މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމައު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާގައި ހުސްކަމެއް އުފެދިފައި އެބަ އޮތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެމްއޯޑީސީ) ގެ ފަރާތުން މި މަހުގެ 23ން 27ށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކުރާ "ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫއެންއޯޑީސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް" ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އެ ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމައުއަށް ނެރެވިގެން ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ އާންމު ސިއްހަތަށް ބޮޑު އަސަރެއް ފޯރާ ކަމަށާއި، އެ ގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮ ކަމަށް ކުރާ ނުރަނގަޅު އަސަރު ކުރާކަން ފާހަގަ ކުރައްވާ ޝިދާތާ ވިދާޅުވީ، ޒުވާނުން ކަންކަމުގައި ވިސްނާ ފިކުރުކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައްޔާއި ކަންކަމުގައި އަމަލުކުރާ ހަލުވި މިނަށް ބަދަލު އައިސް، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އަދި މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާއީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަމަށާއި، ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަަމަށް ޝިދާތާ ވިދާޅުވިއެވެ.
އެ ގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އެ ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށްވެސް ހުޅުވައިލުން ކަމަށާއި، އެ ކަމުގެ ސަބަބުން މިހާރު ފަރުވާ ހޯދުމަށް އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.