ސިއްހަތު

ޕެރެސެޓަމޯލް ކެއުމުން ބަނޑުގައިވާ ދަރިފުޅުގެ މިޒާޖު ބަދަލުވޭ

މާބަނޑު ދުވަސްވަރު އަންހެންމީހާ އުޅެން ޖެހެނީ ވަރަށް ބަލައިގެންނެވެ. ކާ އެއްޗިއްސާއި ކުރާ ކަންކަމުގެ ނޭދެވޭ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށް ކުރާތީ އެވެ. އެގޮތުން ބޭސް ކެއުމުގައި ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓަން ޖެހެ އެވެ.

ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ވިދާޅުވަނީ މާބަނޑު ދުވަސްވަރު ޕެރެސެޓެމޯލް ކަހަލަ ޕެއިންކިލާ ވެސް ބޭނުން ކުރުން ރަނގަޅު ނޫން ކަމަށެވެ. ޕެރެސެޓެމޯލް ބޭނުން ކުރާނަމަ ބަނޑުގައި އޮތް ދަރިފުޅު މާ ބޮޑަށް ހައިޕާ ވުމާއި ސަމާލުކަން ދޭން އުނދަގޫ ވެދާނެ ކަމަށެވެ.

ޖާނަލް ޕީޑިއެޓްރިކްސް، ޕެރިނެޓަލް އެޕިޑެމިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބަލާފައިވަނީ ބަނޑަށް ފަސް ވަރަކަށް މަސް ވެފައިވާ މާބަނޑު މީހުން ޕެރެސެޓެމޯލް ބޭނުންކުރުމުން އެ މީހުން ވިހާ ކުދިންގެ މިޒާޖަށް ހަ މަހާއި 11 އަހަރާ ދޭތެރޭ އަންނަ ބަދަލުތަކެވެ. އަދި އެކުދިންގެ އައިކިއު އާއި މެމޮރީވެސް 17 އަހަރު ވަންދެން މޮނިޓާ ކޮށްފައި ވެއެވެ.

މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ތަޖުރިބާކާރު ވިދާޅުވީ މި ހޯދުމުން ހާމަވީ ކުރިން ވެސް މިފަދަ ބައެއް ހޯދުންތަކުން ފެނިފައިވާ ކަންބޮޑުވާ މައްސަލަތަކަކީ ހަގީގަތުގައި ވެސް ހުރި މައްސަލަތަކެއް ކަމެވެ. އޭގެ ތެރޭގައި ކުދިން ބަސް ނޭހުމާއި ނޭވާހިއްލުމުގެ މައްސަލަތައް ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ވަނީ ފެނިފަ އެވެ.

\އޭނާ ވިދާޅުވީ ޕެރެސެޓެމޯލް ފަދަ އާދައިގެ ބޭހެއް ވެސް މާބަނޑުއިރު ބޭނުންކުރަން ޖެހޭނީ ޑޮކްޓަރެއްގެ އިރުޝާދާ އެކުގައި ކަމަށެވެ.