ހުކުރު ދުވަހު ހެންވެއިރު އަބަދަށްފެހި މަގުގައި ހުންނަ ގުދަންތަކެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދުގައިހުރި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް އުނދަގޫތައްވާކަމަށް ބުނަމުންދާތީ، އެ ސްކޫލްގެ މިއަދުގެ ކްލާސްތައް ކެންސަލްކޮށްފި އެވެ.
އެ ހާދިސާގައި ކެމިކަލް ރައްކާކޮށްފައިވާ ހުރި ގުދަންތަކެއް އަނދާ ހުލިވެފައިވެ އެވެ. އަދި އެ އިމާރާތްތައް ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، މުޅި ސަރަހައްދުގައި އަދިވެސް ވިހަ ދުމުގެ އަސަރު އެބަހުއްޓެވެ.
އެޑިޔުކޭޝަން މިނިސްޓްރީ މިއަދު ބުނީ، ދަރިވަރުންގެ ސަލާމަތަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މަޖީދިއްޔާ ސްކޫލްގެ މިއަދުގެ ކްލާސްތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
ހުކުރު ދުވަހުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ދަރިވަރުންގެ ކިޔެވުމަށް އަސަރުނުކުރާނޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ.
އެގޮތުން، އެ ކުދިން ކުލަ ހެދުމުގައި ސްކޫލަށް ދާން ހުއްދަ ދީފައިވާއިރު، އެ ކުދީންނަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ސާމާނު ސްކޫލުން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި ގެއްލުން ލިބުނު ދަރިވަރުންގެ ހާލު ބެއްލެވުމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވަނީ އެ ކުދިން ނިސްބަތްވާ ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި، އެ ކުދިންނާ ބައްދަލުކުރައްވައިފަ އެވެ.
އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް ހުކުރު ރޭގެ އަލިފާނުގައި ވަނީ އަނދާފަ އެވެ. އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.