ގަލްފު ސަރަހައްދުގެ ސަލާމަތަށް ނުރައްކާ އެބައޮތްކަމަށް ބުނެ، އެ ސަަރަހައްދު ބެލެހެއްޓުމުގެ ގޮތުން އުފައްދާފައިވާ ކޯލިޝަންގައި ހިމެނޭ އެއްވެސް ގައުމަކުން، ރަސްމީ ސިފައެއްގައި ގަލްފު ސަރަހައްދު ބަލެހެއްޓުމުގެ މަސައްކަތް ކޮށްގެން ނުވާނެ ކަމަށް އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ރޫހާނީ މިހެން ވިދާޅުވީ، ސައުދީއަރަބިއްޔާގެ އަރަމްކޯއަށް ދިން ހަމަލާއާ ގުޅިގެން ސައުދީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއިން ސިފައިން ފޮނުވުމުން އެކަމާ ހިތްހަމަ ނުޖެހުމުގެ ގޮތުންނެވެ. އިރާންގައި ކުރިއަށް ދިޔަ އަސްކަރީ ޕެރޭޑެއްގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ، ގަލްފު ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން އަންނަ ބޭރުގެ ސިފައިންގެ ސަބަބުން ކުށެއް ނެތް އިރާނަށް އަބަދުވެސް ލިބެނީ ވޭނާއި ހިތްދަތިކަން ކަމަށެވެ.
އިރާން-އިރާގް ހަނގުރާމަ ފެށުނު މުނަސާބަތާ ދިމާކޮށް އިރާނުގައި ފާހަގަކުރާ ދިފާއި ހަފްތާ ފެށުމުގެ ގޮތުން އަސްކަރީ ޕެރޭޑުގައި އިތުރަށް ވާހަކަ ދައްކަވަމުން ރޫހާނި ވިދާޅުވީ، ގަލްފު ސަރަހައްދުގެ ސުލްހާއާ ބެހޭ ޕްލޭނެއް މި ހަފްތާގަައި އދ ހުށަހަޅާނެ ކަމަށެވެ. އަދި ޕްލޭންގެ ދަށުން ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން، ގަލްފުގައި ބޭރުގެ ސިފައިން ތިބުން ލާޒިމު ނޫން ކަމަށެވެ.
ގަލްފުގައި ބޭރުގެ ސިފައިން ގާއިމްވެތިބުމަކީ ގަލްފު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދި އިތުރު ރުޅި ވެރިކަން ގައުމުތަކުގެ މެދުގައި ކެކިއަރާނެ ކަމެކެވެ. ރޫހާނީ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ހެޔޮހިތަކުން ގަލްފު ސަރަހައްދުގެ އަމާންކަމަށް މަސައްކަތްކުރާ ގައުމެއްނެމަ ގަލްފު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހަތިޔާރުގެ ވާދަވެރިކަން ނުއުފައްދާނެ ކަމަށެވެ. އެހެންކަމުން އެމެރިކާ ގަލްފާއި ދުރުވާ ވަރަކަށް ގަލްފު ސަރަހައްދު އަމަން ވެގެންދާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.
މާޒީގައި އަވަށްޓެރިން ހިންގި ގޯސް ކަންކަމުގެ މަތިން ހަނދާން ނައްތާލުމަށް ފަހު އީރާނުން ސުލްހަވާން ތައްޔާރަށް އޮތް ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ. އަދި އެކަން ކުރުމަށް ޔޫރަޕާއި އެމެރިކާގެ އެހީ ގަލްފު ސަރަހައްދަށް ބޭނުންނުވާ ކަމަށް ރޫހާނީ ވިދާޅުވި އެވެ.