ބުލީގެ ޝިކާރައަކަށްވާ ކުދިންނަށް އެހީތެރިވާނެ ކުދިން އާއްމު ގޮތެއްގައި ނުވެ އެވެ. އެއްބައި ކުދިން އަޅާ ނުލާ ތިބޭއިރު އަނެއްބައި ކުދިން ކޮންމެވެސް ސިފައެއްގައި ބުލީ ކުރާ ކުދިންނާ ބައިވެރިވެ އެވެ. ނަމަވެސް އެމެރިކާގެ މެމްޕިސްގެ މާޓިން ލޫތާ ކިންގް ޖޫނިއާ ޕްރެޕަރޭޓަރީ ސްކޫލްގެ ދެ ދަރިވަރަކު އެ ކުދިންގެ ކްލާސް ކުއްޖަކަށް ކުދިބަޔަކު ބުލީ ކުރާތަން ފެނުމުން އެ ކުއްޖާއަށް އެހީވުމުގައި އިސްނެގި އެވެ.
މި ކުއްޖާއަށް ބުލީ ކުރެވެމުން ދިޔައީ އަބަދު އެއް ހެދުމެއް ލައިގެން ސްކޫލަށް އަންނާތީ އެވެ. މައިކަލް ޓޮޑް ނަމަކަށް ކިޔާ މި ކުއްޖާ ބުލީ ކުރުމުން ސަލާމަތް ކުރުމަށްޓަކައި އޭނާ ކުލާހުގައި ތިބި ކްރިސްޓޮފާ ގްރާމް އާއި އެންޓްވަން ގެރެޓް ކުރި ކަމަކީ އެކުދިންގެ އަމިއްލަ ހެދުން އަލަމާރިން ބައެއް ތަކެތި ނަގައިގެން ގެނެސް އެ ކުއްޖާ އަށް ހަދިޔާ ކުރީ އެވެ. މި ކުދިން ގެނެސްދިން ތަކެތީގެ ތެރޭގައި ގަމީހާއި ސޯޓާއި ބޫޓު ހިމެނެ އެވެ.
ފޮކްސް ނިއުސް އަށް ޓޮޑް ކިޔައިދިން ގޮތުގައި އޭނާގެ މުޅި ހަޔާތުގައި ވެސް އަބަދުވެސް ކުދިން ބުލީ ކުރެ އެވެ. އޭނާ އަބަދު އެއް ހެދުމެއް ލާތީ އެވެ. އެއީ އޭނާ ފަގީރުކަމުން ކަމަށާއި ގޭގައި އެއްވެސް ވަރަކަށް އަންނައުނު ނެތްކަމަށް ވެސް ޓޮޑް ބުންޏެވެ.
"އަހަރެން ބޮޑުވާލެއް އަވަސްކަމުން މަންމައަކަށް އަހަރެންނަށް އަންނައުނު ގަނެއެއް ނުދެވޭ،" ޓޮޑް ބުންޏެވެ.
ޓޮޑް އަށް އެހީވި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއް ކަމަށްވާ ކްރިސްޓޮފާ ބުނީ ކުދިން ޓޮޑް އަށް ބުލީކުރާތަން ފެނިފައި ކޮންމެވެސް ގޮތަކުން އޭނާއަށް އެހީތެރިވާން އޭނާ އާއި ގްރާމް މަޝްވަރާކޮށްފައި ނިންމީ އެވެ. އަދި ދެ ކުދިންގެ ހެދުން އަލަމާރިން ބައެއް އެއްޗެތި ނަގައިގެން ގެނެސް ޓޮޑް އަށް ހަދިޔާ ކުރީ އެވެ.
މީގެ ކުރިން ދުވަހަކުވެސް އޭނާއަށް އެއްވެސް މީހަކު ހަދިޔާއެއް ދީފައި ނުވާކަމަށް ޓޮޑް އެ ކުދިން ކައިރި ބުނުމުން ކުދިންނަށް ވަރަށް އަސަރު ކުރި އެވެ.