ސޯނަމް ކަޕޫރް

ފިރިމީހާގެ އެހީތެރި ކަމަކީ ބޮޑު ރަހުމަތެއް: ސޯނަމް

ސޯނަމް ކަޕޫރާއި ދަލްގާރް ސަލްމާންގެ "ދަ ޒޯޔާ ފެކްޓާ" އަކީ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް އުފައްދާފައިވާ ފިލްމެކެވެ. އަދި މި ވާހަކަ ސޯނަމް އަށް ވެސް ވަރަށް ރީއްޗެވެ. ނަމަވެސް ސޯނަމް އަށް އެންމެ މަގްބޫލީ އޭނާ އާއި ފިރިމީހާ އާނަންދުގެ ހަގީގީ ލޯބީގެ ވާހަކަ އެވެ.

ސޯނަމް ބުނީ އާނަންދު ކަހަލަ ސަޕޯޓްދޭ ފިރިއަކު ލިބުމަކީ އޭނާއަށް ލިބުނު ނަސީބެއް އަދި ވަރަށް ބޮޑު ރަހުމަތެއް ކަމަށެވެ. ކައިވެންޏަށްފަހު ފިލްމީ މަސައްކަތުގައި ކުރިޔަށް ދިއުމުގައި އޭނާގެ ވަފާތެރިކަން ދެ ކަމަށް ވެސް އެއްވަރަކަށް ބާއްވަންޖެހެ އެވެ. އަދި އޭނައަށް އުނދަގޫ ނުވާނެ ހުރިހާ ގޮތަކަށް އާނަންދު ކަންތައްތައް ބަހައްޓަ އެވެ.

އާނަންދު އާއި ސޯނަމް ވެސް އެމީހުންގެ ކެރިއާ ބިނާ ކުރުމުގައި އުޅެނީ ވަރަށް ބިޒީކޮށެވެ. ނަމަވެސް ދެ މީހުން އެކަކު އަނެކަކާ އެކު ހޭދަކުރާނެ ވަގުތު ހޯދަ އެވެ.

ސޯނަމް ގަބޫލުކުރާ ގޮތުގައި ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ހުސްކުރުމަކީ މުހިއްމު ކަމެކެވެ. ކައިވެނި ކުރުމަށްފަހު އެއި އެންމެ ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމުގެ ގޮތުގައި ސޯނަމް ދެކެ އެވެ. އަދި އާނަންދު ކަހަލަ އެހީތެރި ފިރިއަކު ލިބުމަކީ ކައިވެނި ކުރިޔަސް ފިލްމީ ރޮނގުން ކުރިޔަށް ދާން އޭނާއަށް ހިތްވަރު ލިބޭ ކަން ކަމަށް ސޯނަމް ބުންޏެވެ.

ސޯނަމްގެ އެންމެ ފަހު ރިލީޒް "ދަ ޒޯޔާ ފެކްޓަ" މިދިޔަ ހުކުރު ދުވަހު ރިލީޒްވެފައިވާއިރު ކްރިޓިކްސް ވަނީ ފިލްމާ ބެހޭ ގޮތުން ވަރަށް ބޮޑަށް ޚިޔާލު ތަފާތު ވެފަ އެވެ. އެއް ބަޔަކަށް ފިލްމު ވަރަށް ކަމުދިޔައިރު އަނެއް ބަޔަކު ފިލްމަށް ދީފައިވަނީ ފަސް ތަރީގެ ތެރެއިން ދެ ތަރި އެވެ.
\
ނަމަވެސް މިޒަމާނުގައި ފިލްމު ބަލާ މީހުން މާ ބޮޑަކަށް ކްރިޓިކްސް ދައްކާ ވާހަކަ ތަކަކަށް ނުބަލަ އެވެ. ބެލުންތެރިންނަށް ކަމުގޮއްސިނަމަ ފިލްމު ހިނގާނެކަން މީގެ ތިން ހަފުތާ ކުރިން ރިލީޒްކުރި "ސާހޯ"ގެ ކާމިޔާބުން ސާބިތުވެ އެވެ. އެ ފިލްމަށް ފާޑުކިޔުންތެރިން ވަރަށް ވަރުގަދަޔަށް ފާޑުކިޔާފައި ވީނަމަވެސް 3500 މިލިއަންގެ ބަޖެޓަކުން އުފެއްދި ފިލްމަށް މިހާރު ވަނީ ބަޖެޓޫ ފޫބެދި ފައިދާ ވާން ފަށާފަ އެވެ.