ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޫސުމީ ބަދަލުތަކުގެ ހައްލަަކަށް ރާއްޖޭގެ މޮޑެލް ބޭނުން ކުރޭ: ރައީސް

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގޮތުން ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްއަށް އެހެން ގައުމުތަކުން ވެސް އަމަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ 74 ވަނަ އދ. ގެ އާންމު މަޖިލީހުގެ ތެރެއިން ކްލައިމެޓް އެކްޝަން ސަމިޓްގައި އިނގިރޭސި ބަހުން ތަގުރީރު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ 21 ވަނަ ގަރުނުގައި ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލު ނުކޮށްފި ނަމަ ދުނިޔެއަށް އޭގެ ނުރައްކާ ކުރާނެ ކަމަށެވެ. އެ މައްސަލާގައި އެފަދަ ނުކުތާތައް ކޮންމެ ފޯރަމްތަކަށް ކުދި ގައުމުތަކުން އަބަދުވެސް އައިސް ތަކުރާރު ކުރައްވާ ކަމަށާއި ނަމަވެސް ގައުމުތަކުން ގުޅިގެން ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މޫސުމީ މައްސަލަތަކަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވްއަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތަކަށް ހާސިލު ކުރެވޭނެ ވަށާ ޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ މޮޑަލްއެއް ކަމަށެވެ. އޭގެ ބޭނުމަކީ ގުދުރަތީ ވެއްޓާއި ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައުތައް ބިނާ ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެހެން ކުދި ޖަޒީރާ ގައުމުތަކުން ވެސް އެ މޮޑަލް ބޭނުން ކުރުމަށް ގޮވާލާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެންގެ މޮޑަލް ބޭނުން ކުރަން، އޭގެ ސަބަބުން ކާބަންއާ ދުރު އިގްތިސާދެއް ލިބި މޫސުމާ ރައްޓެހި ގޮތަކަށް ތަރައްގީ ކުރެވި މޫސުމީ ބަދަލުތަކުން މި އަންނަ ނުރައްކަލުން ސަލާމަތް ވެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ދެއްވި ތަގުރީރުގެ ބައެއް އެމަނިކުފާނު ޓްވީޓު ކުރައްވާފައި --

ރާއްޖެއިން އަމަލު ކުރާ މޮޑެލްގައި 11 ކަމަކަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އާ އީޖާދުތަކުގެ އެހީހޯދުމާއި، އަތޮޅު ތެރެ ދަތުރުފަތުރުން ނިޒާމް ވަރުގަދަ ކުރުން ހިމެނެ އެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވައި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްގީ ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެފަދަ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެކަށީގެންވާ ފައިސާ ވެސް ބޭނުންވާނެ ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު އަމާޒު ހިފާފައި ވަނީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް 2020 ވަނަ އަހަރާ ހަމަޔަށް 100 ބިލިއަން ޑޮލަަރު ބަޖެޓެއް ބޭނުން ކުރުމަށް ހަމަ ޖެއްސުމަށް ކަމަށެވެ. ނަމަވެސްް އެ މުއްދަތު ހަމަވާން މަދު މަސްކޮޅެއް ކުރިޔަށް އޮތް އިރު އެ ލަނޑުދަނޑި ހާސިލް ކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުން ތިބޭފުޅުންނަށް އަޑު އިވިއްޖެ، އަޅުގަނޑުމެން އަޅާނެ ފިޔަވަޅުތައް ވެސް އިނގިއްޖެ، އަޅުގަނޑުމެން މިހާރު މި އެދެނީ ތިބޭފުޅުން ދެން ފިޔަވަޅު އަޅަން،" ތަގުރީރު ނިންމާލައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.