ހަބަރު

ގެއްލުންތައް 25 މިލިއަން ރުފިޔާއަށް އަރާނެ: ލިލީ

Sep 22, 2019
8

ކެމިކަލް ގުދަނުގައި އަލިފާން ރޯވުމުގެ ސަބަބުން ލިލީގެ އިމާރާތް ތަކަށް ލިބުނު ގެއްލުން 25 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ލިލީ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވީ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ކުންފުންޏަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަންތަން މި ހުންނަނީ މާ ދުރުގައި. އެކަމަކު އަލިފާން ފެތުރެމުން ގޮސް، އަޅުގަނޑުމެންގެ ގުދަނެއްގައި ވެސް ހިފި. ނަސީބަކުން ދުރާލާ ކަމެއް ވެދާނެތީ ބައެއް ސާމާނު ވަނީ ނެރެވިފަ. އޭރު އެއްގޮތަކަށް ވެސް ހިއެއް ނުކުރަން އަޅުގަނޑުމެންގެ ގުދަނާ ހަމަ އަށް އަންނާނެ ކަމަށް. އެކަމަކު ބައެއް އާއްމުންނާއި މުވައްޒަފުން ވެގެން އެއްޗިހި ހުސް ކުރީ. ނަމަވެސް ސީނިއަ މުވައްޒަފުން ތިބެން ހަދާފައި ހުރި ފަސް ބުރީގެ އިމާރާތަކާއި ތިން އެއްޗިހި ބަހައްޓާފައި ހުރި ދެ ތަން ވަނީ އަނދައި ގެން ގޮސްފަ،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ލިބުނު ގެއްލުން 25 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށާ، ނަމަވެސް އެތަން ހުންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށެވެ.

"ނަސީބަކުން ބައެއް އެއްޗިހި ހުސްކު ރެވުނީ. އެކަމަކު އިމާރާތާއި މުޅި ތަން ވަނީ ހަލާކުވެފަ. މިހާރު އިންޝުއަރެންސް ބޭފުޅުން އެ ދަނީ ބަލަމުން. އަޅުގަނޑުމެން އެކަން ހުންނާނީ ވަރަށް ރަނގަޅަށްކޮށްފަ،" ނާބެ ވިދާޅުވި އެވެ.

އަބަދަށް ފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. މި ހާދިސާ ހިނގި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.