނޑުގައި ލިއަމް ހިފާލުމާއެކު ގާތްކޮށްލިއެވެ.

"ލިއުޝާ އެބައުޅޭ ކޮޓަރީގަ... ލިއަމް ގުޅީމަ އަވަހަށް ބުރުގާއަޅަންވެގެން" އިނާޒު ބުންޏެވެ. އަދި އޭނާ ކޮޓަރިއާ ހަމައަށް އައިސް ދޮރުގައި ޓަކި ދިނެވެ. އެހިނދު ވަންނާށޭ އަންހެނަކު ގޮވާލި އަޑު އިވުނެވެ.

ފަހުގެ ޒަމާނީ ފަރުނީޗަރު ވައްދާފައި ހުރި ތަނަވަސް ނިދާ ކޮޓަރިއެކެވެ. ހޭޒަލް ފެންނައިރަށް ލިއުޝާ ސަލާމަށް އަތްދިއްކޮށްލިއެވެ. އަދި އެމީހުން ނިދާ އެނދު ދައްކާލަމުން އިށީނަން އަންނަން ބުންޏެވެ. ބަދިގެ ހަޑިވެފައި ހުރުމުން ލިއުޝާ ހޮސްޕިޓަލުން އައިސް އަދި ސާފުކުރާނޭ ވަގުތު ނުވާކަމަށްބުނެ ސައި ގެނައީ ވެސް ކޮޓަރިއަށެވެ. ހިތްހަމަޖެހޭ ކަހަލަ ސިފަތަކެއް ހުރި އެކުވެރިއަކާ އެ ރަށުން ދިމާވެއްޖެ ކަމުގައި ހޭޒަލްއަށް އިޙްސާސް ކުރެވުނީ ލިއުޝާއާ ބައްދަލުވުމުންނެވެ. ނަމަވެސް އެމީހުންގެ ވާހަކަތަކުން ހޭޒަލްއަށް އެއްކަމެއް ޔަގީންވިއެވެ. އެމީހުންނަށް ވެސް ޝިޔާނު އެނގި، އޭނާއާއެކު އަލްމާމެންގެއަށް ލިއަމް ވަރަށް ގިނައިން ދާކަން ވަނީ އެނގިފައެވެ. އެކަމާ އެމީހުން އެހާ ގަޔާނުވާކަމެވެ. އެމީހުން ޝިޔާނުހާ ލިއަމްއާ ގާތެއްނުވާނޭ ބުނެލި ގޮތުން ވެސް އެތައްކަމެއް ހޭޒަލްއަށް ބުނެދިނެވެ. އެމީހުންގެ ވާހަކަތަކުގައި ގިނައިން ކީ އަލްމާގެ ނަމެވެ. ސުވާލުކުރަން ހިތަށް އެރި ނަމަވެސް ކުރެވޭ އެންމެ ސުވާލަކުން ނުކުމެދާނޭ ނަތީޖާއަކާމެދު ހޭޒަލް ބިރުގަތީއެވެ. ވަހުމްތަކަށް ބަރޯސާވެ ލިއުޝާ ގާތު އަހާލެވޭ ކުޑަކުޑަކަމުން ވެސް ލިއަމްގެ އަބުރަށް ހުތުރުވެދާނޭތީއެވެ. އިނާޒާއި ލިއުޝާގެ ޢަމަލުތަކުން ފެނުނީ ވަރަށް ހަމަޖެހޭ ދެމަފިރިން ހެންނެވެ. އެ ރަށުގައި ލިއަމްގެ ރަޙުމަތްތެރިއަކަށް އުޅުންހުރި ޒުވާނަކު ހުރިކަން އެނގުމުން ހޭޒަލް އުފާކުރިއެވެ. އަލްމާއާއި ޔުސްރާއާ ޚިލާފަށް ލިއުޝާއާ ހޭޒަލް ވާހަކަދެއްކީ ގަޔާވެ އިނދެއެވެ. ޒާތީކަންކަން އޮޅުންފިލުވާކަށް ލިއުޝާ ނޫޅެއެވެ. ފިރިއަކު ހުއްޓާ އެހެން މީހެއްގެ ފިރިއަކަށް ތަޢުރީފުކޮށް ޝައުގުވެރިކަން ފާޅުކޮށެއް ނަހަދައެވެ. އަމިއްލަ ނަފްސަށް މަޖުބޫރުކުރުމެއްނެތި މަޖާވެ ހީނލާނޭ ފުރުޞަތު ބަޔަކާއެކު ހޭޒަލްއަށް ލިބުނީ އަދިކިރިޔާ ކަހަލައެވެ. އިރުއޮއްސެންދެން އެގޭގައި އިނދެވުނީ ވެސް އެހެންވެއެވެ. އެހާ ގިނައިރު އެގޭގައި އިންނަން ލިއަމްއަކަށް ކަމަކު ނުދިޔައެވެ. ގެއަށް މަގުމަތީ އަލްމާއާއި ލިއުޝާއާ އޮންނަނީ ކޮންކަހަލަ ގުޅުމެއްހޭ ހޭޒަލް އެއްސެވެ. ލިއަމް ޖަވާބު ދިނީ ފަރުވާކުޑަ ރާގަކަށެވެ. އެމީހުން ޝިޔާނުއާ ގަޔާނުވާތީ ދައްކާ ވާހަކަކަމަށެވެ. އިތުރަށް އެކަމާ ގުޅިގެން ހޭޒަލް ސުވާލެއް ކުރިއަކަށް ލިއަމް ނުދިނެވެ.

ރޭގަނޑު ކެއުން ތައްޔާރުކުރީ ހޭޒަލް އެވެ. އެމީހުން ދިރިއުޅޭ އެޕާޓްމެންޓް ތެރޭގައެވެ. އަލްމާ ނުފެންނާތީ އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ލިއަމް ވެސް އެހާވަރުން އެގެއަށް ދާކަށް ނޫޅެއެވެ. ޝިޔާނު ގުޅާކަން ހޭޒަލްއަށް އެނގެއެވެ. ނަމަވެސް ލިއަމް ކޮންމެވެސް ބަހަނާއެއް ދައްކާލަނީއެވެ. ރޭގަނޑު ކައިގެން ތަށިތައް ނަގައި އެ އެއްޗެހި ހުންނަ ކަބަޑަށް ހޭޒަލް ލާފައި ސިޓިންރޫމަށް ނުކުތެވެ. އެޕާޓްމެންޓް ދޮރުގައި ޓަކި ޖަހާލީ އެވަގުތެވެ. ސޯފާގައި އިން ލިއަމް ތެދުވެ ދޮރުހުޅުވާލިއެވެ.

"ފަރުހާދުތަ... އާދޭ..." ލިއަމް ބުނެލިއެވެ.

"ކޮބާ ކިހިނެއްވަނީ މިތަން... ރަނގަޅުތަ؟ ސާފުކުރާ ގޮލާ އާދޭ ދޯ" ފަރުހާދު އެތެރެއަށް ވަންނަމުން ބުންޏެވެ. އޭނާގެ ނަޒަރު ކާމޭޒުކައިރީ ހުރި ހޭޒަލްއަށް ދަތުރުކޮށްލިއެވެ. ހޭޒަލް ހިނިތުންވުމެއް ދީފައި އެނބުރި ބަދިގެއަށް ދިޔައެވެ. ލިއަމްއާއެކު ފަރުހާދު ސޯފާގައި އިށީނެވެ.

"މިހެން ދަމުން ވަދެލީ... އަންހެނުން ގޮވައިގެން ދިމާއަކަށް ޖައްސާނުލަންތަ؟ ސަލީމު ކައިރީ ބުނެގެން ލޯންޗު ހަމަޖެހޭނެ، މިތާ ކައިރި ރަށްރަށަށް އަރާލަން ރަނގަޅެއްނު، އަދި އަހަރެމެން ގުރޫޕާއެކު ކެއުމެއް ވެސް ބާއްވަލަންވާނެއެއްނު، އަންހެނުންނާ ބައްދަލުކޮށްލަން" ފަރުހާދު ބުންޏެވެ.

"ވިއްސާރަވީމަ ކަމެއް ނުބޭއްވިފަ މިތިބެނީ" ލިއަމް ބުންޏެވެ. އެވަގުތު ޖޫސްތަށްޓެއް ހިފައިގެން ހޭޒަލް އައެވެ. ފަރުހާދަށް އެ ތަށި ދިއްކޮށްލުމުން އޭނާ ބަލާލި ގޮތް ހޭޒަލްއަށް އެހާ ކަމަކު ނުދިޔައެވެ. އެހެންނަމަވެސް ހިނިތުންވުން ފަނޑުވިޔަ ނުދިނެވެ. ފަރުހާދު ތަށީގައި ހިފުމުން މަޑުމަޑުން އައިސް އެތަނުގައި ހުރި ކާމޭޒު ދޮށުން ގޮނޑިއެއްގައި ހޭޒަލް އިށީނެވެ.

ވާހަކައިގަ މާގިނައިރަކު ފަރުހާދު ނީނެވެ. އޭނާ ނުކުމެގެން ދިއުމާއެކު ހޭޒަލް ވާހަކަދެއްކިއެވެ. ފަރުހާދު ބަލަނީ ހާދަ އެހެން ގޮތަކަށޭ އޭނާ ބުނެވުނެވެ. ލިއަމް ޖަހާލީ ހިނިގަނޑެކެވެ. އެކަމާ އަޅާނުލާށޭ އޭނާ ބުންޏެވެ. އަންހެންކުދީންނަށް އޭނާ ބަލާނީ އެހެންނޭ ބުނެ އެއީ އެވަރުކަމެއްނުންކަން ލިއަމް ޔަގީންކޮށްދިނެވެ. މީހަކު ބެލުމަކުން ހޭޒަލްގެ ރީތިކަމުން އެންމެ ތަންފުކެއް ވެސް އުންޏެއްނުވާނޭ ލިއަމް ބުނެ ހޭޒަލްގެ ހިތްހަމަޖައްސާލަދިން ކަހަލައެވެ.

* * * * *

ދެ ދުވަސް ފަހެވެ. އޭރު ލިއަމްއާއި ހޭޒަލްއާ ޝިޔާނު ދިމާނުވާތާ ފަސް ދުވަސް ވެއްޖެއެވެ. ހަވީރު އިރުއޮއްސެމުން އައި ވަގުތެވެ. ކޭބަލްއިން ދައްކަމުންދިޔަ އިނގިރޭސި ފިލްމެއް ބަލަން ލިއަމްއާއެކު ހޭޒަލް ވެސް އިނީ ސޯފާގައެވެ. ޝިޔާނުގެ ކޯލެއް އައީ އެވަގުތެވެ. ލިއަމް ފޯނުން ވާހަކަދައްކާ ނިންމާފައި ބުނީ ޝިޔާނު ދޭ ކެއުމަކަށް އެރޭ އެމީހުން ބޭރަށް ދާން އެބަޖެހޭ ކަމެވެ. އެއާއެކު ވަގުތުން ހޭޒަލްއަށް އަހާލެވުނީ އަލްމާއާއި ޔުސްރާ ވެސް ދާނެތޯއެވެ. އެ ސުވާލަށް ލިއަމް ބޯޖަހާލިއެވެ. ޝިޔާނު ދަންޏާ ޔުސްރާ ދާނެއެވެ. ޔުސްރާ ދާނީ އަލްމާ ގޮވައިގެންނެވެ. ލިއަމް ގާތު ހޭޒަލް ޚިޔާލުފާޅުކުރީ އިނާޒާއި ލިއުޝާ ގޮވައިގެން އެއްރޭ ކާންދާންވާނޭ ކަމެވެ. ލިއަމް ލައްވާލީ ހޫންއެކެވެ. އޭނާ ޓީވީއަށް ބަލަން އިނެއްކަމަކު ފިލްމު ބަލަނީހެނެއް ހޭޒަލްއަށް ޔަގީނެއްނުވިއެވެ. ހީވަނީ ކަމަކާ ލިއަމް ވިސްނަނީ ހެނެވެ.

(ނުނިމޭ)