ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 96 ބިޔަރު ދަޅާއެކު ހައްޔަރުު ކުރީ 25 އަހަރާއި 20 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށްވެސް ބުންޏެވެ.
އެމީހުން ހައްޔަރުކުރީ މި މަހު 2 ވަނަ ދުވަހުގެރޭ ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިންނެވެ.
ފުލުހުން ބުނީ، އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލި ކަމަށެވެ. އަދި އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން، ތ. ދިޔަމިގިއްޔާއި ފުވައްމުލައް އަދި އދ. ދަނގެތީގައިވެސް ފުލުހުންގެ އޮޕަރޭޝަނެއް ހިންގާ ބަޔަކު ހައްޔަރުކޮށްފައި ވެ އެވެ.
ފުލުހުން ބުނީ، އިއްޔެ ދިޔަމިގިލީގައި ހިންގި އޮޕަރޭޝަނުގައި، 19 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެނެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
ފުވައްމުލަކު ސިޓީގައި ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 12 ރަބަރު ޕެކެޓާއެކު ފެނުމުން ބަލާ ސާފު ކުރި އެވެ. އެހެންނަމަވެސް، އޭނާ ހައްޔަރު ނުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް އޭނާ ވަނީ ދޫކޮށްލާފައި ކަމަށެވެ.
އަދި ބުނީ، މާލެ އިން ދަނގެއްޗަށް ދިޔަ ބޯޓަކުން ޑްރަގް އެތެރެކުރާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުން ޑްރަގު ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް އެ ބޯޓުން ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.