ސައިންސް

ޖައްވީ ހޮޓަލުގެ ކުރެހުންތައް ދައްކާލައިފި

ސައިންސްވެރިން ޖައްވުގައި މުހިންމު ދެ މަޝްރޫއެއް ހިންގަ އެވެ. އެއް ކަމަކީ ޖައްވީ ހޯދުންތައް ހޯދުމުގެ މަޝްރޫ އެކެވެ. ދެން ޖައްވީ ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތެވެ. މި ދެ މަސައްކަތް ކުރާ މީހުންގެ މެދުގައި ވެސް ވަނީ އަރައިރުންތައް އުފެދިފަ އެވެ. ޖައްވު ދިރާސާކުރާ މީހުން ޖައްވުން ދިރުމެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، ޖައްވީ ޓުރިޒަމް ފުޅާ ކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވަނީ ދިރާސާތައް ފަނި ކޮށްލައިގެން ކަމަށްވިޔަސް ޖައްވަށް ފަތުރުވެރިން ފޮނުވާށެވެ.

އެކަމަކު ޖައްވަށް ފަތުރުވެރިން ފޮނުވެން އޮތީ ޖައްވުގެ ދިރާސާތައް ކޮށްގެން ކަމަށްވުމުން ކޯޅުންގަނޑު ގަދަ ނުކޮށް މަޑުން ތިބެނީ އެވެ. އެހެން ނޫނީ މަހުޖަނު އިލޯން މަސްކް ހުންނެވީ މިހާރު ވެސް މާސްއަށް ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރަށެވެ.

މިއަހަރު ވަނީ އިންސާނަކު ހަނދަށް ފޮނުވިތާ 50 އަހަރު ވެފަ އެވެ. ކުރިން ފަށައިގެން މިއަދާ ހަމައަށް ސައިންސްވެރިން މަސައްކަތް ކުރަނީ ޖައްވަކީ އިންސާނުންނަށް އެކަށީގެންވާ މަންޒިލަކަށް ހަދާށެވެ. ބޭނުމަކީ އެސްޓްރޮނޯޓުންނާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

މި މަސައްކަތް ސައިންސްވެރިނަށް ކާމިޔާބު ކުރެވުނު ކަމަށް ބަލާނީ ދުނިޔޭގައި އިންސާނު އުޅޭހެން ޖައްވުގައި ވެސް އިންސާނުން އުޅޭނެ ފަދަ މާއަހުލެއް ގާއިމް ކުރެ ވުމުންނެވެ. މިކަން އަދި ކާމިޔާބު ނުވި ނަމަވެސް މިހާރު ސައިންސްވެރިން ވަނީ ޖައްވީ ހޮޓަލެއްގެ ކުރެހުން އާންމު ކޮށްފަ އެވެ. ކުރެހުމުން ފެންނަ ގޮތުގައި ޖައްވުގެ އެ ހޮޓަލަކީ ވެސް ޖައްވީ އުޅަނދެކެވެ. އެކަމަކު ހޮޓަލަކުން ލިބޭނެ ހުރިހާ ހިދުމަތެއް އެއިން ލިބެން ހުންނާނެ އެވެ.

ކެލިފޯނިއާގެ "ދަ ގޭޓްވޭ ފައުންޑޭޝަނުން" އުފައްދާ ޖައްވީ ހޮޓަލުގެ ތީރީޑީ ކުރެހުން އާންމު ކުރިއިރު އެއަށް ކިޔާނެ ނަމަކީ "ވޮން ބްރައުން ސްޓޭޝަން" އެވެ. ގޭޓްވޭ ފައުންޑޭޝަނުން މަސައްކަތް ކުރަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ހޮޓަލުގެ މަސައްކަތް ނިންމާ 2027 ވަނަ އަހަރުގެ ނިޔަލަށް އިންސާނުންނާއެކު ހޮޓާ ޖައްވަށް ފޮނުވާށެވެ. އެކަން ކުރުމަށް ގޭޓްވޭއަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކަކީ ސްޕޭސް އެކްސް އާއި އެމޭޒަން އާއި ބްލޫ އޮރިޖިން އެއިރޯސްޕޭސް، އަދި ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނެވެ.

ޖައްވީ ހޮޓަލުގެ ކޮޓަރީގައި ފަތުރުވެރިޔާ ހުންނައިރު ޖައްވުގެ މަންޒަރު ކުޑަދޮރުގެ އެހީގައި ބެލެން ހުންނާނެ އެވެ. ހޮޓަލުގެ ރެސްޓޯރެންޓުގައި އިންނައިރު ވެސް ޖައްވުގެ މަންޒަރުތައް ފަސޭހަ ކަމާއެކު ބަލައިލެވެން ހުންނާނެ އެވެ. މި ހޮޓަލުގައި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މީޓިން ރޫމްތައް ވެސް ހުންނާނެ އެވެ. އަދި ސުވިމިން ޕޫލާއި ކުޅިވަޅުރު ކުޅޭނެ އިންތިޒާމުތައް ވެސް ހުންނާނެ އެވެ.

ހޮޓާ ހުންނަނީ ވަށް ބުރެއްގެ ސިފައިގަ އެވެ. އަދި 360 ޑިގްރީގައި ޖައްވުގެ މަންޒަރު ބެލުމުގެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ކޮންމެ ކޮޓަރިއެއްގެ ބޭރުގައި ބިއްލޫރިން ހަދާފައިވާ ހާއްސަ ތަނެއް ހުންނާނެ އެވެ. ހޮޓަލުގައި ތިން ފްލޯ ހުންނައިރު، އެ ތިން ފްލޯ ވެސް ފަރުމާ ކުރަނީ އެންމެ ލަގްޒަރީ ފެންވަރުގަ އެވެ.

ގޭޓްވޭއިން ހޮޓަލުގެ މައުލޫމާތު ދެމުން ބުނީ، ވައް ބުރެއްގެ ސިފައިގައި ހޮޓާ ހެދުމުން ޖައްވުގައި ހުންނަ ގްރެވީޓީގެ ސަބަބުން ހޮޓާގައި ތިބޭ މީހުނަށް އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އާންމުކޮށް ހޮޓާތަކުގައި މީހުން އުޅޭހެން ޖައްވީ ހޮޓަލުގައި ވެސް އުޅެވޭނެ ކަމަށެވެ. ހޮޓަލުގެ އޮޕަރޭޝަންތައް ހިންގުމަށް އެއްވެސް ވަރަކަށް އާޓިފިޝަލް ގްރެވިޓީ ބޭނުން ނުކުރާނެ ކަމަށް ވެސް ގޭޓްވޭއިން ބުނެ އެވެ.

ޖައްވީ ޓޫރިޒަމަކީ އަގު ބޮޑު ކަމަކަށް ވިޔަސް ޖައްވުގެ މަންޒަރު ބަލާލަން ދާން ބޭނުންވާ އެތަކެއް މުއްސަދި ވިޔަފާރިވެރިން އެބަ ތިއްބެވެ. މި ހޮޓަލުގައި ޖައްވަށް ދިޔުމަށް މީހަކު ދައްކަން ޖެހޭނީ 9.5 މިލިއަން ޑޮލަރެވެ.