ދުނިޔެ

ޖަޕާނުން ރިސާޗް ސެޓެލައިޓެއް ހަނދަށް، ތިރިކުރެވޭނީ އަންނަ އަހަރު

ޖަޕާން އޭރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީ (ޖަކްސާ) އިން ރިސާޗް ސެޓެލައިޓެއް ހަނދަށް ފޮނުވައިފި އެވެ.

ޖަކްސާ ބުނާ ގޮތުން މި އުޅަނދަށް ހަނދުގެ ބިމަށް ތިރިކުރެވޭ ވަރު ވާނީ 2024 ގައި -- އަންނަ ފެބްރުއަރީގަ އެވެ.

މި އުޅަނދު ހަނދަށް ތިރިކުރުމުގެ ކުރިން ހަނދު ވަށައި ދިރާސާކުރާނެ އެވެ. އަދި އުޅަނދު ތިރިކުރުމަށް ޖަކްސާގެ ސައިންސްވެރިން ވިސްނާފައި އޮތް ސަރަހައްދު ވަރަށް ރަނގަޅަށް ބަލައި ފާސްކުރާނެ އެވެ.

ހަނދަށް ތިރިކުރުމަށްފަހު މި އުޅަނދުގައި ހުރި ސެންސަރުތަކުން ހަނދުގެ މާހައުލު ވަރަށް ރަނގަޅަށް ބަލާނެ އެވެ. އަދި އެއީ އިންސާނުން ހަނދަށް ގޮސް އުޅުމުގައި ޓެންޓް ޖަހަން އެެކަށީގެންވާ ސަރަހައްދެއްތޯ ވެސް ބަލާނެ އެވެ.

ޖަކްސާ ސައިންސްވެރިން ބުނާ ގޮތުން އިންސާނުން ގޮވައިގެން ހަނދަށް ދަތުރުކުރާ އުޅަނދު -- ހަނދުގެ ފަސްގަނޑަށް ތިރިކުރާ ހިސާބަކީ ރޭޑިއޭޝަން، އަދި ބާރުގަދަ އިލެކްޓްރޯމެގްނެޓިކް ވޭވެސް މަދު ހިސާބަކަށް ވާންޖެހެ އެވެ.

ހަނދުގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް، އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން އައި ނަމަވެސް، އިންސާނުން ގޮސް އުޅޭ ހިސާބަކީ ލާހިކު މާހައުލަކަށް ވާން ޖެހެ އެވެ.

ޖަކްސާގެ އުޅަނދަށް ކާމިޔާބުކަމާ އެކު ހަނދަށް ދެވިއްޖެނަމަ މި އުޅަނދުން އެއްކުރާ މައުލޫމާތު -- ނާސާ އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީއިން އެއްކޮށްފައި ހުރި މައުލޫމާތާ އަޅާ ކިޔާނެ އެވެ.

ނާސާ އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީ އިން އެއްކޮށްފައި ހުރީ ތެދު މައުލޫމާތު ކަމަށްވާނަމަ، ޖަކްސާގެ އުޅަނދަށް ބޮޑު ލުޔަކަށް ވާނެ ކަމަށްވެސް ސައިންސްވެރިން ބުނެ އެވެ.

ޖަޕާނުން އުޅަނދެއް ހަނދަށް ފޮނުވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުރި މަސައްކަތް ވަނީ ފޭލިވެފަ އެވެ. މިހެންކަމުން މިއީ ޖަޕާނަށް ވަރަށް މުހިންމު ދަތުރުަކަށް ވާނެ އެވެ.

ހަނދަށް އުޅަނދެއް ފޮނުވުމަށް އަވައްޓެރި އިންޑިއާއިން ކުރި ބުރަ މަސައްކަތްތަކަށް ފަހު މިހާރު ވަނީ އުޅަނދެއް ހަނދަށް ފޮނުވާފަ އެވެ. އަދި އެ އުޅަނދުން ކުރަން ހުރި މަސައްކަތްތައް ނިންމުމަށްފަހު ވަނީ އިންޖީން ނިއްވާލާފަ އެވެ.

އިންޑިއާއަށް ހަނދަށް އުޅަނދެއް ފޮނުވުނީ ދެ ފަހަރު ފޭލިވުމަށްފަހު، ތިންވަނަ ފަހަރު ކުރި މަސައްކަތުންނެވެ.