ދުނިޔެ

އިންޑިއާގައި ހިލޭ ފާހާނާ ހަދައިދިނުމުން ވެސް ބޮޑުކަމުދަނީ ޖެހުނު ތަނަކަށް

އިންޑިއާގެ އެކި ހިސާބުތަކުގައި ހާމަ ތަންތަނަށް ބޮޑުކަމުދިއުމުގެ މައްސަލަ ހައްލުކޮށް އިންޑިއާ އަކީ ތާހިރު ތަނަކަށް ހެދުމަށް އެ ގައުމުގެ އާ ބޮޑުވަޒީރު ނަރެންދުރަ މޮދީ ފެއްޓެވި ކެމްޕޭނުގައި މިހާތަނަށް ހިލޭ ބައި މިލިއަން ފާހާނާ ހަދައިދިން ނަމަވެސް އެ ފާހާނާތަކުގެ ބޭނުން ނުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެެއްގެ ފާހާނާ ހަދައި އަދި މިހާރުވެސް އެ މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް ގިނަ މީހުން އަދިވެސް ބޮޑުކަމުދާން އިހްތިޔާރު ކުރަނީ ހާމަ ތަންތަނަށް ކަމަށް ވާތީ ސަރުކާރުން މިހާރު ނިންމާފައި ވަނީ ފާހާނާ ބޭނުންކުރާ މިންވަރެއް ބެލުމަށް އިންސްޕެކްޓަރުން ފޮނުވުމަށެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިންސްޕެކްޓަރުން ގޭގެއަށް ގޮސް، އެ ގޭގޭގެ މީހުން ފާހާނާ ބޭނުންކުރާ މިންވަރާއި އެކަމާ ބެހޭ މައުލޫމާތު "ފޯނާއި ޓެބްލެޓްގައި ނޯޓްކުރާނެ" ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާންމުން ފާހާނާ ބޭނުންކުރާކަން ވަގުތުން އެނގޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.

"މީގެ ކުރިން ދިރާސާކޮށްފައި ވަނީ ފާހާނަތައް ހެދުމުގެ ގޮތުންނެވެ. ނަމަވެސް ފާހާނާ ބޭނުންކުރާ މިންވަރު ބެލުމަށް ދެމެހެއްޓެވި ގޮތެއްގައި މަސައްކަތް ކުރާނަމެވެ." ބަޔާނުގައިވެ އެވެ.

ބޮޑުވަޒީރު ވައުދުވެ ވަޑައިގެންފައި ވަނީ 100 ދުވަހުގެ ތެރޭ ބައި މިލިއަން ފާހާނާ ހެދުމަށެވެ. ސަރުކާރުން ބުނީ އޮކްޓޫބަރު ދެ ވަނަ ދުވަހުގެ ވައުދަށް ފަހު މިހާތަނަށް 503143 ފާހާނާ ހަދާފައިިވާ ކަމަށެވެ.

ނުތާހިރުކަން ބޮޑުވެ އިންޑިއާގައި ބައެއް ހިސާބުތަކުގައި ދަނީ ނަޖިހުގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ވެސް ފެތުރެމުންނެވެ. ސަރުކާރުން ވަނީ 2019 ވަނަ އަހަރު އަންނައިރު، މައްޗަށް ބޮޑުކަމު ދިޔުމުގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް އަމާޒު ހިފައިފަ އެވެ. -- ބީބީސީ