ލައިފްސްޓައިލް

ފޯނު ހިފައިގެން ފާޚާނާއަށް ނުވަދޭ!

ފާޚާނާއަށް ފޯނު ހިފައިގެން ވަދެ ތަށިމަތީގައި ފޯނާ ކުޅެން އެތައް އިރަކު އިންނަ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ފުރަގަސްފަރާތު ބަލީގެ އުނދަގުތަކާ ކުރިމަތިވެދާނެ އެވެ.

މިއީ ފޯނާ ކުޅެން މާ ގިނައިރުވަންދެން ފާޚާނާ ތަށިމަތީގައި އިނުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަ އެކެވެ.

އިނގިރޭސި ވިލާތުގައި ކުރި ސާވޭއަކުން ހާމަވެފައިވާ ގޮތުގައި އެ ގައުމުގެ 57 ޕަސެންޓް މީހުންނަކީ ފާޚާނާއަށް ފޯނު ހިފައިގެން ވަންނަ މީހުންނެވެ. އަދި އެ މީހުންނަކީ ވަރަށް ގިނައިރު ފޯނާ ކުޅެން ފާޚާނާގައި ތިބޭ މީހުންނެވެ.

ފުރަގަސްފަރާތު ބަލީގެ ނިޝާންތަކުގެ ތެރޭގައި ބޮޑުކަމުދިއުމުގެ ތެރޭގައި ނުވަތަ ދިއުމުގެ ތެރޭ ފުރަގަސްފަރާތުން ލޭ އައުން ހިމެނެ އެވެ. އަދި ފުރަގަސްފަރާތް ހިރުވުމާއި އަބަދު ބޮޑުކަމު ދާން ބޭނުންވެފައި ހުރުން، އަދި ތަދުވުން ހިމެނެ އެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ މި ބަލި ޖެހެން މެދުވެރިވަނީ ބަނޑުހިކުމާއި ބޮޑުކަމުދާން މާ ބޮޑަށް ބާރު ލާތީ އެވެ. އަދި މާބަނޑުވުމާއި އުމުރުން ދުވަސްވުން އަދި މާ ބާރަށް ކެއްސުމަކީ ވެސް މި ބަލީގެ ނުރައްކާ އިތުރުވާ ކަމެކެވެ. އަދި ހަމަ އެއާއެކު ފާޚާނާ ތަށި މަތީގައި ގިނައިރު އިނުމުން ވެސް މި ބަލި ޖެހުމަށް މަގުފަހި ވެއެވެ.

މޯބައިލް ފޯނުގެ ޒަމާން އައުމުގެ ކުރިން ގިނަ މީހުން ފާޚާނާ ތަށި މަތީގައި އިނދެގެން ފޮތް ނުވަތަ ނޫސް ކިޔާ އުޅުނެވެ. ނަމަވެސް މިހާރު ތަށިމަތީގައި އިންނަނީ ގިނައިން ފޯނު ހިފައިގެންނެވެ.